ރާއްޖޭގެ އިގްތިސާދީ ހާލަތު ނާޒުކުވެ، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެމްޓީސީސީން މި މަސް ތެރޭގައި އެކަނި 1,000 އަށް ވުރެ ގިނަ ވަޒީފާއަށް އިއުލާންކޮށްފައިވާކަން ހާމަވެއްޖެ އެވެ.
މި ވަޒީފާތަކަށް އިއުލާންކޮށްފައި މިވަނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގަ އެވެ.
ސަރުކާރުގެ ގެޒެޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު، މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެމްޓީސީސީން ވަނީ 91 އިއުލާނެއްގެ ދަށުން ޖުމްލަ 1,185 ވަޒީފާއަށް ފުރުސަތު ހުޅުވާލާފަ އެވެ. މީގެ ތެރެއިން 635 އަށް ވުރެ ގިނަ ވަޒީފާ އިއުލާންކޮށްފައި ވަނީ ނިމިދިޔަ ދެ ހަފްތާގެ ތެރޭގަ އެވެ. އަދި ހަމައެކަނި މިދިޔަ ހަފްތާގައި ވެސް 242 މަގާމަކަށް މީހުން ހޯދަން އިއުލާންކޮށްފައިވެ އެވެ.
އެމްޓީސީސީން ހުޅުވާލާފައިވާ ވަޒީފާތަކުގެ ތެރޭގައި ގިނައީ ވަގުތީ މަގާމުތަކެވެ. އޭގެ ތެރޭގައި ހަ މަސް ދުވަހާއި އެއް އަހަރު ދުވަހުގެ މުއްދަތަށް ނަގާ މުވައްޒަފުންގެ އިތުރުން 'ޕްރޮޖެކްޓް ނިޔަލަށް' މަސައްކަތް ކުރާނެ މުވައްޒަފުން ހިމެނެ އެވެ. މި ވަޒީފާތަކުގެ މުސާރައަކީ 5,000ރ. އާއި 15,000ރ. އާ ދެމެދުގެ އަދަދެއް ކަމަށް ބަޔާންކޮށްފައިވާއިރު، ބައެއް މަގާމުތަކަށް ކުރިމަތިލުމަށް ދީފައިވަނީ 24 ގަޑިއިރަށް ވުރެ ވެސް ކުރު މުއްދަތެކެވެ.
މި ވަޒީފާތަކުގެ ތެރޭގައި ސަރުކާރުން އަލަށް ފަށާ ޓެކްސީ ހިދުމަތަށް ބޭނުންވާ 462 ޑްރައިވަރުން ހޯދުމަށް ތިން ފަހަރެއްގެ މަތިން ކުރި އިއުލާންތައް ވެސް ހިމެނެ އެވެ. ފާހަގަކޮށްލެވޭ ކަމަކީ، މި އިއުލާންތަކަކީ ކުރިން ނެރެފައިވާ އިއުލާނެއް ބާތިލުކޮށްފައި އަލުން ނެރުނު އިއުލާންތަކެއް ނޫން ކަމެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާއިރު، ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން ސަރުކާރުން މިގޮތަށް ވަޒީފާތައް އިތުރުކުރާތީ އާންމުންގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުން ދަނީ ވަޒީފާ ދިނުން ކުރިއަށް ދިޔަ ނަމަވެސް، އެހެން ދާއިރާތަކުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
އެމްޓީސީސީގެ އިތުރުން ސަރުކާރުގެ އެހެން ކުންފުނިތަކާއި މިނިސްޓްރީތަކަށް ވެސް ގިނަ އަދަދަކަށް މުވައްޒަފުން ނަގަމުންދާކަން ފާހަގަކުރެވެ އެވެ. މިއީ މީގެ ކުރީގެ ސަރުކާރުތަކުން ވެސް އިންތިހާބުތަކާ ދިމާކޮށް އަމަލުކުރަމުން އައި ގޮތެއް ކަމަށްވާއިރު، އޭރު އިދިކޮޅުގައި ތިއްބެވި މިހާރުގެ ސަރުކާރުގެ އިސްވެރިން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ކުޑަކުއްޖަކަށް ޖިންސީގޯނާކުރި އަނީސް ދެވަނަފަހަރަށް ދޫކޮށްލައިފި
ކަސްޓަމްސް އަށް 48 މުވައްޒަފުން ނަގަން އިއުލާން ކޮށްފި
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އޮނިގަނޑަށް ބަދަލުއާދޭ