ގޭތެރެއިން ނެރޭ ކުނިތައް އަޅައި ހިޔާ ޓަވަރުތައް ވެސް ގޮނޑަކަށް ހަދާ މައްސަލަ ބޮޑުވެ، ކުނި ނޭޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަންގަން ފަށައިފި އެވެ.
ދިވެހިންގެ އާދަކާދަ ހުންނަ ގޮތުން ކޮންމެ އަހަރަކު ވެސް ރޯދަމަހާ ދިމާކޮށް ގޭތެރޭގައި ބޭނުންކުރާ ހިފާގެންގުޅޭ ސާމާނާއި ފަރުނީތަރު ފަދަ ތަކެތި ބަދަލުކުރުމަކީ ކުރަމުން އަންނަ ކަމެކެވެ.
ރޯދަމަހާ ދިމާކޮށް، ގޭތެރެ ސާފުކޮށް ނެރޭ ބޮޑެތި ކުނިތައް މަގުމައްޗަށް އުކާލާ މައްސަލަ އަބަދު ވެސް ބޮޑެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ 'އަމާން ޓަވަރު'ތަކުން ވެސް އެތަނުގެ ތިރިއަށް ކުނިއަޅާ ގޮނޑުކުރާ މައްސަލަ މިފަހުން ފެންމަތިވި އެވެ. އެ ތަން ސާފުކުރުމަށް ފަހު، އެފްޑީސީން ވަނީ ކުނިއަޅާ މީހުން ޖޫރިމަނާކުރަން ކުރަން ފަށާފަ އެވެ.
ސޯޝަލް މީޑިއާގައި އެކަމާ ހިތްހަަމަނުޖެހުން ފާޅުކޮށް ބައެއް މީހުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން، ހިޔާ ޓަވަރުތަކުގެ ގްރައުންޑް ފްލޯގެ ހުސްކޮށް އޮންނަ ސަރަހައްދަށް، އެޕާޓުމަންޓުތަކުން ނެރެފައިވާ ބޮޑެތި ފަރުނީޗަރުތަކާއި ގޮދަނޑި އަދި ހިފާ ގެންގުޅޭ އެހެނިހެން ސާމާނުތަކާއި ފޮށިގަނޑުތައް އަޅާ ވަނީ ފުރާލާފަ އެވެ.
ކުނިތައް އެތަނުން ނެގުމުގެ މަސައްކަތް އެޗްޑީސީގެ މުވައްޒަފުން ކުރަމުންގެންދިޔަ ނަމަވެސް އެޗްޑީސީން ބުނީ، ސާފުކުރާއިރަށް އެތަނަށް އަނެއްކާވެސް ކުނިއަޅާތީ، އެއީ އާންމުން ވެސް އެއްބާރުލުންދޭންޖެހޭ ކަމެއް ކަމަށެވެ. އެކަން ކުރާ މީހުން ދެނެގަނެ ތަކުރާރު ނުކުރުމަށް ނަސޭހަތްދީފައިވާ ކަމަށް ވެސް ބުންޏެވެ.
ގޭގެއިން އުކާލާ ކުނި އާންމު ސަރަހައްދުތަކަށް މިގޮތަށް ޖަމާކުރުމަކީ މަނާ ކަމެކެވެ. ގޭގެއިން އުކާލާ ފޮށިގަނޑު އަދި ފަރުނީޗަރު ފަދަ އެ ނޫން ވެސްބޮޑެތި ކުނިތައް ނައްތާލުމަކީ ވެރިފަރާތުގެ ޒިންމާއެކެވެ. މިފަދަ ކުނިތައް އުކާލަން ވެމްކޯގައި ކޯލް އެންޑް ޕިކަޕް ސާވިސް (ކެޕްސް)ގެ ނަމުގައި ވަކި ހިދުމަތެއް ވެސް ގާއިމުކޮށްފައި ހުރެ އެވެ.
އަލް ފަތުހު މިސްކިތް އާބާތުރަފިލުވުމުގެ މަސައްކަތް ފަށައިފި
ސީރިއާގައި ތިބި އެމެރިކާ ސިފައިން ބާލަން ނިންމައިފި
ރަމަޟާން މަހަށް ހަށިގަނޑު ހާނުވަން ކުރެވިދާނެ ދެތިން ކަމެއް!