ކައުންސިލްތަކުން ތަރައްގީއަށް ހުރަސްއަޅާ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބުރަނުވެ، ކައުންސިލް އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވާލައިގެން އިންތިހާބު ކާމިޔާބުކުރުމުގެ މަކަރުވެރި ރޭވުމުގައި ދެއްކެވި ވާހަކަފުޅެއް ކަމަށް ބުނެ އެކަން އިދިކޮޅު އެމްޑީޕީން ކުށްވެރިކޮށްފި އެވެ.

ޖެނުއަރީ 8 ވަނަ ދުވަހު، ވެރިކަންކުރާ ޕީއެންސީގެ އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ސަރުކާރުން ހިންގުމަށް ކަނޑައަޅާ މަޝްރޫއުތައް ހުއްޓިފައިވާނީ ކައުންސިލްތަކުން ބިން ދޫނުކުރާތީ ކަމަށެވެ.

ރައީސްގެ ވާހަކަފުޅާއި ގުޅިގެން މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް އެހެން ވިދާޅުވީ ކައުންސިލު އިންތިހާބާ ދިމާކޮށް ރައްޔިތުންނަށް އޮޅުވާލައިގެން އިންތިހާބު ކާމިޔާބުކުރުމުގެ މަކަރުވެރި ރޭވުމުގައި ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.

މިދިޔަ ދެ އަހަރު ސަރުކާރުން ރަށްފުށު ތަރައްގީއަށް އެދެވޭ ބަދަލެއް ގެނެސްފައިނުވަނީ އެއްވެސް ރޭވުންތެރިކަމެއް ނެތި ހުސް ވައުދުތައްވެ، އެ ވައުދުތައް އަލުން އާކުރުން މަތީ ދެމިތިބީތީ ކަމަށާއި އެކަމުގެ ޒިންމާ ކައުންސިލްތަކުން ނަގަންޖެހޭ ކަމަށް ސަރުކާރުން ރައްޔިތުންނަށް ވިސްނައިދިނުމަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ކުރުން ލާޒިމުކުރާ އެންމެ މުހިއްމު ކަމަކީ ރައްޔިތުންނާ މާޝްވަރާކޮށް، ފަސް އަހަރު ދުވަހަށް އެކުލަވާލާ ތަރައްގީ ޕްލޭން ތަންފީޒުކޮށް، ހިންގުން ކަމަށް ބަޔާނުގައިވެ އެވެ. މި ޕްލޭންތައް ކައުންސިލްތަކުން އެކުލަވާލައި ތަންފީޒުކުރަމުން ދަނިކޮށް ލާމަރުކަޒީ ގާނޫނަށް ބަދަލުގެނެސް ތަރައްގީގެ ޕްލޭން ތަންފީޒުކުރުން އެއް އަހަރު ދުވަހަށް މެދު ކަނޑާލާފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"މި ހާލަތުގައި ކައުންސިލްތައް ބޭއްވުމަށް ފަހު ކައުންސިލްތަކުން އެކުލަވާލާ ފާސްކޮށްފައިވާ ތަރައްގީގެ ޕްލޭނަށް ބެލުމެއް ނެތި ސަރުކާރުގެ ރޭވުމެއް، އަމާޒެއް ނެތް ސިޔާސަތުގެ ތެރެއިން ރަށްރަށުގައި އެކި މަޝްރޫއުތައް ހިންގުމުގެ ނަމުގައި އެތައް މަޝްރޫއުތަކެއްގެ ބިންގާ އަޅާފައިވާ ކަމަށާއި އެ މަޝްރޫއުތައް ހުއްޓިފައި ވަނީ ކައުންސިލްތަކުން ބިންތައް ނުދީގެން ކަމަށް ރައީސް އާއްމުކޮށް އިއުލާނުކުރުމަކީ ކައުންސިލްތަކުގެ އަގު ވައްޓާލުން" އެމްޑީޕީން ބުނެފައިވެ އެވެ.

ގާނޫނުގެ ފުރިހަމަ ބޭނުން ކައުންސިލްތަކުން ހިފާ ރައްޔިތުން ބޭނުންވާ ލާމަރުކަޒީ ތަރައްގީ ގެނައުމަށް ސަރުކާރުން ހުރަސް ނޭޅުމަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ. އަދި ރައްޔިތުން އިތުބާރާއި ތާއީދު ލިބިފައިވާ ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ މަޝްވަރާއެއް ނެތި އެއްވެސް ބަދަލެއް ނުގެނައުމަށްވެސް އެ ޕާޓީން ސަރުކާރަށް ގޮވާލާފައިވެ އެވެ.

މީގެ ކުރިންވެސް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައިވެސް ރައީސް ވަނީ ކައުންސިލުތަކުގެ ސަބަބުން މަޝްރޫއުތައް ހިންގުމަށާއި ތަރައްގީއަށް ދަތިވާ ކަމަށް ވިދާޅުވެ ތަކުރާރުކޮށް ވާހަކަފުޅު ދައްކަވާފަ އެވެ.

އޭގެ އިތުރުން ގާނޫނަށް ބަދަލުގެނެސް އަތޮޅު ކައުންސިލުތައް މިހާރު ވަނީ އުވާ ލާފަ އެވެ. ކައުންސިލަރުންގެ އަދަދު މަދުކުރުން ފަދަ ލާމަރުކަޒީ ގާނޫނަށް ބޮޑެތި އިސްލާހުތަކެއް މި ފަހުން ގެނެސް، ކައުންސިލްތަކަށް ދީފައިވާ ބާރުތައް ސަރުކާރުން ވަނީ ހަނިކޮށްފައިކަން ފާހަގަކޮށްލެވެ އެވެ.