ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި އޮތް ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ ފިރިހެން ނަރުހަކު ރާއްޖެއިން ފުރުވާލާފައިވާތީ ހޮސްޕިޓަލުގެ މެނޭޖްމަންޓުގެ މައްސަލަ ތަހުގީގު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ވިދާޅުވީ، އެ މައްސަލައިގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން އެނގި ހުރެ ނާންގައި ހުރުމާއި ހެކި ފޮރުވުމުގެ ތުހުމަތު ހޮސްޕިޓަލްގެ މެނޭޖުމަންޓުގެ މައްޗަށް ކުރެވޭނެ ކަމަށެވެ. އެހެންކަމުން އެ ހޮސްޕިޓަލްގެ މެނޭޖްމަންޓުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންނަށް މިހާރު އަންގާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގައި ހުންނަ ހުޅުމާލޭގައި ހުންނަ މަތީ ފެންވަރުގެ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ފިރިހެނަކު އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތް ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެ ހޮސްޕިޓަލުން ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ. ނަމަވެސް އޭރު އެ ނަރުސް މީހާ ވަނީ ރާއްޖެއިން ބޭރަށް ފުރުވާލައިފަ އެވެ.

އެ ނަރުސް މީހާ ރާއްޖޭގައި ނެތުމުން ފުލުހުން ވަނީ އެ މައްސަލަ ފައިލްކޮށްފަ އެވެ.