ދުނިޔޭގެ ފުޓުބޯޅައިގެން މައި އިދާރާ ފީފާ އިން އަލަށް ތައާރަފް ކުރި ފުރަތަމަ ސުލްހައިގެން އިނާމް ލިބުނުއިރު، އޭނާގެ މަސައްކަތުން ދުނިޔޭގާއި މިހާރު ސުލްހަ މަސަލަސްކަން ގާއިމް ކުރެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ފީފާ އިން ފުރަތަމަ ފަހަރަށް ދިން ސުލްހައިގެ އިނާމް އާ ހަވާލުވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީގެ ސެންޓަރުގައި ބޭއްވި ގުރު ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އޭނާ ވެރިކަމަށް ވަޑައިގަތް ފަހުން ވަރަށް ގިނަ ހަނގުރާމަތަކާއި ހަނގުރާމަ ފަށައިގަންނަން އުޅުނު އެތައް ގައުމެއް ވެސް މިހާރު ސުލްހްކޮށްފައިވާނެ ކަމަށެވެ.

އޭގެ އިތުރުން އެތައް ބަޔަކު މަރުވަމުންދަނިކޮށް ކަންކަން ހަމަޔަކަށް އަޅުވައި އެންމެން އެކަތިގަނޑެއްގެ ގޮތުގައި ހަދާފައިވާ ކަމަށެވެ. މި ގޮތުން ޕާކިސްތާނާއި އިންޑިޔާ ހަނގުރާމައެއް ފަށައިގަންނަން އުޅެނިކޮށް އެކަން ހުއްޓުވުނު ކަމަށާއި ފަލަސްތީނުގެ އައްޒާގެ މައްސަލަ ވެސް މިހާރު ހައްލުވެފައިވާ ކަމަށެވެ. އަދި ދާދި އަވަހަށް ރަޝިޔާ އާއި ޔުކްރޭނުގެ ހަނގުރާމަ ވެސް ނިވިދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ހަގީގަތުގައި އަހަރެންގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު، އެވޯޑަށްވުރެ އިތުރަށް އަހަރުމެން ވަނީ އެތައް ފުރާނައެއް ސަލާމަތްކޮށްދީފައި. ކޮންގޯ އަކީ މިސާލެއް. އިންޑިޔާ ޕާކިސްތާން ވެސް. ވަރަށް ގިނަ ތަފާތު ގައުމުތަކުގެ ހަނގުރާމަތައް ބައެއް ފަހަރު އެމީހުން އެކަން ފެށުމުގެ ކުރިން މި ވަނީ ނިމުމަކަށް ގެނެސްފައި،" ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕަށް މި އިނާމް ދެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ. އެވޯޑަކާއި ސުލްހައިގެ މެޑަލްގެ އިތުރުން ހާއްސަ ސެޓްފިކެޓެއް ޓްރަމްޕަށް ދެއްވުމަށްފަހު އޭނާ ވިދާޅުވީ ދުނިޔޭގައި އެންމެ މުހިންމު އެއްޗަކީ ހަމަޖެހުން ކަމަށާއި ދުނިޔެ އަށް އުފާވެރިކަން ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ ފުޓްބޯޅަ ކަމަށެވެ. އަދި ޓްރަމްޕް ވަނީ ދުނިޔޭގެ ހަމަޖެހުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ.