2004 ވަނަ އަހަރު ރިލީޒް ކުރެވުނު ބޮލީވުޑްގެ ކާމިޔާބު ފިލްމު " މޭ ހޫން ނާ"ގެ ސީކުއަލްގެ މަސައްކަތް ފަށާފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.

"މޭ ހޫން ނާ 2"ގެ އަޑުތައް ގަދަވެފައިވާ މި ދަނޑިވަޅުގައި އެ ފިލްމުގެ ވާހަކައިގެ ގޮތުގައި ޑައިރެކްޓަރު ފަރާ ޚާން ވިސްނާފައިވަނީ ވަރަށް ތަފާތު ވާހަކައެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެގޮތުން އެ ފިލްމުގެ ލީޑު ރޯލުން ވެސް ޝާހްރުކް ޚާން ފެންނާނެ ކަމަށް ބެލެވޭއިރު މިފަހަރު އޭނާ ފެނުން އެންމެ ގާތީ ޑަބަލް ރޯލަކުން ކަމަށްވެ އެވެ.

އެގޮތުން މި ފިލްމު ވެސް ވެގެން ދާނީ ފުރަތަމަ ބަޔާ އެއްގޮތަށް މަޖާ ކަންތައްތަކެއް ވެސް ހިމެނޭ އެހެން ނަމަވެސް ބެލުންތެރިންގެ ޖަޒުބާތުތަކާ ކުޅެލާ ކަހަލަ ފިލްމަކަށެވެ.

"މޭ ހޫން ނާ 2"ގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތްތައް ކުރިއަށްދާ ކަމަށް ހަބަރުތައް ބުނި ނަމަވެސް ފަރާ ނުވަތަ ޝާހްރުކް ޚާން ވެސް އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.

ޝާހްރުކް ޚާން ވަނީ މީގެ ކުރިން ވެސް ބައެއް ފިލްމުތަކުގައި ޑަބަލް ރޯލް ކުޅެދީފަ އެވެ. އޭގެ ތެރޭގައި "ޑުޕްލިކޭޓް" އަދި "ޑޮން" ހިމެނެ އެވެ.

ޝާހްރުކް ޚާންގެ އިތުރުން ޒައިދު ޚާން، އަމްރިތާ އަރޯރާ އަދި ސުޝްމިތާ ސެން ލީޑު ރޯލުތަކުން ފެނިގެންދިޔަ "މޭ ހޫން ނާ"ގެ ފުރަތަމަ ފިލްމަކީ މިއަދު ވެސް ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމެކެވެ.