އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ، ޖެފްރީ އެޕްސްޓީންގެ މައްސަލައިގެ ބައެއް ފައިލްތައް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހިފަހައްޓާފައިވާކަން އެންޕީއާރު އިން ކުރި ތަހުގީގަކުން ހާމަވެއްޖެ އެވެ. މީގެ އިތުރުން، އެޕްސްޓީންގެ މައްސަލައިގައި ޓްރަމްޕަށް ކުރެވޭ ތުހުމަތުތައް ހިމެނޭ ބައެއް ލިޔެކިޔުންތައް އާންމުކޮށްފައިވާ ޑޭޓާބޭސްއިން ވެސް ވަނީ އުނިކޮށްފަ އެވެ.

މި ލިޔެކިޔުންތައް އާންމުކުރުމަށް ގާނޫނުން ލާޒިމްކުރި ނަމަވެސް، އެފްބީއައި އިން ކުރި އިންޓަވިއުތަކުގެ 50 އަށްވުރެ ގިނަ ސަފުހާ އާއި، މީގެ އެތައް އަހަރެއް ކުރިން ކުޑަކުއްޖެއްގެ ގޮތުގައި ހުރިއިރު ޓްރަމްޕް ޖިންސީ ގޯނާކުރި ކަމަށް ބުނާ އަންހެނަކާ ދެކެވުނު ވާހަކަތަކުގެ ނޯޓްތައް ހިމެނޭ ފައިލްތައް އަދިވެސް އާންމުކޮށްފައެއް ނުވެ އެވެ. އެންޕީއާރުން ވަނީ މި ލިޔެކިޔުންތަކުގެ ސީރިއަލް ނަންބަރުތަކާއި މެޓަޑޭޓާ ބޭނުންކޮށްގެން، ޖަސްޓިސް ޑިޕާޓްމަންޓުން އާންމުނުކޮށް ހިފަހައްޓާފައިވާ އެތައް ސަފުހާއެއް ހުރިކަން ކަށަވަރުކޮށްފަ އެވެ.

މިކަމާ ގުޅޭގޮތުން ޖަސްޓިސް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނަޓާލީ ބަލްޑަސާރޭ ވިދާޅުވީ، އާންމުނުކޮށް ހުރި ލިޔެކިޔުންތަކަކީ އިމްތިޔާޒު ލިބިގެންވާ، ނުވަތަ އެއް ލިޔުމެއްގެ ކޮޕީތަކެއް ކަމަށެވެ. އަދި ބައެއް ލިޔުންތަކަކީ މިހާރު ކުރިއަށްދާ ތަހުގީގަކާ ގުޅުންހުރި ލިޔުންތަކެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ހައުސް އޯވަސައިޓް ކޮމިޓީގެ މެންބަރު ރޮބަޓް ގާސިއާ ވިދާޅުވީ، ޖަސްޓިސް ޑިޕާޓްމަންޓުން މި ލިޔެކިޔުންތައް ހިފަހައްޓާފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

"އިއްޔެ އަޅުގަނޑު ޖަސްޓިސް ޑިޕާޓްމަންޓުގެ އެވިޑެންސް ލޮގްތައް ބެލިން. ރައީސް ޓްރަމްޕްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރި މީހާގެ އިންޓަވިއުތައް ޖަސްޓިސް ޑިޕާޓްމަންޓުން ގާނޫނާ ހިލާފަށް ހިފަހައްޓާފައިވާކަން ކަށަވަރުކޮށްދެން،" ގާސިއާ ވިދާޅުވިއެވެ.

މި މައްސަލައިގައި ހައުސް އޯވަސައިޓް ކޮމިޓީގެ ޑިމޮކްރެޓުން މިހާރު ވަނީ ޖަސްޓިސް ޑިޕާޓްމަންޓުގެ ނިންމުމާ ގުޅޭގޮތުން ވަކި ތަހުގީގެއް ފަށާފަ އެވެ.

މި ތުހުމަތުތަކާ ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު އަބީގޭލް ޖެކްސަން ވިދާޅުވީ، އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންނަށްޓަކައި ޓްރަމްޕް ކުރެއްވި މަސައްކަތް އެހެން އެއްވެސް މީހަކަށްވުރެ އިތުރު ކަމަށެވެ. އަދި އެޕްސްޓީންގެ މައްސަލައިގައި ޓްރަމްޕްގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކުން އޭނާ ބަރީއަވެފައިވާ ކަމަށްވެސް ވައިޓް ހައުސްއިން ބުނެފައިވެ އެވެ.

އާންމުކުރި ލިޔެކިޔުންތަކުގެ ތެރެއިން ބައެއް ފައިލްތައް މިދިޔަ ހަފުތާގައި ވަގުތީގޮތުން ނެގުމަށްފަހު އަލުން އަޕްލޯޑްކޮށްފައިވާއިރު، އަދިވެސް ބައެއް މުހިންމު ލިޔެކިޔުންތައް ފެންނަން ނެތް ކަމަށް އެންޕީއާރުން ފާހަގަކުރެ އެވެ. މީގެ ތެރޭގައި އެޕްސްޓީންގެ ބައިވެރިޔާ ޖިސްލޭން މެކްސްވެލްގެ ޝަރީއަތުގައި ހެކިބަސް ދިން މީހުންނާ ގުޅޭ ލިޔުންތައް ވެސް ހިމެނެ އެވެ.