އެއް ޓަނުގެ ހައިމާކަކާއި ކޮޅުވެއްޓިއެއް ހިފައިގެން ރަށްރަށަށް ވަޑައިގެން ގެނެވޭނީ ކޮން ތަރައްގީއެއްތޯ ވިދާޅުވެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް މުހައްމަދު މުއިއްޒުއަށް ފާޑުވިދާޅުވެއްޖެ އެވެ.

"ހޯރަފުށީ ދުވަސް" ފާހަގަކުރުމަށް އެރަށުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުއްދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މާލެ ކައިރީގައި ފަތުރުވެރިކަން ތަރައްގީވުމުގެ ނަތީޖާ އަކީ މާލެ ތަރައްގީވެގެންދިޔުން ކަމަށެވެ. އެކަމުގެ ސަބަބުން ހުރިހާ ހިދުމަތެއް ހޯދަން އަންނަންޖެހިފައި ވަނީ މާލެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހުރިހާ ކަމަކަށް މާލެއަށް ބަރޯސާވުން ހުއްޓުވޭނީ އެކި ސަރަހައްދުތަކުން ހިދުމަތް ދީގެން ކަމަށެވެ.

މިދިޔަ ސަރުކާރުން ހޯރަފުށީގައި ފަށާފައިވާ ބައެއް މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ މަޝްރޫއުތައް ހުއްޓިފައި ވަނީ މި ސަރުކާރުގައި ރޭވުންތެރި ޕްލޭނެއް ނެތުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މި އަހަރު ނިމެމުން މިދަނީ 55 ބިލިއަނާއި 56 ބިލިއަންގެ ބަޖެޓެއް ހުސްވަމުން ކަމަށާއި ރާއްޖޭގެ ތަރައްގީއަށް އެ ބަޖެޓުން ކުރެވުނު ކަމެއް ނެތް ކަމަށެވެ.

"ހޯރަފުށީގެ ވާހަކަ ތިބޭފުޅުން ތިދެއްކެވީ. އަޅުގަނޑު ދާ ކޮންމެ ރަށަކުން އެ ޝަކުވާ އާދޭ. މި ދައްކަނީ މަދު އަދަދެއްގެ ފައިސާގެ ވާހަކައެއް ނޫން. ތަފްސީލެއް ހާމައެއް ނުކުރޭ. ބަޖެޓެއް ހުށަހަޅާ އިރު ކަން ކުރާނެ ގޮތެއް ތަފްސީލެއް ނުދެއްވާ. ދެން ކިހިނެއްތޯ ކަމެއް ކުރާނީ. މިއަދު އަޅުގަނޑުމެންނަށް މި ފެންނަނީ ވަރުބަލިކަމެއް ނެތި ރާއްޖެގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާތަން. 1 ޓަނުގެ ހައިމާކަކާއި ކޮޅުވެއްޓިއަކުން. އެނޫން ކަމެއް ނުފެނޭ. ދެން ކޮން ތަރައްގީއެއްތޯ ގެނެވޭނީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.