ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހަށް އިސްތިގުބާލުކުރާއިރު، އީމާންކަންމަތީ ތިބެ، މާތް ﷲގެ ދަރުމަ އާއި ސަވާބަށް އެދޭ ހާލު އެ މަހާ ބައްދަލުކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވައިލައިފި އެވެ.
ހުތުބާގައި ބަޔާންކުރި ގޮތުގައި، އަހަރެމެންގެ ސޯލިހު ސަލަފުންނަކީ އެ މަހުގެ ބަރަކާތާއި ދަރުމައިގެ ބޮޑުކަމުން، އެ ބޭކަލުންގެ ހަޔާތުގައި ރަމަޟާން މަސް ތަކުރާރުވުމަށް އެދިވަޑައިގެންނެވި ބޭކަލުންނެވެ.
ރަމަޟާންމަހުގެ ރޯދައަށް ފުރިހަމައަށް އިސްތިގުބާލު ކުރެވޭނީ، ރޯދައަކީ ކޮބައިކަމާއި ރޯދައާ ބެހޭ އާންމު ހުކުމްތައް ދެނެގަނެގެން ކަމަށް ހުތުބާގައި ފާހަގަކުރި އެވެ. ޝަރުޢީ ގޮތުން ރޯދައަކީ، ނިޔަތްގަނެ، ފަޖުރުލީއްސުރެ އިރު އޮއްސިއްޖައުމަށް ދާންދެން، ކެއުމާއި ބުއިމާއި ރޯދަ ގެއްލޭ އެންމެހައި ކަންކަމުން ދުރުހެލިވެގެން ހުރުމެވެ.
މީގެ އިތުރުން، ދުލާއި ގުނަވަންތައް މުންކަރާތްތަކުން އެއްކިބާކުރުމަކީ ރޯދަވެރިޔާގެ މައްޗަށް ލާޒިމުކަމެއް ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
ހުތުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ދޮގުހެދުމާއި އުރެދުމުގެ ޢަމަލުތަކަށް އަރައިގަންނަ މީހާ، ނުކައި ނުބޮއި ހުރިކަމުގައި ވިޔަސް، އެތައް ސަވާބަކުން މަހުރޫމުވެ އެވެ. މިކަމުގެ ހެއްކެއްގެ ގޮތުން ކީރިތި ރަސޫލާގެ ހަދީސްފުޅެއް ހުތުބާގައި ހަނދާންކޮށްދިނެވެ.
ކީރިތި ރަސޫލާ ހަދީސްކުރައްވައިފައިވެ އެވެ. (رُبَّ صَائِمٍ لَيْسَ لَهُ مِنْ صِيَامِهِ إِلَّا الْـجُوْعُ، وَرُبَّ قَائِمٍ لَيْسَ لَهُ مِنْ قِيَامِهِ إِلَّا السَّهَرُ) މާނައީ: "ރޯދައަށް ހުރުމުން ހައިހޫނުކަން ފިޔަވައި، އެހެންކަމެއް ނުލިބޭ ކިތައްކިތައް ރޯދަވެރީން ވޭހެއްޔެވެ! އަދި ރޭއަޅުކަންކުރުމުން ނިދި ނަގައިލުމާއި ހޭލައިހުރުން ފިޔަވައި އެހެން ކަމެއް ނުލިބޭ ކިތައްކިތައް މީހުން ވޭހެއްޔެވެ!"
ރަމަޟާންމަހަކީ އީމާންކަމާއި، ތަގުވާވެރިކަމާއި، މަތިވެރި އަހްލާގުގެ މަހެއްގެ ގޮތުގައި ހުތުބާގައި ސިފަކުރިއެވެ. ރޯދައަކީ އަޅާއާއި އޭނާގެ ވެރިރަސްކަލާނގެއާ ދެމެދު އޮތް ބޮޑު ސިއްރެއް ކަމަށާއި، އިހުލާސްތެރިކަމާއެކު ހިފާ ރޯދައިގެ ސަވާބު އެހެން އަޅުކަންތަކަށް ވުރެ ބޮޑުވެގެންވާ ކަމަށް ބުންޏެވެ. ރަސޫލާގެ ހަދީސް ފުޅެއްގައިވާ ފަދައިން، އީމާންކަންމަތީ ހުރެ ސަވާބަށް އެދޭ ޙާލު ރޯދަހިފައިފި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސަވާނެ އެވެ.
ރޯދައިގެ ބައެއް ޙުކުމްތަކަށް އަލިއަޅުވާލަމުން ހުތުބާގައި ބުނީ، ދަތުރެއްގެ މަތީގައިވާ މީހުންނާއި، ބަލި މީހުންނަށް ރޯދަ ދޫކޮށްލުމުގެ އިޚުތިޔާރު ލިބިގެންވާ ކަމަށެވެ. ނަމަވެސް އެފަދަ މީހުން ފަހުން ރޯދަ ޤަޟާކުރަން ޖެހޭނެ އެވެ. ދާއިމީ ބަލިކަމެއް ތަޙައްމަލުކުރާ މީހުންނާއި، މުސްކުޅި ބަލީގެ ސަބަބުން ރޯދަ ނުހިފޭ މީހުން، ކޮންމެ ދުވަހަކަށް މިސްކީނަކަށް ކާންދިނުމަށް (ފިދުޔަ ދިނުމަށް) ހުތުބާގައި އިރުޝާދު ދީފައިވެ އެވެ.
ހުތުބާ ނިންމާލަމުން ވަނީ، ރަމަޟާންމަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށާއި، އަޅުކަމާއި ހެޔޮ ޢަމަލުތަކުގައި ދެމިތިބުމަށް ހުރިހާ މުސްލިމުންނަށް ވަސިއްޔަތްކޮށްފަ އެވެ.
އެންޑްކްރިނޮލޮޖީގެ ހިދުމަތް ޓްރީޓޮޕްގެ މާލޭ ކްލިނިކުން
ބަންގްލަދޭޝްގެ އާންމު އިންތިހާބުގެ ވޯޓުލުން ފަށައިފި
ތިނަދޫ ވެމްކޯ މުވައްޒަފަކު ކުޅުދުއްފުއްޓަށް ބަދަލުކޮށްފި