ގަތަރުގައި ދުނިޔޭގެ އެންމެ ބޮޑު ގޭސް ކާރުހާނާއަށް އީރާނުން ރޭ ހަމަލާ ދިނުމުން އެ ގައުމުގައި ހުންނަ އީރާނުގެ ސަފީރު، 24 ގަޑިއިރުގެ ތެރޭގައި ފައިބައިގެން ދިއުމަށް ގަތަރު ސަރުކާރުން އަންގައިފި އެވެ.

އީރާނުގެ ސަފީރުގެ ގޮތުގައި މިވަގުތު ގަތަރުގައި ހުންނެވީ އަލީ ސާލިހު އާބާދީ އެވެ.

ސަފީރުގެ އިތުރުން އީރާނުން އެގައުމަށް ކަނޑައަޅާފައި ތިއްބަވާ މިލިޓަރީ އެޓާޝޭ އާއި ސެކިއުރިޓީ އެޓާޝޭގެ އިތުރުން އެ އޮފީސްތަކުގެ މުވައްޒަފުން ވެސް 24 ގަޑިއިރު ތެރޭގައި ގައުމުން ބޭރުވުމަށް ގަތަރުގެ ފޮރިން މިނިސްޓްރީން ވަނީ އަންގާފަ އެވެ.

އެ މިނިސްޓްރީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "އެމްބަސީގައި ތިއްބަވާ މިލިޓަރީ އެޓާޝޭ އާއި ސެކިއުރިޓީ އެޓާޝޭގެ އިތުރުން އެ ދެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ބޭނުންނުވާ ބައެއް ކަމަށް ކަނޑައަޅައި، ގިނަވެގެން 24 ގަޑިއިރު ތެރޭގައި ގަތަރުން ބޭރުވުމަށް އެދޭ ކަމަށެވެ.

މިއީ މެދުއިރުމަތީގެ މަސްރަޙު ވަރަށް ބޮޑަށް ނުތަނަވަސް ވެފައިވާ ދަނޑިވަޅެއްގައި އެޅި ވަރުގަދަ ފިޔަވަޅެކެވެ.

އީރާނުގެ ސަފީރު ގަތަރުން ބޭރުވާން އެންގި ނަމަވެސް އެ ގައުމުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދުކޮށް، އެ ފަރާތްތަކުން ހިންގާ ހަރަކާތްތައް ހުއްޓާލުމަށް ނުވަތަ އެތަންތަން އުވާލުމަށް ގަތަރުން އަންގާފައެއް ނުވެ އެވެ. މި މަރުކަޒުތަކަކީ އީރާނާ ދެކޮޅަށް އެމެރިކާއިން ބޭނުންކުރަމުންދާ މަރުކަޒުތަކެކެވެ.

މިކަމާ ގުޅިގެން އީރާނުން ވަނީ އިންޒާރު ވެސް ދީފަ އެވެ. އީރާނުން ބުނިގޮތުގައި، ސަރަހައްދުގެ ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތަކުން ނުވަތަ އެ މީހުންގެ މަރުކަޒުތަކުން އީރާނަށް ހަމަލާދޭނަމަ، މެދުއިރުމަތީގައި ހުރި އެމެރިކާގެ މަސްލަހަތު ހިމެނޭ ހުރިހާ ތަނަކަށް އީރާނުން ވަރުގަދަ ހަމަލާތަކެއް ދީ، ބޮޑެތި ގެއްލުންތަކެއް ދޭނެ އެވެ.

ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އިޒްރޭލާއި އެމެރިކާ އިސްވެ އީރާނަށް ދޭންފެށި ހަމަލާތައް އަދިވެސް ދަނީ މެދު ނުކެނޑި ކުރިޔަށެވެ. މިކަމުގެ ސަބަބުން މެދުއިރުމަތީގެ މަޝްރަހު ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުންނެވެ.