ނަމާދު އެޅުމަކީ ނުރައްކާތެރިކަން ބޮޑުކަމެއް ކަމަށާއި ތިބާގެ މަރުއައިސް ބައްދަލުކުރުމުގެ ކުރިން އަވަހަށް ތައުވާނެ ނަމާދަށް ރައްކާތެރިވުމަށް މިއަދުހެ ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "ނަމާދު އެޅުމުގެ ނުރައްކާތެރިކަން" މި އެވެ.

އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ކޯފާ އަންނާނެކަމެއް ކަމުގައި ހަނދާންކޮށްދެމުން ޚުތުބާގައި ބުނީ މުސްލިމަކަށް ވުމަށްފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދު ކަމަށެވެ. އަދި ނަމާދަށް ފަރުވާތެރިވުމާއި ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒެއް ކަމަށް ހުތުބާގައިވެ އެވެ.

ނަމާދަކީ އަމާންކަމާއި ރައްކާތެރިކަން އަޅާއަށް ކަށަވަރުކޮށްދޭ އަޅުކަމެކެވެ. ކާމިޔާބާއި ނަޞްރު ލިބުމަށް މަގު ފަހިކޮށްދޭ އަޅުކަމެކެވެ. ޢިއްފަތްތެރިކަމުގައި ދެމިހުރުމަށް ބާރެކެވެ. އިޖުތިމާޢީ ގޮތުން ތަރުބިޔަތު ލިއްބައިދޭ ކަމެއްވެސް މެއެވެ. ނަމާދަކީ މުންކަރާތްތަކާ ދުރުކޮށްދޭ ވަސީލަތެއް ކަމުގައި ޚުޠުބާގައި ބުނެފައިވެ އެވެ.

ނަމާދަކީ ގަދަވެ ހެޔޮ ޙާލުގައްޔާއި ބަލި ޙާލުގައި އޮންނަ އިރުގައްޔާއި ރަށުގައި ގާއިމުވެ ހުންނަ އިރާއި ދަތުރުމަތީގައި އުޅޭ އިރު ވެސް ކުރުމަށް އަންގަވައިފައިވާ އަޅުކަމެކެވެ. ހަނގުރާމައިގެ ޙާލަތުގައި ވެސް ދޫކޮށްނުލުމަށް އަންގަވައިފައިވާ އަޅުކަމެކެވެ. ވީ އިރު މި އަޅުކަމަށް ފަރުވާތެރިވުމަކީ މުހިންމު ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.

އިސްލާމްދީނުގައި ނަމާދަށް މިހާ މަތިވެރި މަޤާމެއް ދީފައިވާ އިރު ނަމާދުތަކަށް ފަރުވާކުޑަކުރުމާއި ނަމާދު އެޅުމުން ދުރުހެލިވުމަކީ އަހަރެމެން ކޮންމެ މުސްލިމަކު އޭނާގެ ދުވަހީ ތާވަލު އެކުލަވައިލާ އިރު ސަމާލުވާން ޖެހޭނޭ ކަމެކެވެ. ނަމާދު އެޅުމަކީ ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިންކަމުގައި ސުންނަތުގައިވަނީ އަންގަވައިފަ އެވެ.

"އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ހަމައެކަނި ރަމަޟާން މަހު ބަރާބަރަށް ނަމާދުކުރާ މީހުން. އަދި އަނެއްބައި މީހުންނަކީ ހަފުތާގެ ހުކުރުދުވަހު ކުރެވޭ ހުކުރު ނަމާދަށް އެކަނި ޙާޒިރުވާ މީހުން. އަނެއް ބަޔަކީ ކޮންމެ ދުވަހަކު ކުރުމަށް ފަރުލު ކުރައްވައިފައިވާ ނަމާދުތަކުގެ ތެރެއިން ބައެއް ނަމާދުތައްކޮށް އަނެއް ބައި ނަމާދުތައް ނުކުރާ މީހުން. މިއިން އެއްވެސް ބަޔަކު ނަމާދުތަކަށް ފަރުވާކުޑަކޮށްލައިފައި ވަނީ ނަމާދަށް އިންކާރުކުރާ ޙާލުގައި ނޫންކަމުގައިވީ ނަމަވެސް އިސްވެދިޔަ ހަދީޘްފުޅުތަކުން އެނގޭ ގޮތުގައި އެއީ ނުހަނު ފާފަވެރިވާނޭ ކަމެއް،" ޚުތުބާގައި ވިދާޅުވި އެވެ.

ހުތުބާގައި ބުނީ ކޮންމެ މުސްލިމަކު ވެސް އޭނާގެ ނަފުސު ހިސާބުކޮށް ނަފުސަށް ގެންނާން ޖެހޭ ބަދަލުތަކާ މެދު ވިސްނުން އަވަސްކުރާން ޖެހޭ ކަމަށެވެ. މަރު އައިސް ތިމާއާ ބައްދަލުކުރާނީ ކޮން އިރަކުކަމެއް އެއްވެސް މަޚުލޫގަކަށް ނޭނގޭނެ ކަމަށެވެ. ޚުތުބާގައި ބުނީ ނަމާދު އެޅުމަކީ އެ ކަމުގެ ޢުގޫބާތުގެ ބޮޑުކަމާއި އެ ކަމުގެ ފާފައިގެ ބޮޑުކަން އަންގަވައިފައިވާ ކަމެއްކަމުގައިވާ އިރު، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ﷲ تَعَالَىގެ ކޯފާ އަންނާނެ ކަމެއްކަން ދަންނާން ޖެހޭ ކަމަށެވެ.

އަހަރެމެންނަކީ ފާފަކުރެވޭނޭ މީހުން ކަމުގައިވާއިރު، ނަމާދަކީ އެ އަޅުކަމުގެ ސަބަބުން އަހަރެމެންނަށް ކުރެވޭ ކުދި ފާފަތައް ފުއްސަވާނޭ އަޅުކަމެއްކަން ވަނީ ޚުތުބާގައި ހަނދާންކޮށްދީފަ އެވެ.