ބޭންކް އޮފް މޯލްޑިވްސް އިން މިރޭ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޑޮލަރު އޭޓިއެމްއަކާއި ޑޮލަރު ދޫކުރާ ކައުންޓަރެއް ގާއިމުކޮށް، ދަތުރުވެރިންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

މި ހިދުމަތްތައް ފައްޓަވައިދެއްވީ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ހާއްސަ ރައްމިއްޔާތެއްގައި ރައީސް މުހައްމަދު މުއިއްޒެވެ.

ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ހަނިމާދޫ އިންޓަަނޭޝަނަލް އެއާޕޯޓުން ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އެ ބޭންކަށް ލިބޭ އުފަލެއް ކަމަށެވެ.

"ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގައި ޑޮލަރު ކައުންޓަރާއިއެކު ޑޮލަރު އޭޓީއެމްވެސް ގާއިމުކުރެވުމުން ހާމަވެގެންދަނީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެތާކުންވެސް ބޭންކުގެ ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ ވަސީލަތްތައް ގާއިމުކުރުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަން،" ޝަރީފް ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 202 ސެލްފްސަރވިސް ބޭންކިން ސެންޓަރު، 262 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.