ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޯޕަރޭޓް ސްކޮލާޝިޕް ސްކީމްގެ ދަށުން، އެމްޑަބްލިޔުއެސްސީން ތެރަޕިއުޓިކް ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތަށް އެހީވުމުގެ ގޮތުން، މި ދާއިރާއިން ބެޗްލާސް ޑިގްރީ ލެވެލްގެ ކޯސް ފުރިހަމަކުރުމަށް ހަތަރު ދަރިވަރެއް ސްޕޮންސާކޮށްދީފި އެވެ.

ތެރަޕިއުޓިކްގެ ދާއިރާއިން މީހުން ބިނާކުރުމުގެ ސްކީމް ތަޢާރަފުކުރުމާއި، ސްޕޮންސަރުންނަށް އެގްރީމަންޓް ހަވާލުކުރުމަށް މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި މި ސްޕޮންސާޝިޕް ނައިބު ރައީސް ފައިސަލް ނަސީމާ ހަވާލުކޮށްދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ.

އެމްޑަބްލިޔުއެސްސީގެ ފަރާތުން ސްޕޮންސާކުރާ ހަތަރު ދަރިވަރުން ތަމްރީން ކުރެވޭނީ، އޯޑިއޮލޮޖީ، އޯޑިއޮލޮޖީ އެންޑް ސްޕީޗް ލެންގުއެޖް ޕެތަލޮޖީ، އޮކިއުޕޭޝަނަލް ތެރަޕީ އަދި ބިހޭވިއަރަލް ތެރަޕީ، މިދާއިރާތަކުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ހަތަރު އަހަރު ދުވަހުގެ މިކޯސްތައް ފުރިހަމަކުރުމަށް، 2.3 މިލިއަން ދިވެހި ރުފިޔާ ޚަރަދުކުރުމަށް ވަނީ ކަނޑައެޅިފައިވާ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

ރާއްޖޭގައި ތެރަޕީ ޚިދުމަތްތަކަކީ އާންމު ރައްޔިތުން ހޯދުމަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ޚިދުމަތްތަކެކެވެ. ނަމަވެސް، މިދާއިރާއިން ޚާއްސަވެގެން ތަމްރީން ލިބިފައިވާ މީހުން މަދުކާމައި އެކު މިޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވަނީ ދަތިތަކެއް ދިމާވެފައިވެ އެވެ. ވުމާއެކު، ތެރަޕީގެ އެކި އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާކަން އެޑިޔުކޭޝަނުން ވަނީ ފާހަގަކުރައްވާފަ އެވެ.