އައްޑޫ ހިތަދޫގައި "ސްކޫޕު" ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ކަމަށް ކަނޑައަޅަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ހައިކޯޓަށް ހުށަހަޅައިފި އެވެ.
އެ އޮފީހުން ބުނީ ކޯޓަށް އެ މައްސަލަ ހުށަހެޅީ "ސްކޫޕް" ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައެޅުމަށް ފުލުހުން އެދުމުން، އެ އޮފީހުން ބެލި ބެލުމުން އެ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާތީ ކަމަށެވެ.
"ސްކޫޕް" ގްރޫޕަށް ނިސްބަތްވާ ނުވަ މީހަކު ފާހަގަވެފައިވާތީ، އެ މީހުންނަކީ އެ ގްރޫޕްގެ މެންބަރުންކަމަށް ކަނޑައެޅުމަށް ވެސް ކޯޓުގައި ވަނީ އެދިފަ އެވެ.
އެ ގޭންގަށް ނިސްބަތްވާ ކަމަށް ބެލެވޭ ސްޕޯޓްސް ކްލަބެއް ކަމަށްވާ "އެސް ކޭ ޕީ ސްޕޯޓްސް ކްލަބް" އުވާލުމަށް ކޮމިޝަނާ އޮފް ސްޕޯޓްސްގެ މައްޗަށް އަމުރުކޮށްދިނުމަށާއި "ސްކޫޕު"، "ސްކޫޕު ކަންމަތި" އަދި "SKP" ލިޔެފައިވާ ފާރުތަކާއި، އެންމެހައި ތަންތަނުން އެނަންތައް ފޮހެލުމަށް އައްޑޫ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.
މިއީ ގޭންގެއް ކަމަށް ކަނޑައެޅުމަށް ހުށަހެޅި ދެވަނަ މައްސަލައެވެ. މީގެކުރިން ފުލުހުން ވަނީ މާލޭގައި ހަރަކާތްތެރިވާ ގްރޫޕެއް ވެސް ގޭންގެއް ކަމަށް ކަނޑައެޅުމަށް ހުށަހަޅާފަ އެވެ.
ކަންމިހެން ހުއްޓަސް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ މިހާރު ރާއްޖޭގައި ގޭންގެއް ނެތް ކަމަށެވެ.
އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލަނީ
ވިލް ބޭނުންވަނީ ޝާހްރުކް ޚާންއާއެކު މަސައްކަތް ކުރަން!
