ދުވާލަކު އެންމެ ދެ ސިނގިރޭޓު ބޯ މީހުންނަށް ވެސް ހިތުގެ ބަލި ޖެހުމާއި އެ ބަލީގައި ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ 300،000 އަށްވުރެ ގިނަ މީހުން ހިމަނައިގެން 20 އަހަރު ވަންދެން ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ސައިންސްވެރިން ކުރިއަށް ގެންދިޔަ އެ ދިރާސާއިން އެނގުނު ގޮތުގައި ދުވާލަކު އެންމެ ދެ ސިނގިރޭޓުން ވެސް ހިތުގެ ބަލީގެ ފުރުސަތު ދެގުނައަށް އިތުރުވެ އެވެ.

އެގޮތުން އިންސާނެއްގެ މުޅި އުމުރުގައި ޖުމްލަ 100 ސިނގިރޭޓު ބޭނުން ކޮށްފިނަމަ މި ފުރުސަތު އެއަށްވުރެ ވެސް ބޮޑުވާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

އެ ދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުގައި އެ އަދަދަށް ސިނގިރޭޓު ބޯ މީހުން ހިތުގެ ބަލީގެ އިތުރުން ވެސް އެހެނިހެން ބަލިތަކުގައި ވެސް ހާލު ގޯސްވުމުގެ ފުރުސަތު އެ ނޫން މީހުންނަށްވުރެ އިތުރުވެ އެވެ.

މިކަމުގައި ވަކި ޖިންސެއް ތަފާތު ނުވާ ކަމަށާއި ފިރިހެނުންނާއި އަަންހެނުންނަށް ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމުން އެއްވަރަށް ގެއްލުން ލިބޭ ކަމަށް އެ ދިރާސާގައި ހާމަކޮށްފައިވެ އެވެ.

މީގެ ކުރިން ހެދިފައިވާ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ ގިނަ މީހުން އެވްރެޖްކޮށް ދުވާލަކު ދިހަ ވަރަކަށް ސިނގިރޭޓު ބޮއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ގެއްލުންހުރި ކަމެއްކަން އެންމެންނަށް ވެސް އެނގެ އެވެ. ގާނޫނީ ގޮތުން ވަކި އުމުރަކަށް އެކަން މަނާވެފައި އޮތް ނަމަވެސް އެއީ އުމުރަށް ބެލުމެއް ނެތި ހަމަ ކޮންމެ އުމުރެއްގެ މީހަކު ވެސް ދުރުވާންޖެހޭ އާދަ އެކެވެ.