ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެެރެއިން 'އަމާން އުދަރެސް' ގެ ފްލެޓެއްގައި ބިދޭސީން ލޭބާ ކުއާޓާ ހަދައިގެން އުޅޭތީ އެތަން 10 ދުވަސްތެރޭ ހުސްކުރަން އަންގައި، އެކަން އެގޮތަށް ނުކޮށްފި ނަމަ ފްލެޓު އަތުލާނެ ކަމުގެ އިންޒާރު ދީފި އެވެ.
މިކަމާ ގުޅިގެން އެފްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވީ އަމާން އުދަރެސްގެ ފްލެޓެއް ބިދޭސީންނަށް ލޭބާ ކުއާޓާ ހަދަން ދޫކޮށްފައިވާ މައްސަލާގައި އެތަނުގެ ވެރިފަރާތް 50,000 ރުފިޔާއިން ޖޫރިމަނާކޮށް، އަދި ދީފައިވާ 10 ދުވަހުގެ މުހުލަތުގައި އެތަން ހުސްކުރަން އަންގާފައިވާ ކަމަށެވެ.
އެހެންކަމުން އަންގާފައިވާ މުއްދަތުގެ ތެރޭގައި ނުކޮށްފިނަމަ، ފްލެޓުގެ އެއްބަސްވުން ބާތިލުކޮށް އެހެން ބަޔަކަށް އެ ޔުނިޓު ދިނުމަށް މިނިސްޓްރީއަށް ފޮނުވަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
" އެ މައްސަލަ ފެންމަތިވެ، އެތަނުގެ ވެރިފަރާތް މިހާރު ވާނީ ޖޫރިމަނާ ވެސް ކުރެވި، ތަން ހުސްކުރަން މުހުލަތެއް ވެސް ދީފަ. އެކަން އެ މުއްދަތުގައި ނުކޮށްފި ނަމަ ތަނުގެ އެއްބަސްވުން އަތުގައި ތަން އެލޮކޭޓް ކުރަން ފޮނުވާނަން،" އޮފިޝަލް ވިދާޅުވި އެވެ.
މިއީ ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ މީހުން ދިރިއުޅުމަށް ބޮޑެތި ލޯނުތައް ނަގައިގެން ސަރުކާރުން އިމާރާތްކޮށްފައިވާ މިފަދަ ތަންތަން އަމިއްލަ ފަރުދުން ރިއަލް އެސްޓޭޓް ވިޔަފާރިއަށް ބޭނުންކުރުމަކީ ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންނަށް ދެވޭ ބޮޑު ދެރައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.
ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އެއްބަސްވުމުގައިވާ ގޮތުން، މިފަދަ އުސޫލުތަކާ ހިލާފުވުމަކީ ފްލެޓް އަތުލެވިދާނެ ހާލަތެކެވެ.
އެހެންކަމުން، ކުއްޔަށްދޭ ފްލެޓްތައް ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެފްޑީސީން އަޅަމުންދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ގެދޮރުވެރިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ހަވާލުކުރަން ފެށުމާ އެކު، ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޫކުރުމަށް އިޝްތިހާރު ޖަހަން ފެށި މައްސަލައެއް ވެސް މީގެ ކުރިން ވަނީ ފެންމަތިވެފަ އެވެ.
އެ މައްސަލާގައި ވެސް އެފްޑީސީން ވަނީ ފްލެޓު އެއްބަސްވުން ބާތިލުކުރާނެ ކަމުގެ އިންޒާރު މީގެ ކުރިން ދީފަ އެވެ.
ހަޔާ އެޑިޔުކޭޝަންގެ އެސްޕީޑީ ކަމުން އީޝާ ވަކިކޮށްފި
ވޯލްޑް ކަޕް ބޮއިކޮޓް ކުރަން ޖަރުމަނުގެ އޮފިޝަލަކު ގޮވާލައިފި
މޯލްޑިވް ގޭހުގެ ފައިސާ ގެއްލުނު މައްސަލަ މަޖިލީހުން ބަލަނީ