ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަދި ނެށުންތެރިޔާ ނޯރާ ފަތޭހީއަކީ ރަމަޟާން މަހުގެ ރޯދަ ހިފާ ބޮލީވުޑް ތަރިންގެ ތެރެއިން ފާހަގަ ކޮށްލެވޭ ތަރި އެކެވެ.

އެގޮތުން ކުރިއަށްދާ މި ރަމަޟާން މަހު ވެސް ނޯރާ ރޯދަ ހިފަމުން އަންނައިރު އޭނާ ވަނީ ރޯދަ ހިފުމުގެ ތަޖުރިބާ ކިޔައިދީ ވީޑިއޯއެއް ހިއްސާ ކޮށްފަ އެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި އެ ވީޑިއޯގައި ނޯރާ ބުނެފައިވަނީ ރަމަޟާން މަސް ފަށައިގެން އެހާތަނަށް ފާއިތުވީ ހުރިހާ ރޯދައެއް ވެސް އޭނާ ހިފާ ހަމަކުރި ކަމަށެވެ.

އެހެން ނަމަވެސް އެ ވީޑިއޯ އާއްމުކުރި ދުވަހު އޭނާގެ ހަށިގަނޑުގައި ކޮންމެވެސް ވަރަކަށް ރޯދަ ވަރުބަލިކަން ހުރި ކަމަށް ނޯރާ ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް ނޯރާ ވަނީ އޭނާގެ ދީނާއި އަގީދާއާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން ފަސް ވަގުތު ނަމާދު ކޮށްގެން އޭނާގެ ހިތަށް ހަމަޖެހުން ލިބޭ ކަމަށް ނޯރާ ބުންޏެވެ.

ނޯރާއަކީ މޮރޮކޯ ނަސްލަށް ނިސްބަތްވާ ކެނެޑާގެ ރައްޔިތުކަން އޮންނަ ތަރިއެކެވެ. އޭނާ ބޮޑަށް މަޝްހޫރު ވެފައިވަނީ ބޮލީވުޑްގެ އައިޓަމް ނަމްބަރުތަކުންނެވެ.