ފޯޅަވަހި ހިމެނޭ ޗާގޯސް ޖަޒީރާ ރަށްތައް މޮރިޝަސްއަށް ދިނުމުގެ ބިލް އިނގިރޭސިވިލާތުގެ މަތިގޭގެ ވޯޓަށް ތައްޔާރުވެފައި ވަނިކޮށް އެ ބިލަށް ވޯޓުދިނުން ފަސްކޮށްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެ ނިންމުމާއެކު ފޯޅަވަހީގެ ސިޔާދަތީ ބެލެނިވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު ގެއްލިގެން އަދި ނުދާ ކަމަށެވެ.

މިއީ ފޯޅަވަހި މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ގެންގުޅޭ ވިސްނުން ބަދަލުކުރަން އުޅޭ ކަމުގެ ހެއްކެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ނަޝީދު ވިދާޅުވީ ފޯޅަވެއްސަށް ރާއްޖޭން ކުރާ ދައުވާ މާވަރުގަދަ ކަމަށެވެ. ސަބަބަކީ ފޯޅަވެއްސާއި ރާއްޖެއާ ދެމެދު ތާރީހީ ބޮޑު ގުޅުމެއް އޮވެ، ދިވެހި ބަސް ފޯޅަވަހީގެ އިހުގެ މަހާނަގާތަކުން ފެނިފައިވާތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި 16 ވަނަ ގަރުނުގެ ތެރޭގައި ރާއްޖޭގެ ރަސްމީ ލިޔުންތަކުގައި ފޯޅަވަހީގެ ވާހަކަ ބަޔާންކޮށްފައި ވާއިރު، ރާއްޖެ އާއި އެ ތަނާ ދެމެދު ޖިއޮގްރަފީގެ ގޮތުން އޮތް ގާތްކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.

"އިނގިރޭސިވިލާތުން ފޯޅަވަހި މޮރިޝަސްއަށް ދޫކޮށްލަން ނިންމި ނިންމުން އަނބުރާ ގެންދިޔުމަކީ ނަސީބެއް،" ނަޝީދު އިނގިރޭސި ބަހުން ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

ފޯޅަވަހި ލިބުން އެންމެ ހައްގުކަން ބޮޑު ގައުމަކީ ރާއްޖެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.