އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އިން 400،000 ޑޮލަރުގެ ހިލޭ އެހީއެއް ރާއްޖޭގެ ސިއްހީދާއިރާއަށް ހަދިޔާކޮށްފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވާސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ)ފޯރަމުގައި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން ހަދިޔާ ކުރި 400،000 ޑޮލަރަކީ ދުނިޔޭގެ ޞިއްހަތު ޖަމިއްޔާގެ ހެލްތު އިމްޕެކްޓް އިންވެސްޓްމަންޓް ޕްލެޓްފޯމް (އެޗްއައިއައިޕީ) ޕްރޮގްރާމުގެ ތެރެއިން ދެއްވާ ހިލޭގެ އެހީ އެކެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ހިލޭ އެހީގެ ދަށުން ޕްރައިމަރީ ހެލްތްކެއާއަށް އެހީތެރިވުމާއި، ޞިއްޙީ މަރުކަޒުތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކުގެ މެދުގައި ރިފަރަލް ސިސްޓަމްތައް ހަރުދަނާކުރުމާއި، އިންސާނީ ވަސީލަތް ބިނާކުރުމާއި، ހެލްތު އިންފޮމޭޝަން ސިސްޓަމްތައް ހަރުދަނާކުރުމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން ޞިއްޙީ ދައިރާއަށް ކުރިމަތިވާ ގޮތްޖެހުންތަކަށްވެސް މި އެހީގެ ދަށުން ހޭދަކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޞިއްޙީ ދާއިރާ ތަރައްގީކުރުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) އިން ހިލޭ އެހީ ދީފައިވާއިރު، މިމަހުގެ 13 އިން 14 އަށް ކުރުނބާ ރިސޯޓްގައި ބޭއްވި މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް (ޔޫއެޗްސީ ފޯރަމް)ގައި އެކި ގައުމުތަކުން ވަނީ އެކި ގޮތްގޮތުން މި ދާއިރާ ކުރިއެރުވުމަށް އެހީތެރުވެދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

މޯލްޑިވްސް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމްގައި ރާއްޖެއާއި ރާއްޖޭން ބޭރުން 100 އަށްވުރެ ގިނަ ބައިވެރިން އަމަލީ ގޮތުން ވަނީ ބައިވެރިވެފަ އެވެ. އޭގެތެރޭގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުރުން، ގުޅުން ހުރި އެހެން އިދާރާތަކާއި ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާއި، ޞިއްޙީ ދާއިރާއިން ތަޢުލީމާއި ތަމްރީންދީ ދިރާސާ ކުރާ ފަރާތްތަކާއި މަދަނީ ޖަމްޢިއްޔާތަށް ހިމެނެ އެވެ.

އަދި ރާއްޖެއިން ބޭރުން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި، އެ ޤައުމުތަކުގެ ތަޖްރިބާ ޙިއްޞާކުރުމަށް އިންޑިއާ، ބޫޓާން، ސްރީލަންކާ، އިންޑޮނީސިއާ އަދި ފިލިޕީންސްގެ ކަމާބެހޭ ސަރުކާރުގެ އިދާރާތަކުގެ އިތުރުން، ޑަބްލިއޫ އެޗް.އޯ. ޔުނިސެފް، ޔޫ.އެން.ޑީ.ޕީ، އެފް.އޭ.އޯ އަދި އައި.އޯ.އެމް ފަދަ އ.ދ ގެ އިދާރާތަކުގެ އިތުރުން، ޞިއްޙީ ކަންކަން ކުރިއަރުވާ ޤައުމުތަކަށް އެހީތެރިވާ ގްލޯބަލް ފަންޑް، ގަވީ، ވޯލްޑް ބޭންކް، އައިއެސްޑީބީ، އީއައިބީ، އަދި ގޭޓްސް ފައުންޑޭޝަން ފަދަ ޑެވެލޮޕްމެންޓް ބޭންކްތަކާއި ބައިނަލް އަޤްވާމީ ޖަމްޢިއްޔާތަކުން މި ފޯރަމުގައި ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ޔުނިވަރސެލް ހެލްތު ފޯރަމް (ޔޫއެޗްސީ)ގައި ޤައުމުތަކުގެ ތަޖްރިބާއަށްބަލާ، އަދި ރާއްޖޭގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތަކާއި ސަރުކާރުން ފަށާފައިވާ ޞިއްޙީ ދާއިރާ ޑިޖިޓަލް ކުރުމުގެ ޕްލޭންއަށް ރިޢާޔަތްކޮށް، ރާއްޖޭގައި ޔޫ.އެޗް.ސީ ޙާޞިލު ކުރުމަށް 2026 އިން 2030 އަށް މަގު ޗާޓެއް އެކުލަވާލައި އަދި މި މަސައްކަތުގައި ބައިނަލް އަޤްވާމީ އިދާރާތަކުން ރާއްޖެއަށް ފަންނީ އަދި މާލީ އެހީތެރިކަން ދެވެންހުރި ދާއިރާތައް ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި، ފަރުދީ، އާއިލީ އަދި ޖަމާޢަތުގެ ފެންވަރުގައި ފޯރުކޮށްދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް ޤާޢިމުކޮށް، ސިއްހަތުގެ ސިޔާސަތުތައް އެކަށައެޅުމާއި، ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް ފުޅާދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފަ އެވެ.