ރޯދަމަހަކީ މުސްލިމުންގެ އުޅުމާއި ވައްޓަފާޅިއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. ދީނީގޮތުން އަންނަ ބަދަލު ތަކާ ސަގާފީ ބަދަލުތައް މީގެ ތެރޭގައި ހުރެ އެވެ. ރާއްޖެއަށް ވެސް ރޯދަމަހަކީ ވަރަށް ހަލަބޮލި މަހެކެވެ. ރޯދަޔަށް ހަނދު ބެލީއްސުރެ އީދާ ހަމަޔަށް ތަފާތު ގިނަ ހަރަކަތްތަކެއް ހިނގަ ހިނގާ އޮވެ އެވެ. އޭގެ ތެރޭގައި ކެއުމުގެ އެކި ހަފުލާތަކާއި މުނިފޫހިފިލުވުމުގެ ތަފާތު ކަންތައްތައް ކުރިއަށްދެ އެވެ. ޒަމާނަށް އަންނަ ބަދަލުތަކާއެކު މިބާވަތުގެ ކަންތައްކޮށް އުޅޭ ގޮތް ބައެއް ކަހަލަ ބަދަލު އައިކަމަށް ވިޔަސްއެކު ރޯދަމަހަކީ ދީނީ މުނާސަބަތުތަކާއެކު ކުޅިވަރާއި މުނިފޫހި ފިލުވުމުގެ މައްސަރެކެވެ. ތިރީގައި ބަލައިލާނީ މީގެ 400 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި ރޯދަމަހުގައި ކަންތައް ހިނގާ ގޮތަށެވެ.
ރޯދަޔަށް ހަނދު ބެލުން
ރޯދަޔަށް ހަނދު ބެލުމަކީ ހުރިހާ ހިސާބެއްގައި ވެސް މުސްލިމުން ޚާއްސަ ސަމާލުކަމެއް ދީގެން ކޮށް އުޅޭ ކަމެކެވެ. ފަލަކީ ހިސާބާއި ރޭޑިޔޯއާއި ޓީވީ ފަދަ މުވާސަލާތީ ވަސީލަތެއް އަމުދުން ނެތް ދުވަސްވަރެއްގައި މިކަމުގެ މުހިންމު ކަން ވަރަށް ބޮޑުވާނެކަން ޔަގީނެވެ.
މީގެ ހަތަރުސަތޭކަ އަހަރަށް ވުރެ ކުރިން ރާއްޖޭގައި ދިރި އުޅުއްވި ފަރަންސޭސި ސައްޔާހު ޕިރާޑު ލިޔެފައިވާ ގޮތުގައި ކޮންމެ މަހަކަށް ހަނދު ބެލުމަކީ ވެސް ދިވެހިންނަށް ވަރަށް ޚާއްސަ ދުވަހެކެވެ. އޭގެ ތެރެއިން ވެސް އެންމެ ޚާއްސަކަމަކީ ރޯދަ މަހަށް ހަނދު ބެލުމެވެ. ރޯދަޔަށް ހަނދުބެލުމަށްޓަކައި ވަރަށް ފޯރިޔާއެކު އެންމެން ވެސް މަސައްކަތް ކުރާނެ އެވެ.
ޕިރާޑު ލިޔުއްވާގޮތުގައި ހަނދު ފެންނަ މީހަކީ އެ މީހުންގެ ތެރެއިން ވަރަށް ޚާއްސަ މީހެކެވެ. ހަނދު ފެނުމުން އެކަކު އަނެކަކަށް ދައްކައި އުޅޭނެ އެވެ. ހަނދު ފެނުމާއެކު ރަދުންގެ އަމުރުފުޅަށް ބޮޑުބަޑިއާއި ކުދިބަޑި ޖަހަ އެވެ. އެއަށްފަހު ބެރުދުންމާރި ތާޅަފިލިން ލަވަތައް ކުޅެ އެވެ. ހަނދު ފެނުމާއެކު ވަރަށް ފޯރީގައި ކުރާ ޚާއްސަ ކަމެއްގެ ގޮތުގައި ޕިރާޑު ސިފަކޮށްފައިވާ ކަންތައްތަކެއްވެ އެވެ.
"އެއީ ބޮޑެތި ނާށިތައް ފުރާ ދޮންވެލި އަޅައިގެން އޭގާ މީރުވަސް ދުވާ އެއްޗެތި އެންދުމެވެ. މިއަށް މާވަހަރާ ލާދަނާ އަދި އެހެންވެސް މީރުވަސް ދުވާ ލަކުޑިތައް އަޅައިގެން ދުންބުރުވުމެވެ. މި ނާށިގެ ދުންކިބާ ތައް އެބައިމީހުންގެ ގޭތެރޭގަޔާއި މެދުގޯތި ތެރޭގަޔާއި އަދި މަގުތައްމަތީ ވަކި ތަރުތީބެއްގެ މަތިން އަތުރައެވެ."
ރޯދަމަހުގެ ބައެއް ޚާއްސަ އާދަތައް
ރޯދަމަސް ގާތްވެގެން އަންނަ އިރު ގެދޮރުގެ ސާފު ތާހިރުކަމަކީ ވެސް ދިވެހީން ވަރަށް އިސް ކަމެއް ދީގެން ކޮށް އުޅުނު ކަމެކެވެ.
ޕިރާޑު ބަޔާންކުރާ ގޮތުގައި ރޯދަ މަސް ކައިރި ވެގެން އަންނައިރު ބަދިގޭގައި ގެންގުޅޭ ސާމާނާއި ބަދިގެ އުނގުޅައި ސާފު ކުރެ އެވެ.
ޕިރާޑު ލިޔެފައިވެ އެވެ. "އެބައި މީހުންގެ ގެދޮރާއި ފަރުނީޗަރުތައް ދޮވެ ސާފުކޮށް ހަދަނީ މިފަދަ ވިސްނުންތެރިކަމާއެކު ބަލައިގެންނެވެ. އަހަރެން ހީކުރާގޮތުގައި ދިވެހިންނަކީ މިކަމުގައި އަހަރެން ދެކެފައިވާ އެންމެ ގޮތްހުރި އެންމެ ތާހިރު މީހުންނެވެ."
ޕިރާޑު ބަޔާން ކޮށްފައިވާ ގޮތުން އޭރު ވެސް ރޯދަމަހު ދިވެހިންގެ މެދުގައި އެހެން މަސްމަހާ ތަފާތު ޚާއްސަ އާދަތަކެއް އޮވެ އެވެ. މުލަރޯދަ ވިލޭރޭ އަންހެނުންނާއި ފިރިހެނުން ވަކިން ބައިބަޔަށް ރައްޓެހިންނާއި ތިމާގެ މީހުންގެ ގޭގެއަށް ގޮސް އެންމެން އެކުގައި ކައި، މަޖާކުރާނެ އެވެ. އެއިގެ ތެރޭގައި ލަވަކިޔުމާއި ނެށުން ފަދަ ކަންކަން ވެސް އޮންނާނެ އެވެ. ފަޖުރުލުމާ ދާދިގާތަށް މިކަން ދެމި އޮންނާނެ އެވެ.
ޕިރާޑު ބުނެފައިވާގޮތުން ކުޅިވަރު ހަރަކާތް ފެށުމުގެ ކުރިން އެމީހުން ރަނގަޅަށް ހިނައި ތާހިރުވާނެ އެވެ.
ރޯދަ މަހުގެ ދުވާލު ފިރިހެނުންނަށް ބޭނުން ވަރަކަށް ފެންވެރިދާނެ އެވެ. ނަމަވެސް އެމީހުންގެ ބޯ، ފެންގަނޑުގެ ތެރެއަށް ގަންބައިގެން ނުވާނެ އެވެ. އަންހެނަކަށް ދުވާލު ފެންގަނޑަކަށް އެރި ފެން ވެރުމުގެ ހުއްދައެއް ނޯވެ އެވެ.
ރޯދަ ވީއްލުން
މިހާރެކޭ ވެސް އެއްފަދައިން އެޒަމާނުގައި ވެސް އިރު އޮއްސެން ގާތް ނުވަނީސް އެކިވައްތަރު މީރު އަގުބޮޑު ކާނާ ހަދައި، ރައްކާކޮށްފައި ބަހައްޓާ ކަމަށް ޕިރާޑު ލިޔެފައިވެ އެވެ. އޭނާ ލިޔެފައިވެ އެވެ. "އެބައިމީހުން އެ ތައްޔާރުކުރާ ތަކެތީގެ ވައްތަރުތައް ގިނަކަމާ އަދި އެކަމަށް ކުރާ މަސައްކަތުގެ ބޮޑުކަން ދެކެފިއްޔާ ކަލޭމެން ހައިރާން ވެދާނެ އެވެ."
ރޯދަމަހު އެ މީހުން ކުރާ ޚަރަދުތައް އޭގެ ކުރީ ހަމަސް ދުވަހުގެ ޚަރަދާ ނުބައްދަލު ކަމަށް ވެސް ޕިރާޑު ލިޔެ އެވެ.
އިރު އޮއްސޭން ކައިރިވިމުން ފަނަރަ އަހަރުން މަތީގެ ހުރިހާ ފިރިހެނުން ދާނީ މިސްކިތަށެވެ. މިސްކިތަށް ގޮސް ރޯދަ ވީއްލުމުގެ ކުރިން ދަތް އުނގުޅައި އަނނަ ސަފުކުރާނެ އެވެ. މިސްކިތުން، ރޯދަވީއްލައި ނަމާދުކޮށް ނިމުމަށްފަހު އެންމެން އަވަސް ވެގަންނާނީ އެންމެން ބައިބަޔަށް ކައި ބޮއި މަޖާ ކުރުމަށެވެ.
ރަދުންގެ ޖާފަތް
ރޯދަ މަހުގެ އެކި ދުވަސް ދުވަހު އެކި ގްރޫޕް ގަނޑުވަރަށް ގެންދަވައި ރަސްގެފާނުގެ ޖާފަތުގައި ބައިވެރި ކުރައްވާކަމަށްވެ އެވެ. އެކި ރޭރޭ މިޖާފަތުގައި ބައިވެރި ވާނީ އެކި ދަރަޖައިގެ މީހުންނެވެ. ޕިރާޑު ބުނާ ގޮތުން ރަސްގެފާނުގެ މިޖާފަތް ވެސް ތައްޔާރު ކުރައްވަނީ ވެސް ވަރަށް ބޮޑު ޚަރަދު ކުރައްވައިގެން ނުހަނު އިއްޒަތްތެރިކަމާ އެކީގަ އެވެ.
ރަސްގެފާނެކޭ އެއްފަދައިން ކިލެގެ ބޭކަލުންނާއި ދައުލަތުގެ ބޮޑުން ވެސް މިފަދަ ޖާފަތް ދެއްވާ ކަމަށްވެ އެވެ. މިތަނުގައި މިބުނާ ޖާފަތްތަކަމީ ރޯދަ ވީއްލުން ކަމަށް ބެލެވެ އެވެ. މިއީ މިއަދު ވެސް ދިވެހިންގެ ތެރޭގައި ދެމިއޮތް އާދައެކެވެ.
ވައުޒު ބުނުން
ވައުޒު ބުނުން ނުވަތަ ދީނީ ނަސޭހަތް ދިނުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ރޯދަމަހުގެ ބައެއްގެ ގޮތުގައި އޮންނަ ކަމެކެވެ. ޕިރާޑުގެ ޒަމާނުގައިވެސް މިކަން މިގޮތަށް އޮތް ކަމަށްވެ އެވެ.
އޭނާ ލިޔެފައިވާ ގޮތުގައި ރޯދަ މަހުގެ ކޮންމެ ދުވަހަކު ހަވީރު ތިނެއްޖަހާއިރު ފަނޑިޔާރު މީހާ ވައުޒު ބުނާނެ އެވެ. މިކަން އޮންނަނީ ބައެއް ދުވަހު ފަނޑިޔާރު ގޭގަ އެވެ. ބައެއް ދުވަހު މިސްކިތުގަ އެވެ. އަނެއްބައި ދުވަހު ރަސްގެފާނުގެ ގަނޑުވަރުގަ އެވެ. މިއަޑު އެހުމަށް މާލޭގެ އެންމެންހެން ހާޒިރުވާނެ އެވެ.
ރޯދަ މަހާއި ލޯބި
ދެ ޖިންސުގެ މެދުގައި ލޯބީގެ ގުޅުން ރޯދަ މަހުގައި އެހެން ހުރިހާ މަހަކަސް ވުރެވެސް އިތުރުވުމަކީ މިހާރުގެ ދިވެހި މާހައުލަށް ވެސް ފެތޭ އާދަޔަކަށް ވެދާނެ އެވެ. ހަމަ އެފަދައިން ހަތަރު ސަތޭކަ އަހަރު ކުރިން ވެސް މިކަން މިހެން އޮތް ކަމުގައި ޕިރާޑު ބަޔާންކުރެ އެވެ.
ޕިރާޑު ބުނާގޮތުން އެހެން ހުރިހާ ދުވަސްވަރަކާ ޚިލާފަށް ރޯދަމަހުގެ ތެރޭގައި ދެޖިންސުގެ ކުދިންގެ މެދުގައި ލޯބީގެ ގުޅުން ހިނގާލެއް މާ ގިނަ އެވެ. މިކަން ކުރުމުގައި އެކަކު އަނެކަކަށް ޅެން ލިޔެ، ފޮނުވަ އެވެ. ދިވެހި ރުކުގެ ބޮންތި ފަންވަތުގައި 12 ނުވަތަ 14 ބައިތުގެ މައްޗަށް އެކުލެވޭ ޅެނަތައް ލިޔެ އެކަކު އަނެކަކަށް ފޮނުވަ އެވެ. ފިރިހެން ކުދިން މީރުވަސް ދުވާ ތާޒާ މާބިނދެގެން ރީތިކޮށް މާބޮނޑިތައް ގެތުމަށްފަހު އަންހެންކުދީންނަށް ދެ އެވެ. މީގެ ބަދަލުގައި އެ ކުދީން ފޮނުވާކަމަށް ވަނީ ހެދި ބިލެތެވެ. މި ބިލެތަކީ ވަރަށް ކަމޭހިތައިގެން ތައްޔާރުކުރާ އެއްޗެކެވެ.
ރޯދަމަސް ކުރިޔަށް ދާއިރު ދީނީ އަޅުކަމާ އެއްވަރަކަށް މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުމަކީ ޒަމާނުއްސުރެ ހިންގަމުން އަންނަ ކަމެއްކަން ޕިރާޑުގެ މިވާހަކަތަކުން އެނގިގެންދެ އެވެ. އެ ދުވަސްވަރުގެ އާދަކާދަތަކާ މިހާރުގެ އާދަކަދަތަކާ ބަލާއިރު ޓެކްނޮލޮޖީ އާއި މުވާސަލާތަށް އައި ބަދަލާ ގުޅިގެން ކަންކުރާގޮތަށް އައި ބަދަލެއް ފިޔަވައި އާދަކާދަތަކަށް މާ ބޮޑު ބަދަލެއް އައި ކަމަށް ނުބުނެވޭނެ އެވެ.