ދިރާގު ކަސްޓަމަރުންނަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަދައިދީފި އެވެ.

ދިރާގުން ބުނިގޮތުގައި މިއީ، މެދުއިރުމަތީގައި ހިނގަމުންދާ ހާދިސާތަކާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކާއި ލޯބިވާފަރާތްތަކުގެ ހާލުބެލުމަށާއި، މެދުކެނޑުމެއްނެތި މުއާސަލާތު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ދިރާގުން ފޯރުކޮށްދީފައިވާ ހިދުމަތެކެވެ.

މި ހިދުމަތުގެ ދަށުން، ޔޫއޭއީ އަދި ސައުދީ އަރައްބިއްޔާއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ލިބޭނެ އެވެ.

އެހެންކަމުން، #225* އަށް ޑައިލްކޮށްގެން މި ހިލޭ މިނިޓުތައް މާދަމާގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި، އެކްޓިވޭޓް ކުރުމަށްފަހު 7 ދުވަހުގެ މުއްދަތައް ބޭނުންކުރެވޭނެ ކަމަށް ވެސް ދިރާގުން ބުނެ އެވެ.

ދިރާގުން ދަނީ ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ވެސް ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް އާއިލާއާއި ލޯބިވާފަރާތްތަކާ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދެމުންނެވެ.