މާލޭ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާ ބައްދަލު ކުރައްވައިފި އެވެ.

މޭޔަރު ޝިފާގެ އިތުރުން ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވެސް ވަނީ ޑރ. މުއިއްޒާ ބައްދަލު ކުރައްވާފަ އެވެ.

އެ ބައްދަލުވުމަކީ މޭޔަރު ކަމަށް އިންތިޚާބުވެވަޑައިގެންނެވި މުއިއްޒުއަށް ބާރުތައް ބަދަލުކޮށް، މަގާމު ހަވާލު ކުރުމުގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރާ ވާދަކޮށް ޑރ. މުއިއްޒު މޭޔަރުކަަން ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. ޑރ. މުއިއްޒަށް 12470 ވޯޓު ލިބުނުއިރު، އަނަސްއަށް ލިބުނީ 7436 ވޯޓެވެ.

މިފަހަރު މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ނަގާފައި ވަނީ ޕީޕީއެމް އިންނެވެ.