ގަވައިދާ ހިލާފަށް ބޮޑު އަގުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ، މި ދެމީހުން ބަންދުކޮށްފައިވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން ކަމަށެވެ.

ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރި މަސައްކަތުން، ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އިމިގްރޭޝަންގެ ބަންދަށް ގެނެސްފައި ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ މަސްއޫދު އަހްމަދު އާއި އަބޫ ތާހިރު އެވެ. ފުލުހުން ބުނީ މީގެ ތެރެއިން އެމްޑީ މަސްއޫދު މިމަހުގެ 11 ވަނަ ދުވަހު ދުވަހު ބަންދުކޮށްފައިވާއިރު، އަބޫ ތާހިރު ބަންދުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އެ ދެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ އިތުރު މައުލޫމާތާއި ހޯދުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް ފުލުހުން ބުންޏެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރާ 12 ބިދޭސީއެއްގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.