އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުޑަތަންވެފައިވާއިރު، އިންތިހާބުގެ ޓައިމްލައިން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ނުކުރާތީ އެކަމާ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް ޓައިމްލައިން އާންމުކޮށްފި އެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ކަނޑައެޅި ތަރުޖަމާނު، އެ ޕާޓީގެ ދިއްދޫ ދާއިރާގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ އެހާ ހިސާބަށް އައިއިރުވެސް ޓައިމްލައިން ހާމަނުކުރުމަކީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމަށް ދެމުންދާ ޖާގައެއް ކަމަށާއި، އީސީން މަސައްކަތް ކުރަމުންދަނީ ސީދާ ސަރުކާރުގެ ނުފޫޒަށް ތަބާވެގެން ކަމަށެވެ.
ވަހީދު ފާހަގަކުރެއްވި ގޮތުގައި ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދެވޭނެ އެންމެ ފަހު ތާރީހާއި، ގުރުއަތު ނެގުން އޮންނާނެ ދުވަހެއް ނޭނގި އޮތުމަކީ އިންތިހާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭ ކަމެކެވެ. ވަހީދު ތުހުމަތުކުރެއްވި ގޮތުގައި މި މުއްދަތުތައް ހާމަނުކޮށް ލަސްކުރަމުންދަނީ، ސަރުކާރުން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމަށާއި، ވާދަވެރި ކެންޑިޑޭޓުންގެ ނަން ނެގުވުމަށް ވަގުތު ހޯދައިދިނުމުގެ ބޭނުމުގަ އެވެ.
މިހާރުވެސް ބައެއް ދާއިރާތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް އެދި، ވެރިކަންކުރާ ޕީއެންސީން ބޮޑެތި ހުށަހެޅުންތައް ހުށަހަޅަމުންދާ ކަމަށް ވަހީދު ވިދާޅުވި އެވެ.
މީގެ އިތުރުން، ބައެއް ރަށްރަށުގެ ކައުންސިލް ގޮނޑިތަކަށް އޮޓޮމެޓިކުން ހޮވިފައިވާ ކެންޑިޑޭޓުންގެ މައުލޫމާތު، އީސީން ރަސްމީކޮށް ހާމަކުރުމުގެ ކުރިން ޕީއެންސީން އިއުލާނުކުރަމުންދާ ކަންވެސް ވަހީދު ފާހަގަކުރެއްވި އެވެ.
ވަހީދު މިކަންކަން ފާހަގަ ކުރައްވާފައި ވަނިކޮށް އީސީން މިހާރު ވަނީ އިންތިހާބާބެހޭ ލަފާދޭ ގައުމީ ކޮމިޓީގެ ވަޓްސްއެޕް ގްރޫޕަށް، އިންތިހާބުގެ ޓައިމްލައިން ޝެއާ ކޮށްފައެވެ.
ޓައިމްލައިންގައި ބުނެފައިވާގޮތުން އެ ޓައިމްލައިންގައި ހިމެނިފައިވާ ތާރީހުތަކަށް ބަދަލުއައުން އެކަށީގެން ވެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ، 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އަދި ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީ 2026 އެޕްރީލް 11 ވާ ހޮނިހިރު ދުވަހު އެވެ.
އެޕްސްޓީންއާ ބައްދަލުކުރިއިރު، ތުހުމަތެއް ކުރެވޭކަމެއް ނޭނގެ
ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް އަވަހާރަކޮށްލައިފި
2.4 ބިލިއަން ރުފިޔާ އިންވެސްޓްކޮށްގެން ގެއްލުމެއް ނުވާނެ