ގެފުޅުގެ އިރުމަތީ ކަނުގެ ފާރުގައި ހަރުކޮށްފައިވާ ހަޖަރުލް އަސްވަދު ބަޔަކު ގަދަކަމުން ޖަހައިގަނެގެން ނުވަތަ ވަގަށް ނަގައިގެން ގެން ގޮސްފިއޭ ބުނުމުން ހައިރާން ވެދާނެ ކަން ނޭނގެ އެވެ. އެހެން ނަމަވެސް އެއީ ހިނގި ކަމެކެވެ. 23 އަހަރުގެ ދިގު މުއްދަތަކަށް އެ މުގައްދަސް ހިލަ، މާތްވެގެންވާ ގެފުޅާ ވަކިވެފައި އޮތެވެ.

ހަޖަރުލް އަސްވަދަކީ ކައުބަތުﷲ ގެފުޅާ ގުޅިފައިވާ އެންމެ މަތިވެރި އެއް ބައެވެ. ބުނެވޭ ގޮތުގައި އެއީ އުޑުން ބާއްވައި ލެއްވި ހިލައެކެވެ. ސުވަރުގެއިން އެ ހިލަ ބިމަށް ބާވައި ލެއްވުނީ ސަލާމް ލެއްވި އާދަމުގެފާނު ގެފުޅު ބިނާ ކުރެއްވުމުގެ މަސައްކަތް ޕުޅަށެވެ.

ކައުބަތުﷲ ގެފުޅަކީ ސަލާމް ލެއްވި އާދަމްގެ ފާނު ދުނިޔެއަށް ފައިބައި ވަޑައިގެންނެވުމަށްފަހު އަޅުކަން ކުރެއްވުމަށް އިމާރާތް ކުރެވުނު ބިނާއެކެވެ. އެއީ ދުނިޔޭގެ އެންމެ ފުރަތަމަ މިސްކިތެވެ. އާދަމްގެ ފާނު ބިނާ ކުރެއްވި ގެފުޅު، ތޫފާންތަކާއި ކާރިސާތަކުގެ ޝިކާރަޔަށް ވެ އެތަކެއް ޒަމާނެއް ވަންދެން ވީރާނާވެފައި އޮތުމަށްފަހު، އަލުން ބިނާ ކުރެއްވީ ސަލާމްލެއްވި އިބްރާހީމްގެ ފާނާއި އެކަލޭގެ ފާނުގެ ދޮށީ ދަރިކަލުން އިސްމާއީލްގެ ފާނާ ދެބަފައިކަލުންނެވެ. އެ ބޭފުޅުން ގެފުޅު އަލުން ބިނާ ކުރެއްވީ އާދަމްގެފާނު އެޅުއްވި ބިންގަލުގެ މަތީގަ އެވެ.

ކައު އިތުރު ރަސޫލާ އިސްލާމް ދީނާއިގެން ވަޑައިގެންނެވުމުގެ ކުރިން ވެސް ހަޖަރުލް އަސްވަދުގެ މުގައްދަސް ކަމަކީ މަޝްހޫރު ކަމެކެވެ. މިއަދު އެތައް މިލިއަން ބަޔަކު ހައްޖަށް ގޮސް ގެފުޅު ވަށާ ތަވާފު ކުރާއިރު އެ ހިލައިގައި ބޮސް ދެ އެވެ. ކައިރި ނުވެވުނު ނަމަ އިޝާރަތުން ނަމަވެސް އެކަން ކުރެ އެވެ.

އައްބާސީ ޚިލާފަތުގެ ދުވަސްވަރު މުސްލިމުންގެ މެދުގައި އުފެދުނު ވެރިކަމާއި ދީނާއި އެނޫންވެސް ގިނަ ކަންކަމުގެ ޚިޔާލު ތަފާތުވުންތަކެއްގެ ތެރެއިން ތަފާތު ގުރޫޕްތަކެއް އުފެދުނެވެ. އޭގެ ތެރެއިން ބައެއް ޖަމާއަތްތައް ބަޣުދާދުގައި އޮތް އައްބާސީންނާއި ދެކޮޅުވެ، ވަކި ދައުލަތެއްގެ ސިފައިގައި ވެރިކަން ހިންގި އެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު އެއް ޖަމާއަތަކީ ޤަރްމާތިއަންގެ ނަމުން މަޝްހޫރު ވި ދީނީ، ޖަމާއަތެކެވެ. އެ ޖަމާއަތުން އައްބާސީންނާ ދެކޮޅުވެ، އިރުމަތީ އަރަބިޔާ އާއި ބަހުރައިންގައި ވަކި ވެރިކަމެއް ހިންގި އެވެ.

ހިޖުރައިން 318 ވަނަ އަހަރު ރޯދަ މަހު އެ ގްރޫޕުން މާތްވެގެންވާ މައްކާއަށް އަރައިގަތެވެ. ވެރިއަކަށް ހުރީ އަބޫ ތާހިރު އަލް ޤަރްމާތީ އެވެ. އަބޫ ތާހިރުގެ ވެރިކަމުގެ ދަށުން މައްކާއަށް ވަން ލަޝްކަރުގެ އަނިޔާވެރި ހަމަލާގައި، ހައްޖުގެ އަޅުކަން ފުރިހަމަ ކުރަމުންދިޔަ ހައްޖާޖީންގެ އެތައް ބަޔަކު މަރައިލި އެވެ. އެއަށްފަހު ކައުބަތުﷲ ގެފުޅުގެ ފާރުކޮޅަށް ގެއްލުންދީ ހަޖަރުލް އަސްވަދު ވަގަށް ނަގައިގެން ގެންދިޔަ އެވެ. އެ މީހުން ވަގަށް ނެގި މާތްވެގެންވާ ހިލަ ކޮޅު ބެހެއްޓީ މިހާރުގެ ބަހުރައިން ގަ އެވެ. އެ މީހުންގެ މަގުސަދެއް ކަމަށް ބެލެވިފައި އޮތީ ބަޣުދާދުގައި އޮތް އައްބާސީ ޚިލާފަތަށް ޗެލެންޖް ކުރުމެވެ. ހަމަ އެއާއެކު މައްކާއަށް ލިބިފައި އޮތް ދީނީ މުގައްދަސް ކަން ވެސް ބަލައި ނުގަންނަ ކަން ދެއްކުމެވެ.

23 އަހަރުގެ ދިގު މުއްދަތަކަށް ހަޖަރުލް އަސްވަދާ ނުލައި ގެފުޅު ހުއްޓެވެ. އެ މުއްދަތަކީ ސިޔާސީ ގޮތުންނާއި ދީނީ ގޮތުން މުސްލިމުންގެ މެދުގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވި ދުވަސްވަރެކެވެ. ވަކި ހިލައެއް މަދުވުމަކުން ގެފުޅުގެ މުހިންމުކަމާއި އަޅުކަމުގެ މާތްކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ދީނީ އިލްމުވެރިން ގެންދިޔައީ އަޑުއުފުލައި އާންމުން ހޭލުންތެރި ކުރުވަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ހަޖަރުލް އަސްވަދު، ގެފުޅުގައި ނެތްކަމުގެ ނުތަނަވަސްކަން މުސްލިމުންގެ ހިތްތަކުން ފިލައިގެނެއް ނުދެ އެވެ.

23 އަހަރުގެ ނުތަނަވަސް ކަމާއި ހަމަނުޖެހުންތަކަކަށް ފަހު އައްބާސީ ވެރިކަމުން ހިލަ އަނބުރާ ހޯދި އެވެ. ހަނގުރާމައެއް ކޮށްގެނެއް ނޫނެވެ. ޤަރްމާތިއަނުން ބޭނުންވި އަދަދަކަށް ފައިސާ ދިނުމަށް ފަހު އެވެ. ހިލަ އަނބުރާ މައްކާއަށް ގެންދިޔައިރު އެ ހިލައަށް ބޮޑެތި ގެއްލުންތައް ލިބިފައި ހުއްޓެވެ. އެތައް ތަނަކުން ބިންދައިގެން ގޮސްފަ އެވެ. ބައެއް ބައިތައް ވަނީ ކުދިކުދި ހިލަކޮޅުތަކެއްގެ ގޮތުގައި ފުޑިފަ އެވެ. ތަޖުރިބާކާރުންގެ އެހީގައި ހިލަ އަލުން އަތުރައި އެއްކުރުމުމަށްފަހު ގެފުޅުގެ ފާރުކޮޅަށް ލި އެވެ. މިހާރު ހިލަކޮޅު އޮތް ގޮތަށް ރިހީގެ ފްރޭމަކަށް ލީ އުސްމާނީ ޚިލާފަތުގެ ވެރިކަމުގަ އެވެ.

ކައުބަތުﷲ ގެފުޅަކީ މި ބިމުގައި އިންސާނީ ހަޒާރަތުގެ ފެށުމާ ގުޅުން ހުރި ބިނާއެކެވެ. މުސްލިމުންގެ އެންމެ މުގައްދަސް ބިނާ އެވެ. އެ ބިނާގައިވާ ހަޖަރުލް އަސްވަދަކީ އެ ހިލަކޮޅެއްގެ މުގައްދަސް ކަން ހުރިހާ މުސްލިމުންގެ ހިތްތަކުގައި ބިންވަޅު ނެގިފައިވާ ހިލަކޮޅެކެވެ. އެ މުގައްދަސް ހިލަކޮޅު ކައުބަތުﷲ ގެފުޅުން ވަކިވެ ދިޔަ 23 އަހަރުގެ މުއްދަތަކަށް އޮތް އޮތުމަކީ މުސްލިމު އުންމަތުގެ މެދުގައި އުފެދިފައި އޮތް ބައިބައިވުމުގެ ރަމްޒެކެވެ. އެތައް ސަތޭކަ އަހަރެއް ވޭތުވެ ދިޔަ ފަހުން ވެސް މުސްލިމް އުންމަތުގެ މެދުގައި އެ ނުތަނަވަސްކަން ފިލައި ނުދެ އެވެ.