އުފެދޭ ޚިޔާލު ތަފާތުވުންތަކުގައި ނުކަސިޔާރުކޮށް ކަންކަން ކުރަން ވެއްޖެނަމަ އަންނަ ލޯކަލް ކައުންސިލް އިންތިޚާބު އިދިކޮޅު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އަކީ އަބަދުވެސް ޚިޔާލު ތަފާތުވުންތައް ބޮޑު ޕާޓީއެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި އެމްޑީޕީ ބައިބައި ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ގިނަ ބަޔަކު ވެރިކަމާއި މަގާމަށް ދަހިވެތިވުމެވެ. އޭގެ ސަބަބުން ޕާޓީގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް ބޮޑުވެގެންދެ އެވެ.
އެމްޑީޕީގައި ޚިޔާލު ތަފާތުވުންތައް އިންތިހާއަށް އޮތް އިރު، އެ ޕާޓީގައި އޮތީ ދެ ފެކްޝަނެއް އުފެދިފަ އެވެ. އެއީ ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހީމް މުހައްމަދު ސޯލިހާއި މުހައްމަދު ނަޝީދުގެ ފެކްޝަން އެވެ.
އެމްޑީޕީގައި އުފެދިފައި މި އޮތް ޚިޔާލު ތަފާތުވުންތައް ބޮޑުކަން އެންމެންނަށް ވެސް އެނގޭއިރު، އެމްޑީޕީގެ ދަނޑިކޮށި ޖަގަހާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ، އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު އޮންނަ އިންތިޚާބަށް އެމްޑީޕީން ނުކުންނަނީ ވަރަށް އުންމީދާއެކު ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބުކުރެވޭނެ ކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.
އޭނާ ވަނީ އިންތިޚާބު ކާމިޔާބުކޮށް އެމްޑީޕީން ކުރިއަށް ދިއުމަށްޓަކައި އެ ޕާޓީގެ މެންބަރުންގެ ޚިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް، އެކުގައި ކުރިއަށް ދާން އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭނެ، އަޅުގަނޑުމެންގެ [ޕާޓީގެ އެތެރޭގައި] އުފެދޭ ޚިޔާލު ތަފާތުވުންތަކުގެ ތެރޭގައި ނުކަސިޔާރު ކަންތައް ކުރަން ވެއްޖިއްޔާ ބޭނުންވާ އަދަދަށް މި ގޮނޑިތަކެއް ކާމިޔާބެއް ނުކުރެވޭނެ. އެހެންވީމާ މި ގައުމުގެ ހައްގުގައި އަޅުގަނޑުމެންގެ ޕާޓީގެ ހައްގުގައި ޕާޓީގެ މަސްލަހަތަށް ބަލައި އަޅުގަނޑުމެން އެބަޖެހޭ މިއަދު އެއްބައިވެގެން އެންމެން އެކުގައި މަސައްކަތްކުރަން،" ޣަފޫރު ވިދާޅުވި އެވެ.
ޣަފޫރު މިހެން ވިދާޅުވެފައި ވަނީ މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީގެ ތެރޭގައި ކުރީގެ ރައީސް ސޯލިހާއި ކުރީގެ ރައީސް ނަޝީދަށް ތާއީދުކުރާ ފެކްޝަން އުފެދުނު ގޮތަށް، އަނެއްކާ ވެސް ކައުންސިލް އިންތިޚާބާ ދިމާކޮށް ވާދަވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގަ އެވެ.
ކައުންސިލް އިންތިޚާބުގައި އެންމެ މުހިންމު އެއް ދާއިރާ ކަމަށްވާ، ވެރިކަން ކުރާ މާލޭގެ މޭޔަރު ކަމުގެ ޓިކެޓު ހޯއްދަވަން މިހާރުގެ މޭޔަރު އާދަމް ޢާޒިމް ކުރިމަތިލައްވައިފައިވާއިރު، ސޯލިހު ތާއީދުކުރައްވަނީ އޭނާ އަަށެވެ. އަދި ނަޝީދު ތާއީދުކުރައްވަނީ، ޓިކެޓަށް ދެން ވާދަކުރައްވާ މެދު ހެންވޭރު ދާއިރާގެ ކުރީގެ މަޖްލިސް މެންބަރު އަލީ އާޒިމަށެވެ.
އެ ކެމްޕެއިން ހޫނުވެ، ދެ ކެންޑިޑޭޓުން އެކަކު އަނެކަކަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފައިވަނިކޮށް، ސޯލިހާއި ނަޝީދު ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ބައްދަލުކުރައްވައި، މިހާރު ތިއްބެވީ ކުރިން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދެކޮޅަށް ދެއްކެވި ވާހަކަތައް އެއް ފަރާތް ކުރައްވައިގެން ކަމަށް ވިދާޅުވެފަ އެވެ.
ހާއްސަ ބޭނުންތަކަށް ނަގާ ޗުއްޓީއަށް އެދި ސީދާ ކޮމިޝަނަށް ހުށަހެޅޭ
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
"ދަ ކެރެލާ ސްޓޯރީ"ގެ ދެވަނަ ބައި އަންނަ މަހު!