ފުވައްމަލަކުގައި ޕްލާންޓުން ދޫކުރާ ފެން މުޅިން ތަޣައްޔަރުވެ، މުޅި ރަށުން ފެނުގެ ހިދުމަތް މެދުކަނޑާލުމުން ސަރުކާރުން މޯލްޑިވިއަންގެ ފްލައިޓް ޗާޓަރުކޮށްގެން ފެން އުފުލަން ފަށައިފި އެވެ.
އާބާދީގައި 14 ހާހެއްހާ މީހުން އުޅޭ ފުވައްމުލަކުގެ ޕްލާންޓުން ދޫކުރާ ފެން ގޭގެ ވަޅު ފެނާއި ގުޅިގެން މުޅިން ތަޣައްޔަރުވެ، ފެން ބޭނުން ނުކުރެވޭ ވަރަށް މުޅި ނެޓްވޯކް ވަނީ ތަޣަައްޔަރުވެފަ އެވެ. މިކަމާ ގުޅިގެން އިއްޔެ މެންދުރު 1:00 އިން ފެށިގެން ވަނީ މުޅި ރަށުން ފެން ކަނޑާލައިފަ އެވެ. އެއާއެކު މި ރަށުގެ ފިހާރަތަކުގައި ހުރި ފެން ފުޅިތައް ވަނީ ކުޑަ ވަގުތުކޮޅެެއްގެ ތެރޭގައި ވިކި ހުސްވެފަ އެވެ.
"ހުރިހާ"އާ ވާހަކަދެއްކެވި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ 300 ކޭސް ފެން ހިފައިގެން މޯލްޑިވިއަންގެ ފްލައިޓެއް މިރޭ ދަންވަރު 2 ޖާހަކަންހާއިރު އައި ކަމަށެވެ. އަދި އިތުރު ފްލައިޓެއް ފަތިހު އަންނަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިރޭ ގެނައި ފެން ކޭސްތައް މިހާރު އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ބަހަމުން އެބަގެންދޭ. ކައުންސިލުން އެދިފައިވާނެ ކޮންމެ ގޭބިސީއަކަށް ކައުންސިލުން ފެން ގެންގޮސްދޭނެ ކަމަށް. ނަމަވެސް އެކަން ސަރުކާރުން ބަލައިނުގަތް،" ސިޓީ ކައުންސިލްގެ އޮފިޝަލް ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ އެމްއެންޑީއެފްގެ ކޯސްޓުގާޑުގެ ލޯންޗެއްގައި 2،000 ކޭސް ފެން މާދަމާ ގެންނަން މަސައްކަތް ކުރަމުން އަންނަކަން އެނގިފައިވާ ކަމަށެވެ.
"މިރަށުގެ ޕްލާންޓަށް މައްސަލަ ދިމާވެ ދޭތެރެ ދޭތެރެއިން ފެން ކެނޑުމުގެ މައްސަލަ ދިމާވާތީ އެކަން ހައްލުކޮށްދޭން ރައީސް މުހައްމަދު މުއިއްޒު މިރަށަށް މިދިޔަ ހަފުތާގައި ކުރެއްވި ދަތުރުފުޅުގައި ވެސް އެދިފައިވާނެ. މި މައްސަލަ ދިމާވެގެން އުޅޭތާ މިހާ ދުވަސްވީއިރު ފެނަކަ ކޯޕަރޭޝަނުން މިކަމަށް އެދެވޭ ހައްލެއް ގެނެސްދީފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
"ހުރިހާ"އާ ވާހަކަދެއްކި ފެނަކަ ކޯޕަރޭޝަން ފުވައްމުލަކު ބްރާންޗްގެ އޮފިޝަލަކު ނަން ނުޖެހުމަށް އެދި ވިދާޅުވީ ޕްލާންޓުން ފެން ދޫކުރަން ފެށޭނެ ދުވަހެއް ސީދާ ނޭނގޭ ކަމަށެވެ. އެކަމަށް އެންމެ އަވަސްވެގެން ތިން ދުވަސް ވަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މިދާ ގޮތުން ހިއެއް ނުވޭ މާ އަވަހަކަށް މައްސަލަ ހައްލުވާނެ ކަމަށް. ވަޅު ފެން ޕްލާންޓް ފެނާ ގުޅިފައި ހުރުމުން ފެން ވަނީ ތަޣައްރުވެފައި. އެހެންވެ ކޮންމެ ގެއަކަށް ވަކިވަކިން ގޮސް ވޭލްތައް ބަންދުކުރަމުން މިދަނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.
ފުވައްމުލަކުގައި މުޅި ފެނުގެ ނެޓްވޯކް ތަޣައްޔަރުވެ، ރަށުގެ ރައްޔިތުންނަށް ސާފު ފެންފޮދެއް ވެސް ނުލިބިފައި ތިބިއިރު، ފެނަކަ ކޯޕަރޭޝަނުން ނެރުނު އިއުލާނެއްގައި ވަނީ ފުވައްމުލަކު ފެނުގެ ނެޓްވޯކް ސާފްކުރުމަށްޓަކައި ހައިޑޯޒެއްގެ ކްލޮރިން ދަނީ ފެނުގެ ނެޓްވޯކަށް އިންޖެކްޓް ކުރެވެމުން ކަމަށެވެ. އެހެންކަމުން މިވަގުތު ފެން ބޭނުންކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ ފެން ބޭނުން ނުކުރުމަށް ފެނަކައިން ވަނީ ފުވައްމުލަކު ރައްޔިތުންނަށް އަންގާފަ އެވެ.
މާލޭ ރަށްވެހީންނަށް ރަސްމާލެއިން 15،000 ގޯތި ދެނީ
ތައިބާ މިސްކިތާއި އައްޑޫ މިސްކިތަށް ގެއްލުންދިން މައްސަލަ ބަލަނީ