ދީނީ އިލްމް އުނގެނިގެން ރާއްޖެ އައިސް ތިބި ބައެއް ބޭފުޅުންނަކީ ވެސް ގަލްފްގެ ގައުމުތަކުގެ ވެރިންނާއި އެމެރިކާއާއި އިޒްރޭލް ރުހޭ ގޮތަށް ފަތުވާ ދީ ވާހަކަ ދައްކަމުން ދާ ބައެއް. އެއީ ސަނަދު ނަގައިގެން ތިއްބަސް ތިމާއަކީ މާ މޮޅު މީހެއް ކަމަށް ހީކޮށް ނުވަތަ ސަނަދެއް ނެގިއަސް ރަނގަޅަށް އިލްމު ނޭނގޭ މީހުން.

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި އިސްލާމީ ގައުމުތަކުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް އީރާނަށް ދަނީ ސަޕޯޓް ކުރަމުންނެވެ. މިކަމުގެ ހެއްކެއްގެ ގޮތުން އީރާނުން ގަލްފް ގައުމުތަކަށް ދެމުން ގެންދާ ހަމަލާތަކާއި ނުރައްކާތަކާމެދު އަރަބި އަދި އިސްލާމީ އިންސްޓިޓިއުޝަންތަކުން އަޅާނުލައި ތިބޭތީ އެކަމާ މެދު ހިތްހަމަ ނުޖެހިގެން ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ރައީސަށް ލަފާ އަރުވާ މުޝީރެއް އަންވަރް ގަރްގާޝް ވެސް ވަނީ ފާޑުވިދާޅުވެފަ އެވެ.

އީރާނުން ނަސާރާއިންނާއި ޔަހޫދީންނާ ދެކޮޅަށް ފާޅުގައި ހަނގުރާމަކޮށް ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނެރެ އިޒްރާލާއި އެމެރިކާގެ އަސްކަރީ ބޭސްތައް ހަލާކުކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާތީ އެވެ. އަދި ފަލަސްތީނުގެ މިނިވަން ކަމަށްޓަކައި މަސައްކަތްކުރާ ހަމާސް ޖަމާއަތަށް ހަތިޔާރާއި މަދަދު ދޭތީ އެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ގަލްފްގެ ގައުމުތަކާއި އެހެނިހެން އަރަބި ގައުމުތަކުގެ ރައްޔިތުން ވެސް އެ ގައުމުތަކުގެ ސަރުކާރުތަކާ ދެކޮޅެވެ. ސުންނީ މުސްލިމް ލީޑަރުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާއި މުސްލިމުންނަށް ކުރިމަތިވެފައިވާ ބޮޑެތި އަނިޔާވެރިކަމާއި މައްސަލަތައް ހައްލު ނުކޮށް އެމެރިކާ އާއި އިޒްރޭލާ ގުޅުން ބަދަހިކޮށް އިސްލާމް ދީނުގެ އަގީދާ އާއި އަސާސްތަކާ ފުށުއަރާ ކަންތައްތަކަށް ހުއްދަކޮށް ހަދާތީ އެވެ.

މިހާރު ހިނގަމުންދާ ހަނގުރާމައިގައި މުސްލިމުންނަށް އީރާނަކީ ޗެމްޕިއަނެކެވެ. ދުނިޔޭގެ އެންމެ ބާރުގަދަ އެމެރިކާ އާއި އަދި ޒަޔަނިސްޓް އިޒްރޭލުން ކެނޑިނޭޅި އީރާނަށް ހަމަލާ ދޭއިރު ވެސް ދުޝްމަނުންނާއި ދެކޮޅަށް އީރާނުން ބޭނުން ވަގުތަކު ބޭނުން ތަނަކަށް ހަމަލާ ދީ ބޮޑެތި ގެއްލުންތައް ދެމުން ދާތީ އެވެ. މި ހަނގުރާމައިގައި ސުންނީންނާއި ޝީއީން ބައިބައި ކުރުމަށް އިސްލާމީ މުޖުތަމައުގެ ތެރެއަށް އަލަށް ދޫކޮށްލެވޭނެ ޒަހަރެއް ވެސް އެމެރިކާ އާއި އިޒްރޭލަކަށް ނެތެވެ. އިސްލާމީ އުންމަތް ބައިބައި ކުރުމުގެ ކެހިވެރި ރޭވުމުގެ މުގުމުލައި އެންމެ ފުރަމަތަ ތިބީ ވެސް ޔަހޫދީންނެވެ. އިސްލާމް ދީން ބައިބައި ކުރުމަށް އެންމެ ފުރަތަމަ ދޫކޮށްލި ވިހަތަކަކީ އަބުރު ކަތިލުމާއި ދޮގު ވާހަކަތައް ފެތުރުމާއި، ގަބީލާތަކާއި ވަންހަތަކާއި ކުލަ އާއި މަޒްހަބްގެ ވާހަކަ ދައްކައިގެން ދީން ބަލިކަށި ކޮށް ފިތުނަ އުފެއްދުމެވެ.

އީރާންގެ ކުރީގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއި.

ޝީއީންނާއި ސުންނީންގެ އޮތީ ސިޔާސީ ޚިލާފެކެވެ. އެހެން ނަމަވެސް އިސްލާމީ އުންމަތް ބައިބައި ކުރެވޭތޯ އާއި މިހާރު އިސްލާމީ އެންމެ ބާރުގަދަ ގައުމު ކަމަށްވާ އީރާން ހަލާކުކޮށްލުމަށް ޓަކައި، އީރާނަކީ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ (ސއވ) އަށާއި އަސްހާބުންނަށް ބަދުބަސް ބުނާ ބައެއް ކަމަށާއި އަލީގެފާނަށް އަޅުކަން ކުރާ ވާހަކަ އާއި މިފަދަ ދޮގު ވާހަކަތައް އިޒްރޭލާއި އެމެރިކާ އަޑީގައި ތިބެގެން މުސްލިމުން ބޭނުންކޮށްގެންނާއި އަދި އެބައި މީހުން އަމިއްލައަށް ބައެއް ފޮތްތަކުގައި ލިޔެ ޗާޕްކޮށް ފަތުރާފައިވެ އެވެ. އަދި ބައެއް ސުންނީ އިލްމްވެރިން ބޭނުން ކޮށްގެން ތަފާތު ފަތުވާތައް ވެސް ނެރެ އިސްލާމީ އުންމަތް ފަސާދަކުރުމަށް މަސައްކަތް ކުރެ އެވެ. މިކަންތައްތައް ކުރަނީ އެބައިމީހުންގެ ދީނީ ފޮތްތަކާއި (ތައުރާތާއި އިންޖީލް) އަދި ގުރުއާނުގެ އާޔަތްތަކުގެ ވެސް މާނަ އޮޅުވައިލައިގެން ފޮތްތަކާއި ލިޔުންތައް ޝާއިއުކޮށްގެންނެވެ.

https://www.facebook.com/reel/784022687737544

މި ހަނގުރާމައިގެ ތެރޭގައި ވެސް އިޒްރޭލާއި އެމެރިކާއަށް ހަމްދަރުދީވާ ގޮތަށް ދިވެހި ޝެއިޚެއް ކަމަށްވާ އަހުމަދު ސަމީރު ނަމަކަށް ކިޔާ މީހަކު ވަނީ ސޯޝަލް މީޑިއާގައި ބަޔާނެއް ނެރެފަ އެވެ. މިބަޔާނާގައި ވެސް ވަނީ ޔަހޫދީންނާއި ނަސާރާއިން މުސްލިމުންގެ ތެރޭގައި ފިތުނަ އުފެއްދުމަށް ލިޔެފައިވާ ފޮތްތަކުގައި ދައްކާފައިވާ ފިތުނަވެރި ދޮގު ވާހަކަތެކެވެ. އަދި އީރާނުގެ އާޔަތުﷲ އަލީ ޚާމަނައީ ލިޔުއްވި ފޮތެއްގައި ވެސް ސަމީރު އަށް ފެނުނު ކަމަށް ނުވަތަ ފަހުމްވި ކަމަށް ވިދާޅުވެފައި ވަނީ އެއީ ސަހާބީންނާއި އާއިޝަތުގެ ފާނަށް އެއްޗެހި ކިޔާ ބަދުބަސް ބުނެ ހަދާ ޝީއީ އިލްމެރިއެއް ކަމަށެވެ. އެހެން ނަމަވެސް މި ފަދަ އެއްވެސް ވާހަކައެއް ޚާމަނާއީގެ އެއްވެސް ފޮތެއްގައި ލިޔުއްވާފައިވާ ނެތެވެ. އަސްޙާބު ބޭކަލުންނަށް ކުޑައިމިސް ބަސް ބުނުމަކީ ކޮށްގެން ނުވާނެ ޙަރާމް ކަމެއް ކަމުގައި 30 ސެޕްޓެމްބަރ 2010 ވަނަ އަހަރު ޚާމަނާއީ ފަތުވާ ދެއްވާފައިވެއެވެ. މި ފަތުވާގައި ޚާމަނާއީ ވިދާޅުވެފައި ވަނީ އެއްވެސް އަޞްޙާބު ބޭކަލަކަށް ހުތުރުބަސް ބުނުން ޝީޢީ މުސްލިމުންގެ މައްޗަށް ޙަރާމް ވާނެ ކަމަށެވެ.

އީރާނުގެ ފުރަތަމަ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ ވަނީ ރަސޫލާއަށް ފުރައްސާރަކޮށް އިނގިރޭސި ލިޔުންތެރިޔާ ސަލްމާން ރުޝްދީ ނެރުނު ފޮތް "ދަ ސެޓަނިކް ވާސަސް" ލިޔުނު މައްސަލާގައި ސަލްމާން ރުޝްދީ އަކީ މަރާލަން ޖެހޭ މީހެއް ކަމަށް ކަނޑައަޅައި 14 ފެބުރުއަރީ 1989 ވަނަ އަހަރު ފަތުވާއެއް ނެރުއްވާފަ އެވެ. މިއީ އެއްވެސް އިސްލާމީ ލީޑަރަކަށް ކުރައްވަން ކެރުނު ކަމެއް ނޫނެވެ. މިކަމުގެ ސަބުން ރުޝްދީ އުޅެން ޖެހުނީ ފިލައިގެންނެވެ. އޭނާއަށް ހިމާޔަތް ދިނީ އިނގިރޭސިންނެވެ. އެހެން ނަމަވެސް އޭނާ އާއި ދެކޮޅަށް އެތައް ގައުމެއްގައި ހަމަލާ ދީ އެންމެ ފަހުން އޭނާގެ އެއް ލޮލަށް ވަނީ ވަޅިން ހަމަލާ ދީ ޒަޚަމް ކޮށްލާފަ އެވެ.

ގަލްފްގެ ގައުމުތަކުގެ ސަރުކާރުތަކާއި ޔުނިވާސިޓީއަކާއި އިންސްޓިޓިއުޝަންތަކާއި އިލްމްވެރިންގެ ކޮންޓްރޯލް އޮންނަނީ އެ ގައުމުތަކުގެ ވެރިންގެ އަތް ދަށުގަ އެވެ. އަދި މި ފަދަ ވެރިންނަކީ އެމެރިކާ އާއި އިޒްރޭލުގެ އަޅުވެތިކަމުގެ ދަށުގައި ތިބޭ ބައެކެވެ. މާޗް 31، 2025 ގައި "އިންޓަނޭޝަނަލް ޔުނިއަން އޮފް މުސްލިމް ސްކޮލާސް (އައިޔޫއެމްއެސް)" އިން ވަނީ އިޒްރޭލާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ޖިހާދުކުރަން ގޮވާލައި 10 ޕޮއިންޓްގެ ފަތުވާއެއް ނެރެފަ އެވެ. މިއީ މުސްލިމް 67 އޮގަނޭޒިއޭޝަން ހިމެނޭ 95،000 އިލްވެރިންގެ ބޮޑު ޔުނިއަންއެކެވެ.

މި ފަތުވާގައި ވަނީ ކެރިކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމަކު ވެސް އިޒްރާލާ ދެކޮޅަށް ޖިހާދު ކުރަން ޖެހޭ ކަމަށާއި އަރަބި އިސްލާމީ ގައުމުތަކުން އިޒްރޭލާއި ދެކޮޅަށް ހަނގުރާމަ ކުރަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް މިސުރުގެ އަލް އަޒްހަރުގެ އިމާމް ޝެއިޚް ނާޒިރް އައްޔަދް ވެސް މި ފަތްވާ އާ ދެކޮޅު ހެއްދެވި އެވެ. ފަތުވާ ނެރުނު މި ކައުންސިލަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އެންމެ ފުރަތަމަ ކަނޑައެޅީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އެއީ 2014 ވަނަ އަހަރު އެވެ. ސައުދީ އަރަބިއާ އާއި ބަހްރެއިން ވެސް ވަނީ މި ކައުންސިލަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފަ އެވެ. ސަބަބެއް ކަމަށް ދައްކަނީ މުސްލިމް ބްރަދަހޫޑް އާ ގުޅުން އޮންނަ ކަމަށް ބުނެ އެވެ. މުސްލިމް ބުރަދަހުޑަކީ މިސްރުގައި އެންމެ ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބަކުން ރައީސް ކަމަށް އައްޔަން ކުރެވުނު ޑރ. މުހައްމަދު މުރްސީ ނިސްބަތްވެ ވަޑައިގަންނަވާ އިޒްރޭލާ ދެކޮޅު މުސްލިމް ޖަމާއަތެކެވެ. މިއީ މިސުރުގައި 1928 ވަނަ އަހަރު އުފެދުނު ސުންނީ މުސްލިމް ޖަމާއަތަކެވެ. އައިޔޫއެމް ޓެރެރިސްޓް ޖަމާއަތެއްގެ ގޮތުގައި ގަލްފްގެ ގައުމުތަކުން ކަނޑައަޅައި އިއުލާނު ކުރުމަށް މަސައްކަތް ކުރީ އެމެރިކާ އާއި އިޒްރޭލުންނެވެ. އެ މީހުން ވަނީ އެކަންކޮށްފަ އެވެ.

ދީނީ އިލްމުވެރިއެއް ކަމަށް ޝެއިޚް އަހުމަދު ސަމީރު މާޗް 13 ގައި ގއ. ވިލިނގިލީ މިސްކިތެއްގައި ދަރުސް ދެއްވަނީ. ފޮޓޯ: ޖައްމިއްޔަތު ސަލަފު.

ދީނީ އިލްމް އުނގެނިގެން ރާއްޖެ އައިސް ތިބި ބައެއް ބޭފުޅުންނަކީ ވެސް ގަލްފްގެ ގައުމުތަކުގެ ވެރިންނާއި އެމެރިކާއާއި އިޒްރޭލް ރުހޭ ގޮތަށް ފަތުވާ ދީ ވާހަކަ ދައްކަމުން ދާ ބައެކެވެ. އެއީ ސަނަދު ނަގައިގެން ތިއްބަސް ތިމާއަކީ މާ މޮޅު މީހެއް ކަމަށް ހީކޮށް ނުވަތަ ސަނަދެއް ނެގިއަސް ރަނގަޅަށް އިލްމު ނޭނގޭ މީހުންނެވެ. ދެން އޮތީ އިލްމް އެނގި ތިބެ އިސްލާމީ މުޖުތަމައުތައް ފަސާދަކުރާ ދީނީ އިލްމްވެރިންގެ ވާހަކަ އެވެ. މަޒްހަބީ ބަހުސް ބޮޑު ފިތުނައަކަށް ވެފައިވާ މި ދަނޑި ވަޅުގައި ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ޝަހީމް ވެސް ވިދާޅުވީ މަޒްހަބީ ވާހަކަ ދައްކަން ޖެހޭނީ ދީނީ އިލްމް އެނގިގެން ތިބި މީހުން ކަމަށެވެ. އެހެން ނަމަވެސް ޝަހީމް ވިދާޅުވާ ފަދަ ކޮލިޓީ ދީނީ އިލްމްވެރިން ތިއްބެވީ ވަކި "ފަޅިއެއްގައި" ނުވަތަ ވަކި "ކުލައެއްގަ އެވެ.

އެ ބޭފުޅުން ފަތުވާ އެއް ނެރެނީ ވަކި ބައެއްގެ މަސްލަހަތަށެވެ. އަދި ރާއްޖޭގައި ވެސް ޝެއިޚުން ތިބީ އެކި ޕާޓީތަކާއި ޖަމާއަތްތަކާއި ޖަމްއިއްޔާތަކުގެ ދަށުގަ އެވެ. އެބޭފުޅަކު ނިސްބަތްވާ ޕާޓީ ވެރިކަމުގައި އޮވެއްޖެ ނަމަ މުންކަރާތްތަކާއި ދީނާ ޚިލާފް ކަންތައްތައް ތަންފީޒު ކުރިޔަސް އެކަންތައްތަކެއް އެ ބޭފުޅުންނަކަށް ނުފެނެ އެވެ.

ދީނީ ޖަމްއިއްޔާ އާއި ޖަމާއަތްތައް ހެދިޔަސް، އެ ފަދަ ޖަމްއިއްޔާތަކާއި ޖަމާއަތްތައް ބައިބައިވެ އެތައް ގޮތްޕެއް ވަނީ ފަޅާފަ އެވެ. ހައްޖަށް މީހުން ގެންދިއުމުގައި ވެސް ދީނީބައެއް އިލްމްވެރިން ހިމެނޭ ޖަމާއަތްތަކުން މީހުންނަށް ލަނޑުދީ ފައިސާކޮޅު ކާލަނީ އެވެ. އެއް ޝެއިޚަށް ވުރެ އަނެއް ޝެއިޚެއްގެ ދެއްކުންތެރިކަމާއި ކިބުރުވެރިކަން ވެސް އިންތިހާއަށް ބޮޑުވެއްޖެ އެވެ. މި ފަދަ ހާލަތެއްގައި ދީނީ އިލްމް ކިޔަވައިގެން ތިއްބަސް، މަޒްހަބީ މައްސަލަތަކުގައި މިއިން ބޭފުޅަކު ދައްކާ ވާހަކައެއް ގަބޫލުރު ކުރާނެ ރައްޔިތަކު ނެތެވެ. އެހެން ކަމުން ރައްޔިތުންނަށް މިފެންނަނީ ޔަހޫދީންނާއި ނަސާރާއިން ބޭނުންވާ ގޮތަށް މަގު ކޮށައިދޭ ދީނީ އިލްމްވެރިންނެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިއީ މުސްލިމުން ބައިބައި ކުރުމަށްޓަކައި ކުރެވޭ ކަމެކެވެ. މިއީ މުނާފިގުން ގެ އަމަލުތައް ވެސް ހުންނަ ގޮތެވެ.

ކީރިތި ގުރުއާނުގެ ސޫރަތުލް މުނާފިގޫންގެ 2 ވަނަ އާޔަތުގައި މާތްﷲ ވަހީ ކުރައްވާފައި ވަނީ، "އެރުރެންގެ ހުވާތަކަކީ، އައްޑަނަތަކެއް ކަމުގައި އެއުރެން ހެދޫއެވެ. ފަހެ އެއުރެން ﷲ ގެ މަގުން (މީސްތަކުން) އެއްކިބާ ކުރޫއެވެ. ހަމަކަށަވަރުން، އެއުރެން ކޮށް އުޅުނު ކަންތަކުގެ ނުބައިކަމާއެވެ." މުނާފިގުންނަކީ އަދާވާތްތެރިންކަމާއި އެމީހުންނާ މެދު ރާއްކާތެރިވެ ތިބުމަށް ވެސް މި ސޫރަތުގެ 4 ވަނަ އާޔަތުގައި މާތްﷲ ވަނީ ވަހީކުރައްވާފަ އެވެ.

ދީނީ އިލްމުވެރިއެއް ކަމަށް ޝެއިޚް މުޖުތަބާ ހަމީދު މިދިޔަ ރަމަޟާން މަހު މާލޭގެ މިސްކިތެއްގައި ދަރުސް ދެއްވަނީ. ފޮޓޯ: ޖައްމިއްޔަތު ސަލަފު.

އިސްލާމީ އުންމަތް މި އަދު މިއޮތް ހާލަތުން އިސްލާމީ ބައެއް ގައުމުތަކުގެ ވެރިންނާއި ދީނީ އިލްމްވެރިން ދައްކާ ވާހަކަތައް ގަބޫލު ނުކުރެވޭ ދަރަޖައަށް ވަނީ ކަންތައްތައް ގޮސްފަ އެވެ. ގަލްފްގެ ގައުމުތަކުގެ ވެރިން ތިބީ އެމެރިކާއާއި ޔަހޫދީންގެ އަޅުވެތި ކަމުގެ ދަށުގަ އެވެ. ހަމަ އެގޮތަށް އެ ގައުމުތަކުގެ ދީނީ އިލްމްވެރިންގެ ވެސް ބޮޑު ބައެއް އޮތީ ހައްގު ބަސް ބުނުމުން އެއްކިބާވެ އެމެރިކާ އާއި ޔަހޫދީންނަށް ސަނާ ކިޔުމުގަ އެވެ. މި ރާއްޖޭގައި ވެސް ގިނަ ދީނީ އިލްމްވެރިން ތިބީ އެ ފަދަ ހާލަތެއްގައެވެ.

އެހެން ކަމުން މިއިން އިލްމްވެރިއަކު ކިތަންމެ ދިގު ބަޔާނެއް ނެރުނަސް އެއަށް ތަބާވާނެ މީހަކު ނެތެވެ. ގަލްފްގެ ގައުމުތަކުގައި ޑިސްކޯތައް ހުރުމާއި ބައެއް ގައުމުތަކުގައި ކެސީނޯ (ޖުވާ) ހުއްދަ ކުރުމާއި އެހެން ދީންތަކަށް އަޅުކަން ކުރުމަށް ހަދާފައިވާ ތަންތަނާއި ނިވާކަން ކުޑަ ހެދުން ލައިގެން ތިބެ ހުޅަނގުގެ އަންހެން ލަވަ ކިޔުންތެރިންގެ ޝޯތައް (މި ހަނގުރާމައާއި ގުޅިގެން މަޝްހޫރު ލަވަކިޔުންތެރިއާ ޝަކީރާ ގަތަރުގައި ބާއްވަން އުޅުނު ބޮޑު ޝޯއެއް ވަނީ ކެންސަލްވެފައި) މި ގައުމުތަކުގައި ބޭއްވުން ހުއްދަ ވަނީ ކޮން ގޮތަކުންތޯ އެވެ؟ މިއީ ސުންނީ މުސްލިމުންނަށް ވީމާ ހުއްދަ ވެގެންވާ ކަންތައްތަކެއް ތޯ އެވެ؟ މި މުންކަރާތްތަކާއި ފާހިޝް ކަންތައްތަކުގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އެއްވެސް ކަމެއް ނުކުރުން އެއީ އިސްލާމް ދީން ހުއްދަ ކުރާ ކަންތައްތައް ތޯ އެވެ؟ އެހެންކަމުން ދީނީ އިލްމްވެރިންގެ ތެރޭގައި މުނާފިގުން އުޅޭކަން ދިވެހިންގެ އިތުރުން ހުރިހައި އިސްލާމީ ގައުމުތަކުގެ ރައްޔިތުންނަށް ވެސް އެނގެ އެވެ.