ފަނޑު އަލީގައި ނިދުމަކީ އަހަރުމެންގެ ތެރެއިން ވަރަށް ގިނަ މީހުންގެ އާދަ އެކެވެ. ލޮލަށް ކުރާ ބާރު ކުޑަވާތީއާއި ނިދަން ވެސް ފަސޭހަވާތީ އެވެ.

މިފަހަރު ސައިންސުން ވެސް މިވަނީ މިކަން ކުރުމުގެ މުހިއްމުކަން ހާމަކޮށްދީފަ އެވެ. ދާދި ފަހުން ހެދި ދިރާސާއަކުން އެނގިފައިވާ ގޮތުގައި ގަދަ އަލީގައި ނިދާމަށް ހިތުގެ ސިއްހަތަށް ގެއްލުންވެ އެވެ.

އެ ދިރާސާގައި ބުނެފައިވާ ގޮތުގައި އޯވާހެޑް ހޮޅިބުރި ނުވަތަ ބޮކި ހުންނަ އަލިގަދަ ކޮޓަރިތަކުގައި ނިދާ މީހުންނަށް ހިތުގެ ބަލި ނުވަތަ ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު 56 ޕަސެންޓް އިތުރެވެ.

މީގެ އިތުރުން ވެސް އެފަދަ މީހުންނަކީ ހިތް ފެއިލްވުމާއި، އާޓަރީ ޑިޒީސް އަދި ސްޓްރޯކް ފަދަ ދިގު މުއްދަތުގެ ބަލިތަކަށް ވެސް ހުށައެޅިފައިވާ މީހުން ކަމަށް އެ ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.

ދިރާސާގައި އިތުރަށް ބުނެފައިވަނީ ގަދަ އައްޔަކީ ސިކުނޑިން އުފައްދައިދޭ ސްލީޕް ހޯމޯންސް އުފެއްދުމަށް ހުރަސް އަޅާ ކަމެއް ކަމަށާއި ނަތީޖާއަކަށްވަނީ ނިދަން އުނދަގޫވެ ހަށިގަނޑުގެ ގުނަވަންތަކަށް ބޭނުންވާ އަރާމު ނުލިބުން ކަމަށެވެ.

އެހެން ކަމުން ނިދާ ގަޑީގައި ބޮކިތައް ނިއްވާލަން މާހިރުން ބާރު އަޅާއިރު އައްޔެއް ބޭނުންވާ ނަމަވެސް ލޮލަށް އުނދަގޫނުވާ ވާމް ލައިޓް ނުވަތަ ފަނޑު އައްޔެއް ބޭނުން ކުރަން އެ ފަރާތްތަކުން ލަފާދެ އެވެ.