ފްލެޓާއި ގޯއްޗަށް އެދި މިހާތަނަށް 5،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. ފޯމު ހުށަހަޅަންޖެހެނީ "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށެވެ.
ހައުސިން މިނިސްޓްރީން ބުނީ މިހާތަނަށް ޖުމުލަ 5،067 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނައީ ފްލެޓަށް ފޯމު ހުށަހެޅި މީހުންނެވެ. ފްލެޓަށް އެދި 3،434 މީހުން މިހާތަނަށް ފޯމު ހުށަހަޅާފައިވެ އެވެ. އަދި ގޯއްޗަށް އެދި 1،633 މީހުން ވަނީ ފޯމު ހުށަހެޅި އެވެ.
ފޯމު ފުރުމުގެ ޑްރާފްޓް މަރުހަލާގައި 11،304 މީހުން އެބަތިއްބެވެ. މި ސަރުކާރުން ދޫކުރަން ހަމަޖެހިފައިވަނީ 1،250 އަކަފޫޓުގެ 15,000 ގޯއްޗެވެ.
މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ހަމަޖެހިފައި ވަނީ އުތުރު ތިލަފަޅުންނެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމާފައި ވަނީ ރަސްމާލެ އިންނެވެ.
މި ސަރުކާރުން 7،900 ފްލެޓް ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި މާލޭގެ ރަށްވެހީންނަށް ދޫކުރާ 4،000 ފްލެޓާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓްގެ އިތުރުން ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް ދޭ 2,400 ފްލެޓް ހިމެނެ އެވެ.

ތާރީހުގެ ސަފުހާތަކުން: ރާއްޖޭގައި ރޯދަ މަހަކީ އަންހެނުންގެ މަހެއް
ރޯދަ މަލާފަތް: ފެންފޮޅި ތައްޔާރު ކުރަން ފަސޭހަ ވެފައި އެހާ މީރު!
އިންތިހާބަށް ދައުލަތުގެ ވަސީލަތްތަކާއި ނުފޫޒު އިންތިހާއަށް
