މިނިވަން މީޑިއާތައް ކަސްތަޅު އަޅުވައި، ސަރުކާރުގެ މުށުތެރެއަށް ލުމަށް ރައީސް މުހައްމަދު މުއިއްޒު ހެދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެންބަރުންގެ މަގާމަށް 10 މީހަކު ކުރިމަތިލައިފި އެވެ.

މި މައްސަލަ ދިރާސާކޮށް، އެ ކޮމިޝަނަށް ބޭފުޅުން އައްޔަން ކުރެއްވުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފަ އެވެ.

ރާއްޖޭގައި ގިނަ މީޑިއާތައް ބަލައި ނުގަންނަ ކޮމިޝަނަކީ 7 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ކޮމިޝަނެކެވެ. މީގެ ތެރެއިން 4 މެންބަރުން މީޑިއާތަކުގެ މެދުގައި ބާއްވާ އިންތިޚާބަކުން އައްޔަން ކުރި 3 މެންބަރުން އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ގާނޫނުގައި ބުނެފައި އޮވެ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަނަށް މަޖިލީހުން އައްޔަން ކުރާ މެންބަރުންނަށް އެ ފުރުސަތު މަޖިލީހުން ހުޅުވާލީ މިދިޔަ މަހުގެ 30ވަނަ ދުވަހު އެވެ. އެ ފުރުސަތުގެ މުއްދަތު ހަމަވިއިރު 10 މީހަކު ކުރިމަތިލި ކަމަށް މަޖިލީހުން ބުނެ އެވެ. މީގެ ތެރޭގައި މީޑިއާ ރެގިއުލޭޝަން ގާނޫނަށް ގެނައި އިސްލާހާއެކު އުވިފައިވާ މޯލްޑިވްސް މީޑިއާ ކަައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގެ އިސްބޭފުޅުން ހިމެނެ އެވެ.

މީޑިއާ ކޮމިޝަނަށް ކުރިތިލި މީހުން

  1. ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ
  2. މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް
  3. ސަފާ ޝަފީގު، ދ. މީދޫ، ބިއްލޫރިވިލާ
  4. އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި
  5. އިބްރާހިމް މުހައްމަދު، ގ. ވިންޑް
  6. މޫސާ ރިލްވާން، މ. ހާވިލާ
  7. ފާރިސް ތޯހާ، ހ. ސޯސަން
  8. ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580
  9. މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ
  10. ޝަފީގާ ނައީމް، ފ. ނިލަންދޫ، ބީޗް ސައިޑް

މީޑިއާ ކޮމިޝަނަށް ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުން ހޮވަން ހުޅުވާލުމުން އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އިންތިޚާބަކާ ނުލައި މިހާރު ވަނީ ހޮވިފަ އެވެ. އެގޮތުން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރު ކަމަށް އަބްދުލް އަޒީޒް އިބްރާހީމާއި ޒަމްޢަތު އަހުމަދު ވަހީދު ހޮވިފައިވާއިރު އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރު ކަމަށް ވަގުތު ނޫހުގެ އޮފީހުގެ އިންޗާޖް ސިމާހާ ނަސީމާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ޙުސައިން ސަގީފު ވަނީ ހޮވިފަ އެވެ.