ކުރިއަށް އޮތް ހަތަރު ދުވަހު ދުންފުހުގެ އަސަރު ރާއްޖެއަށް ކުރާނެތީ، ސަމާލުވެ ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން އިލްތިމާސްކޮށްފި އެވެ.

މެޓުން މިއަދު ބުނީ ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރަމުން ދާކަމަށެވެ.

އެގޮތުން، ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ދުންފުހުގެ އަސަރު ރާއްޖޭގެ ސަރަހައްދުގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށާއި އެކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ވައިގެ ސާފުކަން ހުރި މިންވަރު ދައްކައިދޭ "އައިކިއު އެއާ" ގެ މައުލޫމާތުތަކަށް ބަލާއިރު މާލޭގައި ވައިގެ ކޮލެޓީ ހުރީ 118، ނުރައްކަލުގެ އޮރެންޖު ސަމާލު ގައެވެ. ވިލިމާލޭގައި ވައިގެ ކޮލެޓީ 158ގައި ހުރިއިރު މިއީ ނުރައްކަލުގެ ރަތް ސަމާލެވެ. ކުޅުދުއްފުށި ސިޓީ ވެސް ނުރައްކަލުގެ އޮރެންޖު ސަމާލުގައި އޮތް އިރު އެ ސިޓީގައި ވައިގެ ކޮލެޓީ އުޅެނީ 115 ގައެވެ.

ވައި ނުސާފުވުމުގެ ސަބަބުން ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ބޮޑުވާނެތީ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް މީގެ ކުރިން އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށް ވަނީ އެދިފަ އެވެ. އަދި ބޭރަށް ނުކުންނަ ވަގުތުތަކުގައި މާސްކު އެޅުމަށާއި ބޭރުގެ ނުސާފު ވައި ނުވަންނާނެ ހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރެ އެވެ.