ގާނޫނުއަސާސީއަށް ކުއްލި އިސްލާހެއް ގެންނަން ބިލެއް ހުށަހަޅަން ތާވަލުކޮށް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

ދައުރުން ބޭރުން ބާއްވާ ހާއްސަ ޖަލްސާއެއް މާދަމާ ހެނދުނު 9:00 އަށް ތާވަލުކޮށް، މެންބަރުން މިހާރު ވަނީ އެޖެންޑާ ފޮނުވައިފަ އެވެ. އަދި އެ ޖަލްސާގެ އެޖެންޑާ މިހާރު މަޖިލީހުގެ ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފަ އެވެ.

އެ އެޖެންޑާގައިވާ ގޮތުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހުގެ ބިލެއް ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވެ އެވެ.

ނަމަވެސް، އެ ބިލުގެ ތަފްސީލެއް އަދި ނުލިބެ އެވެ. ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ގާނޫނުއުގޫބާތަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ހުށަހަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުން ވެސް ވަނީ އެޖެންޑާކޮށްފަ އެވެ. އަދި ޕެންޝަން ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއްގެ ފުރަތަމަ ކިޔުން ވެސް އެޖެންޑާކޮށްފައިވެ އެވެ.

ތިން ބިލުގެ އިތުރުން އެޗްއާރްސީއެމްގެ ރައީސް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުން ވެސް އެޖެންޑާކޮށްފައިވެ އެވެ.

މަޖިލީހުން ދެ މަހުގެ ޗުއްޓީއަށް ދިޔައީ މިދިޔަ މަހު ކުރީކޮޅު އެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މެންބަރުން އެދޭ ނަމަ، ދައުރުން ބޭރުން ޖަލްސާ ބޭއްވޭނެ އެވެ.ޗުއްޓީއަަށް ފަހު، މި އަހަރަށް މަޖިލިސް ހުޅުވޭނީ އަންނަ މަހު އެވެ.