މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްއާއި އޭނާގެ ބައިވެރިޔާ ޓްރެވިސް ކެލްސްގެ ކައިވެންޏަށް ވަމުން އަންނަ ތައްޔާރީތައް ހިއްސާ ކޮށްފި އެވެ.
"ދަ ގްރަހަމް ޝޯ"އަށް ދިން އިންޓަވިއުއެއްގައި ޓޭލާ ބުނީ އެ މީހުންގެ ކައިވެނި ވާނީ ވަރަށް ކުލަގަދަ ހަފްލާއަކަށް ކަމަށާއި ދާއިރާގެ ފަންނާނުންނަށް ދައުވަތު ދޭނެ ކަމަށެވެ.
"އަހަރުމެން އެބަ ބަލަން އެއްވެސް މީހަކު ދޫކޮށްނުލާ ވޭތޯ. ތިކޮޅަށް ވެސް ވަރަށް އަވަހަށް ދައުވަތު ކާޑެއް ލިބޭނެ" ހިނިގަނޑަކާއެކު ޓޭލާ ބުންޏެވެ.
ޓޭލާ އިތުރަށް ބުނީ ކައިވެންޏެއް ރޭވުމަކީ ވަރަށް މަޖާ ކަމަކަށް ވާނެ ކަމަށާއި އެކަން ކުރަން އޭނާއާއި ޓްރެވިސް ކެތް މަދުވެފައިވާ ކަމަށެވެ.
އެއާއެކު ކައިވެނީގެ އެކި ކަންކަން އާއިލާއާއި ރަހުމަތްތެރިންނާއެކު މަޝްވަރާ ކުރެވެމުން އަންނަ ކަމަށާއި ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ވެސް ޓޭލާ ބުނެފައިވެ އެވެ.
މިދިޔަ އޮގަސްޓް މަހު ޓޭލާއާއި ޓްރެވިސް އެންގޭޖް ވުމާއެކު އެ ދެމީހުންގެ ކައިވެނީގެ ހަބަރުތައް މީޑިއާގައި ފެތުރެން ފެށި އެވެ. އެގޮތުން ކައިވެނި އޮންނާނެ ތާރީހާއި ތަނުގެ ވާހަކަ އެކި ގޮތްގޮތަށް ދެކެވޭއިރު އެއިން އެއްވެސް ކަމެއް ޓޭލާ ޔަގީން ކޮށްދީފައެއް ނުވެ އެވެ.
ދެ އަހަރު ދުވަސް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ޓްރެވިސްއާއި ޓޭލާ ކައިވެނި ކުރަން އުޅޭކަން އިއުލާން ކުރުމާއެކު ގިނަ ބަޔަކު ވަނީ އެމީހުންނަށް މަރުހަބާ ކިޔާފަ އެވެ.