މިދިޔަ ޖުލައި މަހު ފަހުކޮޅު އައިޖީއެމްއެޗްގައި ވެހިއި ތުއްތު ކުއްޖަކު މަރުވި މައްސަލާގައި އެ ހޮސްޕިޓަލްގެ އިހުމާލު އޮތް ކަމަށް އާއިލާއިން ތުހުމަތުކުރަމުން ދަނިކޮށް އެ ހޮސްޕިޓަލުން އެކަމަށް އެންމެ ފަހުން މައާފަށް އެދިއްޖެ އެވެ.

މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު މަރުވީ ޔޫނުސް ހުސައިން އަބްދުﷲ ނަމަކަށް ކިޔާ ތުއްތު ކުއްޖެކެވެ.

އެ ކުއްޖާގެ އާއިލާއަށް އައިޖީއެމްއެޗުން ފޮނުވި ސިޓީގައި ވަނީ ޔޫނުސް މަރުވެފައިވާތީ، އެކަމަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.

އައިޖީއެމްއެޗުގެ މެޑިކަލް ޑިރެކްޓަރު ޑރ. އާމިނަތު ޒައިބާ އަހުމަދު ސޮއިކުރައްވައި ފޮނުވި ސިޓީގައި ވަނީ، ބަލި މީހެއްގެ ބަލީގެ ހާލަތާ މެދު ހަދާ ޓެސްޓުތަކުގެ ނަތީޖާއާއި ފަރުވާ ކުރިއަށްދާ ގޮތަކީ، އެކަށީގެންވާ އަވަސްމިނުގައި ބަލި މީހާ ނުވަތަ އާއިލާއާ ހިއްސާކުރެވެން ވާނެ މައުލޫމާތު ކަމަށް ބުނެފަ އެވެ.

އާއިލާގެ ކަންބޮޑުވުމަކީ އެކަން ނުކުރުމެވެ. އައިޖީއެމްއެޗްގެ ސިޓީގައި އިހުމާލުވި ކަމަށް ސާފު އިބާރާތުން އެއްބަސްނުވެ ބުނެފައި ވަނީ އެއީ މިހާރަށްވުރެ ރަނގަޅު ކުރެވިދާނެ ކަމެއް ކަމަށެވެ.

ޔޫނުސް ބަލީގެ ސީރިއަސްކަން ދެނެގަތުމަށް ލަސްތަކެއް ކުރިމަތިވި ކަމަށް އާއިލާއިން ބުނެ އެވެ. އެކަމާ ގުޅިގެން އެ ސިޓީގައި ފާހަގަކޮށްފައި ވަނީ ބަލީގެ ސީރިއަސްކަން އަވަހަށް ދެނެގަތުމަށް ޑޮކްޓަރުންނަށް އުނދަގޫވީ، އާންމު ވައިރަލް ހުމެއްގައި ހުންނާނެ ފަދަ އަލާމާތްތައް ޔޫނުސްގެ ހުރުމުން ކަމަށެވެ.

ޔޫނުސްގެ ކިބައިން ފެނުނު އިތުރު އަލާމާތްތަކަށް ޓެސްޓް ހަދައި ފަރުވާދޭން މަސައްކަތްކޮށްފައިނުވެ އެވެ. މިއީ އިހުމާލެކެވެ. ނަމަވެސް މިއީ އިހުމާލެއް ކަމަށް ގަބޫލުކުރި ކަމަށް އައިޖީއެމްއެޗްގެ ސިޓީގައި ފާހަގަކޮށްފައެއްނުވެ އެވެ. އޭގެބަދަލުގައި އެ ސިޓީގައި ބުނެފައި ވަނީ ޕޭޝަންޓުގެ ފެންނަ އިތުރު އަލާމާތްތަކަށް ނުވަތަ ސިމްޕްޓަމްތަކަށް ބަލައި، އިތުރަށް ޓެސްޓު ހަދައި، ފަރުވާ އަވަސް ކުރުން މުހިންމު ކަމަށް ގަބޫލުކުރާ ކަމަށެވެ.

ސަރުކާރު ބަންދު ދުވަސްތަކެއް އައުމުން ''އަލްޓްރާ ސައުންޑް ސްކޭން" ހެދުން ލަސްވި ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އާއިލާއިން ބުނި ގޮތުގައި، ޖޫން މަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހު އެ ސްކޭން ހަދަން އެދުނެވެ. އެކަމަކު، ޔޫނުސް މަރުވިއިރު ވެސް އެ ސްކޭން ހަދާފައެއް ނުވެ އެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ސިޓީގައި ބުނެފައި ވަނީ ސަރުކާރު ބަންދު ދުވަސްތަކެއް އައި ނަމަވެސް، އެޑުމިޓްކޮށްފައިވާ ބަލި މީހެއްގެ ސްކޭނު ލަސްވެގެން ނުވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެ ފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތައް އަޅާނެކަން އައިޖީއެމްއެޗުން ބުންޏެވެ.

"ޔޫނުސް ހުސައިން އަބްދުﷲ މި ހޮސްޕިޓަލުގައި ނިޔާވުމާ ގުޅިގެން މި ހޮސްޕިޓަލުގެ ފަރާތުން އަދިވެސް އެއްފަހަރު ނިހާޔަތަށް މައާފަށް އެދެމެވެ،" އެ ސިޓީގައިވެ އެވެ.

ނަމަވެސް މި މައްސަލަ ފުލުހުން ތަހުގީގެއް ނުކުރެ އެވެ. އަދި އެ ކުއްޖާގެ އާއިލާއަށް ބަދަލު ދޭކަށް ވެސް ސަރުކާރުން ނޫޅެ އެވެ. އަދި މިއީ މާބޮޑު ކަމަކަށް ސަރުކާރުން ނަހަދަ އެވެ.