އަހަރަކަށް ވުރެ ދިގު މުއްދަތަކަށް ދުނިޔޭގައި ހުންނާނެކަމުގެ އުއްމީދެއް ނެތް މީހުންނަށް ޕެންޝަން ސޭވިންގެ ފައިސާ އެއްފަހަރާ ނެގޭ ގޮތަށް ޕެންޝަންގެ ގާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ޕެންޝަން ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު ހުށަހެޅުއްވި ބިލުގައިވަނީ ރިޓަޔާމެންޓް ޕެންޝަން އެކައުންޓްގައި ހުންނަ ފައިސާ ނެގޭނީ 65 އަހަރުވުމުން ކަމަށްވީ ނަމަވެސް ޓާމިނަލް އިލްނަސްގެ ހާލަތުގައި ތިބޭ މީހުންނަށް އެ އުމުރު ހަމަނުވިޔަސް އެ ފައިސާ ނެގިދާނެ ކަމަށެވެ.

އެ މާއްދާގައިވާ ގޮތުން "ޓާމިނަލް އިލްނަސްގެ ހާލަތް" ކަމަށް ބުނެފައި އެވަނީ އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށްދިން ކަމުގައި ވިޔަސް 12 މަސްދުވަހަށް ވުރެ ދިގު މުއްދަތަކަށް އެމީހަކު ދިރިހުރުމަކީ ނާދިރު ކަމެއް ކަމަށް ސްޕެޝަލިސްޓް ޑޮކްޓަރަކު ކަނޑައަޅާފައިވާ ހާލަތެވެ.

އެ ބިލްގައިވާ ގޮތުން އެފަދަ ހާލަތެއްގައިވާ މީހަކު ޕެންޝަން ސޭވިންގްސް އެކައުންޓްގައިވާ ފައިސާ ދޫކުރަން ހުށަހަޅާ ހާލަތުގައި އެމީހަކު ކަނޑައަޅާ އަދަދެއްގެ ނުވަތަ އެ އެކައުންޓްގައި ހުންނަ ހުރިހާ ފައިސާއެއް އެކި ފަހަރުމަތިން ނުވަތަ އެއްފަހަރާ ވެސް ދޫކުރެވިދާނެ އެވެ.

ޕެންޝަން ގާނޫނަށް އިސްލާހު ގެންނަން މުފީދު ހުށަހެޅުއްވި ބިލުގައި އެ ގާނޫނަށް އިތުރު ގިނަ ބަދަލުތަކެއް ގެންނަން ވެސް ހުށަހަޅާފައިވެ އެވެ. ޕެންޝަން ފަންޑުގައިވާ ފައިސާ، ގެދޮރު ގަތުމުގެ އިތުރުން ގެދޮރު އިމާރާތް ކުރުމާއި މަރާމާތުކުރަން ދައްކަން ޖެހޭ ޑައުންޕޭމަންޓް ދައްކަން ކޮލެޓްރަލައިޒް ކުރެވޭ ގޮތަށް ބަދަލުކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.

ޕެންޝަން ގާނޫނުގެ މިހާރު އޮތްގޮތުން ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ކޮލެޓްރަލައިޒް ކުރެވެނީ އިމާރާތްކޮށް ނިންމައި އަދި އާއްމުކޮށް ހުޅުވާލައިގެން ވިއްކާ ފްލެޓްތައް ގަތުމަށް ޑައުންޕޭމަންޓް ދެއްކުމަށެވެ.