އައްޑޫ ބައިބައިކުރަން ރައްޔިތުންގެ ހިޔާލު ހޯދުމަށް ކުރިއަށް ދިޔަ ވޯޓުގައި ކިޔޫތައް ބަންދުކޮށް، ވޯޓު ގުނުމުގެ މަސައްކަތް ފަށައިފިއެވެ.

ހެނދުނު 8:00 ޖެހިއިރު ވޯޓުލުން ފެށިއިރު، 4:00 ޖަހާއިރަށް ގިނަ ފޮށިތަކުގެ ވޯޓު ލުން ނިމި، ކިޔޫތައް ވަނީ ބަންދުކޮށްފައެވެ.

އެއަށްފަހު ވޯޓު ގުނުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަބްދުއްރަހުމާން ސަލާހު ރަޝީދު ވިދާޅުވީ، 3:00ގެ ފަހުން ވޯޓު ފޮށިތައް ބަންދުކުރާ ވަގުތު ކައިރިވުމުން ކިޔޫތައް ދެމިގެންދިޔަ ކަން ފާހަގަކުރެވުނު ކަމަށާއި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ 50 އިންސައްތަ މީހުންނަށް ވޯޓުލެވިފައި އޮންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ވޯޓު ގުނަން ފަށާފައިވާއިރު، ދޮޅު ގަޑިއިރެއްހާއިރު ތެރޭ ވަގުތީ ނަތީޖާތައް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން އީސީން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، 3:00 އާއި ހަމައަށް ވޯޓުލާފައި ވަނީ، 3،410 މީހުންނެވެ. އެއީ، ވޯޓުލުމުގެ ހައްގުލިބިފައިވާ މީހުންގެ 35 އިންސައްތައެވެ.