އަރާމު ނިންޖެއް ލިބިގަތުމަށްޓަކައި އެކި މީހުން އެކި ގޮތަށް ކަންތައް ކުރާއިރު އެކަމަށްޓަކައި ކުރެވިދާނެ ކަންކަމުގެ ގޮތުގައި އަހަރުމެންގެ ތެރޭގައި ބައެއް ކަންތައްތައް ގަބޫލު ކުރެވިފައި އޮވެ އެވެ.

އެފަދަ ކަންކަމަކީ ހަމަނިދި ލިބުމަށް ކިހާ ވަރަކަށް މަގުފަހި ކުރުވާ ކަމެއްތޯ ސިއްހީ މާހިރުން އަބަދުވެސް ބަހުސް ކުރެ އެވެ. އެގޮތުން ސްލީޕިން ޑޮކްޓަރެއް ކަމަށްވާ ޑރ. ކްރިސްޓޮފާ އެލަން މިވަނީ ދާދި ފަހުން އެފަދަ ބައެއް ކަންކަން 1-10 ދެމެދުގެ އަދަދުތަކުން ރޭޓް ކޮށްފަ އެވެ.

1. ސްލީޕިން މާސްކް ބޭނުންކުރުން - 10/10

ނިދުމަށް މީހުން އާއްމުކޮށް ބޭނުންކުރާ އުކުޅުތަކުގެ ތެރެއިން ޑރ. އެލަން އެންމެ މަތީ ރޭޓިންއެއް ދެއްވީ މިކަމަށެވެ. ޑރ. އެލަން ވިދާޅުވީ އަނދިރި ކަމަކީ މީހާގެ ހަށިގަނޑު ނިންދަވާލުމަށްޓަކައި އެންމެ ރަނގަޅު އެއް އުކުޅު ކަމަށާއި އެހެން ކަމުން މާސްކް އެޅުމަކީ ނިދާ މާހައުލުގައިވާ އަލިކަން ދުރުކޮށްދޭ ކަމެއް ކަމަށެވެ.

2. ސްލީޕީ ގާލް މޮކްޓެއިލް - 2/10

ދާދި ފަހުން "ސްލީޕީ ގާލް މޮކްޓެއިލް"ގެ ނަމުގައި ޓްރެންޑެއް ވަނީ ވައިރަލްވެފަ އެވެ. މިއީ ޗެރީ ޖޫހާއި ސްޕާކަލްޑް ފެން ފަދަ ތަކެތިން ތައްޔާރުކުރާ ބުއިމަކުން ނިދި އައުން އަވަސްކޮށްދޭ ކަމަށް ބުނާ ޓްރެންޑެކެވެ. އެހެން ނަމަވެސް ޑރ. އެލަން ވިދާޅުވީ އެއީ އަނގައަށް މީރު ބުއިމެއް ނަމަވެސް ނިދި އައުމުގައި އެއްވެސް ދައުރެއް އަދާކުރާ އެއްޗެއް ނޫން ކަމަށެވެ.

3. ބަރު ރަޖާގަނޑެއް - 8/10

ނިދާއިރު ގިނަ ބަޔަކު ރަޖާގަނޑު ބޭނުން ކުރާއިރު ބޭނުންކުރެވޭ ރަޖާގަނޑެއްގެ ގޮތުން ވެސް ނިންޖަށް އަސަރުކުރާ ކަމަށް ޑރ. އެލަން ވިދާޅުވި އެވެ. އެގޮތުން ކުއިލްޓް ފަދަ ބަރު ރަޖާގަނޑުތަކުން ނިދަން ފަސޭހަކޮށްދީ ނިދާފައި އޮންނައިރު އެންޒައިޓީއާއި ފިނިން ރައްކާތެރި ކޮށްދޭ ކަމަށް އޭނާ ފާހަގަކުރެެއްވި އެވެ.

4. ބެޑް ރޮޓިން - 0/10

ދުވާލުގެ ބޮޑުބައެއް އެނދުމަތީގައި އޮތުމަކީ ރޭގަނޑު ނިދަން ފަސޭހަވާ ކަމެއް ކަމަށް ބައެއް މީހުން ގަބޫލުކުރި ނަމަވެސް އެއީ އެއްވެސް ހަގީގަތެއް ނެތް ކަމެއް ކަމަށް ޑރ. އެލަން ވިދާޅުވެ އެވެ. އެގޮތުން އެކަމުން ނިދުމުގެ ކަންކަން އިތުރަށް ގޯސްކޮށްދީ ދިގު މުއްދަތުގައި އިންސޮމްނިއާ ފަދަ ބަލިތަކަށް މަގުފަހި ކުރުވާ ކަމަށް ޑރ. އެލަން ވިދާޅުވި އެވެ.

5. ސްކްރީން ޓައިމް އިތުރުކުރުން - 3/10

ރޭގަނޑުގެ ނިދުން ފަސްކޮށް ސީރީޒް ބެލުމާއި ރީލް ބެލުން ފަދަ ކަންކަމުގައި ވަގުތު ހޭދަކުރުމަކީ ވެސް ނިދަން ފަސޭހަވާ ކަމެއް ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. އެހެން ނަމަވެސް ރޭގަނޑު ސްކްރީން ޓައިމް އިތުރުވުމަކީ ސިކުނޑިއަށް އަރާމު ނުލިބި ގިނައިރުވާ ކަމެއް ކަމަށާއި އާއްމު ދިރިއުޅުމުގެ ކަންކަމާއި ނިދާ ގަޑިއާ ވަކިކުރަން ޖެހޭ ކަމަށް ޑރ. އެލަން ލަފާދީފައިވެ އެވެ.