ގދ. ތިނަދޫގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ބަދަލުވާން އެދޭ މީހުންގެ އަތުން 5،000 ރުފިޔާގެ އިދާރީ ފީއެއް ނަގަން ތިނަދޫ ސިޓީ ކައުންސިލުން އަލުން ފާސްކޮށްފި އެވެ.

މިފަދަ ފީއެއް ނަގަން އެ ކައުންސިލުން ފުރަތަމަ ފާސްކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ބުނެ އެ ނިންމުން ބާތިލްކުރަން އެލްޖީއޭ އިން އެ ކައުންސިލަށް އެންގި އެވެ.

ތިނަދޫ ސިޓީ ކައުންސިލުން ގެޒެޓްކުރި އިއުލާނެއްގައި ބުނީ މިފަހަރު އެ ނިންމުން ނިންމީ ގާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްގެން ކަމަށެވެ.

އެ ކައުންސިލުން ބުނީ އޮގަސްޓް މަހުގެ 10ވަނަ ދުވަހު ކައުންސިލުން ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އެލްޖީއޭގެ ލަފާގެ މަތިން، ތިނަދޫގެ ރަށްވެހިކަމުން އުނިކުރުމުގެ ފީގެ ގޮތުގައި ނަގާނެ އަދަދު ކަނޑައެޅުމަށް ގޫގަލް ފޯމެއް މެދުވެރިކޮށް އެ ސިޓީގެ ރައްޔިތުންގެ ހިޔާލަށް ހުޅުވާލި ކަމަށެވެ.

ކައުންސިލުން ބުނީ ރައްޔިތުންގެ ފަރާތުން ވޯޓަށް އެހީ، ރަށްވެހިކަމުން ވަކިވާ މީހުންގެ އަތުން އެއްވެސް އަގެއް ނުނަގާ ގޮތަށް ނުވަތަ 5،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދެއް ހިމެނޭހެން ފީއެއް ނަގާ ގޮތަށް އިހްތިޔާރު ކުރުމަށް ކަމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ގިނަ ރައްޔިތުން ނިންމީ ތިނަދޫގެ ރަށްވެހިކަމުން ވަކިވާން އެދޭ މީހުންގެ އަތުން 5،000 ރުފިޔާގެ އިދާރީ ފީ ނެގުމަށް ކަމަށް ކައުންސިލުން ބުންޏެވެ.

އެހެންކަމުން މި މަހުގެ 16 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި އެ ނިންމުން ތަންފީޒުކުރަން ނިންމާފައިވާ ކަަމަށް އެ އިއުލާނުގައިވެ އެވެ.