ހައިކޯޓުގެ ފަނޑިޔާރުކަމަށް ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް، ސ. މަރަދޫ ޒެފެއާ، ފާތިމަތު ފަރުހީޒާ އާއި ކ. ދިއްފުށީ ސްވީޓްމީޑް، ހަސަން ޝަފީއު އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމަވައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން ކުރި އިއުލާނާ ގުޅިގެން ހައިކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"ން ސްކްރީންކޮށް އިންޓަވިއުކުރުމަށްފަހު އެކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގެ ތަރުތީބުން، ފަރުހީޒާ "ހައިލީ ރިކޮމެންޑް" ކޮށްފައިވާ ކަމަށެވެ. އަދި އެ ލިސްޓުގައި "ރިކޮމެންޑް" ކޮށްފައިވާ ބޭފުޅަކީ ޝަފީއު ކަމަށެވެ.

އެހެންވެ ހައިކޯޓުގެ ފަނޑިޔާރުކަމަށް އެ ދެބޭފުޅުން އައްޔަންކުރުމަށް ފެންނަ ކަމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ ފަރުހީޒާއަކީ ގާނޫނީ ރޮނގުން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ބެޗްލާ އޮފް ލޯ (އޮނާސް) އަދި މާސްޓާސް އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން ގާނޫނީ ވަކީލުކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރުހީޒާއަކީ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން، މިދާއިރާއިން ކިޔަވާދިނުމުގެ ތަޖުރިބާ ވެސް ހުރި ބޭފުޅެއް ކަމަށެވެ.

ޝަފީއުއަކީ ގާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން ބެޗްލާ އޮފް ލޯ(އެލްއެލްބީ) އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ފެމެލީ ކޯޓުގައާއި ސިވިލް ކޯޓުގައި މަސައްކަތްކުރައްވަމުން ގެންދަވާ އަލްއުސްތާޛު ޙަސަން ޝަފީޢުއަކީ ގާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އެ ދެ ބޭފުޅުން އައްޔަންކުރެއްވުމާއެކު ހައިކޯޓުގައި ޖުމްލަ 11 ފަނޑިޔާރުން ތިއްބަވާނެ އެވެ.