ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ ގުޅިގެން އަންނަ މަހު އެންޓި ބޮޑީ ޓެސްޓު ހަދަން ފަށާނެ ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީގު ވިދާޅުވީ ސްޓަޑީއެއްގެ ގޮތުގައި އެންޓިބޮޑީ ޓެސްޓް ހެދުމަށް ވާންޖެހޭ ތައްޔާރީތައް އެ ސެންޓަރުން ވަމުން އަންނަ ކަމަށެވެ. އެގޮތުން އެ ކަމަށް ބޭނުންވާ ސްޓަޑީ ޕްރޮޕޯސަލް ތައްޔާރުކޮށް ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހެލްތު ރިސަޗް ކޮމެޓީއަށް ހުށަހަޅައި އެ ޕްރޮޕޯސަލް ފާސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އާބާދީގެ ވަކި ވަރެއް، ކޮވިޑަށް އިމިއުންވާނެއޭ ބުނަން ވަރަށް ގިނަ ސާމްޕަލް ޓެސްޓު ކުރަން ޖެހޭނެ ކަމަށެވެ. އެކަން ފުދޭވަރެއްގެ މަސައްކަތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެންޓިބޮޑީ ޓެސްޓް ހެދުމަށް އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19 އަށް އެކްސްޕޯޒްވެފައިވާ މީހުންގެ އިންސައްތަ ދެނެގަތުމަށް ކުރިއަށްގެންދާ މި ސްޓަޑީއަކީ ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ.

ކޮވިޑް-19 ގެ އެންޓިބޮޑީ ޓެސްޓަކީ ބަލީގެ ސަވައިލެންސް އެންޑް ރެސްޕޯންސްގެ ދަށުން މިވަގުތު ހަދަން ކަނޑައަޅާފައިވާ ޓެސްޓެއް ނޫންކަމަށާއި އެއީ އާއްމުންގެ މެދުގައި ކޮވިޑްގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް ހެލްތު މިނިސްޓްރީން ވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައި އަންގާފަ އެވެ.

ހަށިގަނޑުގައި އެންޓިބޮޑީ ހުރުމަކީ ވައިރަސް ހުރެ އެއާ ދެކޮޅަށް ހަށިގަނޑު މަސައްކަތް ކޮށްފައި ވުމެވެ. އެއީ، ބަލީގެ އަލާމާތް ނުފެނި އަދި ބަލިޖެހިފައި ހުރިކަން ނޭނގި ރަނގަޅުވެފައި ތިބި މީހުންނެވެ.

ހެލްތު މިނިސްޓްރީން ބުނީ އެންޓިބޮޑީ ޓެސްޓް ހަދަންޖެހިއްޖެ ހާލަތެއްގައި ހުއްދަ ދެވޭނީ އެޗްޕީއޭއިން ހަމަޖައްސާ އުސޫލެއްގެ މަތިން ކަމަށެވެ. އަދި ރިސާޗް ބޭނުމަށް މިފަދަ ޓެސްޓު ހަދާނަމަ އެ މިނިސްޓްރީގެ ނެޝެނަލް ހެލްތު ރިސާރޗް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށްދިއުމަށް ވެސް ވަނީ އަންގައިފަ އެވެ.

ކޮވިޑުން ރައްކާތެރި ކުރުމަށް ކުރާ މަސައްކަތުގައި އިސްވެ އުޅޭ 3،000 އަށް ވުރެ މީހުންގެ އެންޓި ބޮޑީ ޓެސްޓު ދާދި ފަހުން އޭޑީކޭ ހޮސްޕިޓަލްގައި ހަދައިފަ އެވެ. އޭގެ ތެރެއިން އެންޓި ބޮޑީ ހުރީ 125 މީހެއްގެ ހަށިގަނޑުގައި ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އަށް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 54 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 30 ދިވެއްސަކާއި 24 ބިދޭސީއަކަށް އަލަށް ކޮވިޑް ޖެހިފައިވެ އެވެ. އަލަށް ޕޮޒިޓިވްވި ކޭސްތަކާއެކު 9،939 މީހަކަށް މިހާތަނަށް އެ ބަލި ޖެހިފައި ވެ އެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ކޮވިޑް ޖެހިފައިވަނީ 50 މީހަކަށެވެ. އެކި ރަށްރަށާއި ރިސޯޓުތަކުން ހަތަރު މީހަކު ޕޮޒިޓިވްވެފައި ވެ އެވެ.