ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ތެރެއިން "އެލްނީނޯ" ގެ ސަބަބުން، ކުރިއަށް އޮތް ތިން މަސްދުވަހު ރާއްޖޭގެ ހޫނުމިން އާދައިގެ މިންވަރަށް ވުރެ މައްޗަށް ދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން މިއަދު އާންމުކުރި، އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް މޫސުން ލަފާކުރާ ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މުއްދަތުގައި މުޅި ރާއްޖޭގައި ވެސް ވައިގެ ހޫނުމިން އާންމުކޮށް ހުންނަ މިންވަރަށް ވުރެ މަތިވާނެއެވެ.
ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ މިންވަރަށް ބަލާއިރު، މި ތިން މަހުގެ ތެރޭގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ ބައެއް ސަރަހައްދުތަކަށް އާންމުކޮށް ވާރޭ ވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހޭނެ ކަމަށް ބެލެވެނީ އާންމު މިންގަނޑަށް ވުރެ މަދުންނެވެ.
މެޓް އޮފީހުން ފާހަގަކުރި ގޮތުގައި، ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު މިހާރު ދަނީ ގަދަވަމުންނެވެ. އަދި މި ހާލަތު އެ އިދާރާއިން ވަރަށް ގާތުން މޮނިޓާ ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.
މި ކަމުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވެ، ފަރުތަކުގެ ދިރުމަށް ނުރައްކާވުމުގެ އިތުރުން، ވާރޭވެހުމަށާއި ކަނޑުގެ މާހައުލަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ މަސްވެރިކަމަށާއި ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް މެޓުން އިންޒާރު ދެއެވެ. އެހެންކަމުން، މި ދާއިރާތަކުން ކުރިއާލައި މިފަދަ ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެލްނީނޯއަކީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގެ ކަނޑުގެ ލޮނުގަނޑު ހޫނުވުމާ ގުޅިގެން މުޅި ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ ގުދުރަތީ ހާދިސާއެކެވެ. މިއީ އާންމުކޮށް ކޮންމެ ދެ އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ތަކުރާރުވާ އަދި ގާތްގަނޑަކަށް ނުވަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާ ހާލަތެކެވެ. ބައެއް ހާލަތްތަކުގައި މީގެ އަސަރު އަހަރުތަކަކަށް ދެމިގެންދާ ފަހަރުވެސް އާދެއެވެ.
ޑޮލީގެ މަރާއެކު އޭނާގެ ލަވަތައް ޗާޓުތަކުގެ އެންމެ ކުރިއަށް!
ރައީސާ ބައްދަަލުކުރަން އިތުރު 8 ދާއިރާއަކަށް ފުރުސަތު
ފުވައްމުލަކުގެ ސަޕޯޓަރުންނާ ރައީސް ޔާމީން ބައްދަލުކުރައްވައިފި