އެމެރިކާގެ އަސްކަރީ މަނަވަރުތައް އީރާނު ވަށައިލައިގެން، ބިރު ދެއްކޭނެ ކަމަށް ގަބޫލުކުރުމަކީ މޮޔަކަމެއް ކަމަށާއި އެކަމަށް ކުޑަ ވެސް ޖެހިލުމެއް ނުވާ ކަމަށް އީރާނުން ބުނެފި އެވެ.
އީރާންގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޚާމަނާއީ ވިދާޅުވީ އެމެރިކާއިން އިސްވެ އޮވެ، އީރާނަށް ހަމަލާދީފިނަމަ، ހަމަނުޖެހުންތައް އެހެން ގައުމުތަކަށް ފެތުރި، ސަރަހައްދީ ވަރުގަދަ ކުރިމަތިލުންތަކަށް ބަދަލުވެގެން ދާނެ އެވެ.
އީރާނަށް ހަމަލާއެއް ދޭން ޖެހިދާނެ ކަމުގައި ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވާފައިވަނިކޮށް، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން ހިމެނޭ ބިޔަ ލަޝްކަރެއް އީރާން ކައިރީގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ޚާމަނާއީ ވިދާޅުވި ގޮތުގައި، އަސްކަރީ މަނަވަރުތައް އީރާނު ވަށައިލައިގެން، ބިރު ދެއްކޭނެ ކަމަށް ގަބޫލުކުރުމަކީ ކުށްހީއެއް ކަމަށެވެ. އަދި އީރާނުން އެއްވެސް ގައުމަކަށް އިސްވެ ހަމަލާދޭން ބޭނުންނުވި ނަމަވެސް، އަމިއްލައަށް ދިފާއުވާން ފަސްނުޖެހޭނެކަމުގެ އިންޒާރު ވެސް ޚާމަނާއީ ދެއްވި އެވެ.
އަސްކަރީ ކުރިމަތިލުމަކަށް ނުގޮސް، މަޝްވަރާގެ ތެރެއިން ހިލާފުތަކަށް ހައްލެއް ހޯދުމަށް މަޝްވަރާތައް ކުރެވެމުން އަންނަކަމަށް ދެ ފަރާތުން ވެސް ވަނީ ބުނެފަ އެވެ.
ޖަނަވަރީ 31ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ތަހްރާނުން ވަރަށް ސީރިޔަސް ކަމާ އެކު ވޮޝިންގްޓަނާ ވާހަކަ ދައްކަމުންދާ ކަމުގައެވެ. އަދި، ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ހިޔާލު އީރާނުން ދޫކޮށްލައި، އެމެރިކާއާ އެކު އެއްބަސްވުމެއް އެކުލަވައިލަން ޖެހޭ ކަމުގައި އޭނާ ވިދާޅުވި އެވެ.
އެ ކަމަށް އީރާނުން އެއްބަސްވެދާނެ ކަމަށް އޭނާ ގަބޫލުފުޅެއް ނުކުރައްވަ އެވެ. ނަމަވެސް އީރާނުން ދަނީ އެ ފަރާތްތަކާއި ވާހަކަ ދައްކަމުން ކަމަށާއި ވަރަށް ސީރިޔަސް ކަމާ އެކު ވާހަކަ ދައްކަމުން ދާކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާއާ އެކު މަޝްވަރާތައް ފެށުމަށް ތަހްރާނުން ތައްޔާރުވަމުންދާ ކަން އީރާނުގެ ގައުމީ ސަލާމަތާ ބެހޭ އެންމެ މަތީ މަޖިލީހުގެ ވެރިޔާ އަލީ ލަރިޖާނީ ވެސް ވަނީ ކަށަވަރު ކޮށްދެއްވާފަ އެވެ. މީޑިއާގައި ހަދައިގެން ފަތުރާ ހަނގުރާމައިގެ ވާހަކަތަކާ ހިލާފަށް، މަޝްވަރާތަކުގެ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށް ލަރިޖާނީ ވިދާޅުވި އެވެ. ނަމަވެސް، އެ ކަމާ ގުޅޭ އިތުރު ތަފުސީލު އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.
އީރާނަށް ހަމަލާއެއް ދޭން ޖެހިދާނެ ކަމުގައި ޓްރަމްޕް އެންމެ ފަހުން ވިދާޅުވެފައި ވަނީ، އީރާންގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް އެ ގައުމުގެ އެތަކެއް ހާސް ބަޔަކު މުޒާހަރާ ކުރަން ފެށުމާ ގުޅިގެންނެވެ. އަދި، އެ މުޒާހަރާތައް ހުއްޓުވުމުގެ ނަމުގައި މުޒާހަރާގެ ބައިވެރިންނަށް ހަމަލާދީ އޭގެ ތެރެއިން ބަޔަކު މަރަމުންދާ ކަމުގެ ޚަބަރުތައް ފެތުރެން ފެށުމާ ގުޅިގެންނެވެ.
ޚާމަނާއީ ވަނީ އެ މުޒާހަރާތަކަކީ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ފަހަތުގައި އޮވެގެން ހިންގަން އުޅުނު ބަޣާވާތެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
އައިވީއެފްގައި ދަރިފަންޏާއި ބިސް އޮޅުވާލުމުން ދައުވާ ކޮށްފި
ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމުން އިނާޒު އިސްތިއުފާދެއްވައިފި
އީފާހުން ތާއީދު ފޯމު ފުރަންޖެހޭ މައްސަލައިގައި ގޮތެއް ނުނިންމުނު