ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފައި ވާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މައްސަލަ މިއަދު ބަލައިގެންފި އެވެ.

ޔާމީން ފަސް އަހަރަށް ޖަލަށް ލުމުގެ އިތުރުން އެ މަނިކުފާނު ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމާނާ ވެސް ކޮށްފަ އެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއިދުކޮށްފަ އެވެ.

މިއަދު ޔާމީން ޖަލު ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތަސް އަޑުއެހުން ބާއްވާނެ ދުވަހެއް ހާމައެއް ނުކުރެ އެވެ.

މަނީ ލޯންޑްރިންގެ ދައުވާ ޔާމީންގެ މައްޗަށް ދައުލަތުން ކުރީ، އެ މަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.

އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އެ ފައިސާގެ އަސްލު އޮޅުވާލި ކަމަށް ވަނީ ސާބިތުވެފަ އެވެ.

އެ މައްސަލާގައި ޔާމީން ޖަލަށް ލައި ޖޫރިމަނާކުރަން ހުކުމްކުރީ ނޮވެމްބަރު 28، 2019 ގަ އެވެ.