ހުޅުމާލޭގެ އެމްޕީއެލް ބަނދަރުގައި ހުއްޓައި 13.6 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި ތިން މީހުންނަކީ، އެ ކަމަށް އެހީތެރިވިކަމަށް ތުހުމަތުކުރާ އެމްޕީއެލްގެ މުވައްޒަފުންކަން ހާމަވެއްޖެ އެވެ.
ސިނގިރޭޓު ވައްކަމާ ގުޅިގެން ހުކުރު ދުވަހު އެކަމަށް އެހީތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ހދ. ވައިކަރަދޫ، ނޫރަލީގެ، އަހުމަދު ޝަމީމް، 42، އާއި ހ. ރުމޭނިއާ، އަހުމަދު ފިރުޝާން، 35، އަދި އައްޑޫ ހިތަދޫ، ޗާންދަނީގޭ، ހުސައިން ސާމިހް، 35، އެވެ.
"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި މި ތިން މީހުންނަކީ ވެސް މި ވައްކަމަށް އެންމެ އިސްކޮށް އެހީވިކަމަށް ތުހުމަތުކުރާ އެމްޕީއެލްގެ ތިން މުވައްޒަފުންނެވެ. އަދި އެތަނުން އެކަކީ އެ ވައްކަން ކުރި ވަގުތު ހުޅުމާލެ ބަނދަރުގެ ސީސީޓީވީ ކެމެރާ ނިއްވާލި މީހާކަން ވެސް އެނގިފައި ވެ އެވެ.
40 ފޫޓޫގެ ދެ ކޮންޓެއިނާ ސިނގެރޭޓްގެ މި ބޮޑު ވައްކަމާ ގުޅިގެން އެމްޕީއެލް އިން މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑުކުރި ހަ މީހުންގެ ތެރޭގައި ވެސް ޝަމީމާއި ފިރުޝާން އަދި ސާމިހު ހިމެނެ އެވެ.
ތަހުގީގުގެ ބޭނުމަށް ޝަމީމާއި ސާމިހު ހަތް ދުވަހަށް ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ ހޮނިހިރު ދުވަހު އަމުރުކޮށްފަ އެވެ. ފިރުޝާން ބަންދުކުރަން އަމުރު ނެރުނީ ފަސް ދުވަހުގެ މުއްދަތަށެވެ. ދެން ތިބި ދެ މީހުންގެ ބަންދަށް ޖެހީ ހަތް ދުވަހެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް، އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގިކަމުގެ ތުހުމަތުގައި މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓް ދެ ކޮންޓެއިނަރު ވަގަށް ނަގަން ފަންޑުކުރި ކަމުގެ ތުހުމަތުގައި މަޝްހޫރު ވިޔަފާރިވެރިޔާ އަދި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ވަނީ ހައްޔަރުކޮށްފަ އެވެ.
މި މައްސަލައިގެ ތަހުގީގަށް 12 މީހަކު ރާއްޖެ އިން ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް އެ މީހުންގެ ތަފުސީލު ފުލުހުން ހާމައެއްނުކުރެއެވެ.
އެމެރިކާއިން ކޮލަމްބިއާގެ ރައީސަށް ފިޔަވަޅު އަޅައިފި
ސައިބަ ކްރައިމްއާ ދެކޮޅު މުއާހަދާގައި ރާއްޖެ ސޮއިކޮށްފި
އެއް އަހަރެއްގައި މިނިވަންކަން ލިބުނު ސިންގަޕޫރާއި ރާއްޖެ