އަންނަ ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިހާބާ ދިމާކޮށް އައިސް އަލަމާރި އާއި އުމްރާ ދަތުރު ފަދަ ތަކެތި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) ރިޝްވަތުގެ ގޮތުގައި ފާޅުގައި ބަހަން ފަށައިފި އެވެ.

ރިޝްވަތު ބަހަމުން ދަނީ ހުޅުދޫ ކައުންސިލަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ހޯދުމުގެ ގޮތުންނެވެ.

ރިޝްވަތުގެ ގޮތުގައި ބައެއް ތަކެތި ބަހަމުން ދަނީ ކޮންމެ ރެއަކު ކެމްޕޭން ހަރަކާތްތަކަށް ނުކުންނަ މީހުންގެ މެދުގައި ގުރުއަތުލައިގެންނެވެ.

ރިޝްވަތުގެ ގޮތުގައި މެންބަރު ޝާޑް ބެހި އޭސީތަކެއް ---

ރިޝްވަތުގެ ގޮތުގައި އައިސް އަލަމާރި އާއި އިމްރާ ދަތުރުގެ އިތުރުން އޭސީތައް ވެސް ދަނީ ފާޅުގައި ބަހަމުންނެވެ. ރިޝްވަތު ބަހާ މަންޒަރު ފޮޓޯ ނަގައި ޕީއެންސީގެ ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ.

ރިޝްވަތުގެ ގޮތުގައި މެންބަރު ޝާޑް ބެހި އައިސް އަލަމާރިއެއް ---

ޕީއެންސީގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި ބުނާގޮތުގައި އެތަކެއްޗަކީ ރައްޔިތުންނަށް ހެޔޮއެދޭތީ ދޭ "ހަދިޔާ" ތަކެކެވެ. ނަމަވެސް ވޯޓު ހޯދުމުގެ މުގާބިލުގައި ދޭ ކޮންމެ އެއްޗެއް ވަނީ ރިޝްވަތަށް ކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިން އަންނަނީ ސާފުކޮށް ބަޔާން ކޮށްދެއްވަމުންނެވެ. އެކަމުގައި ވަކި ކަމެއް ނުވަތަ ވަކި އެއްޗެއް އިސްތިސްނާއެއް ނުވެ އެވެ.

ރިޝްވަތުގެ ގޮތުގައި މެންބަރު ޝާޑް ބެހި އައިސް އަލަމާރި އާއި އޭސީތަކެއް ---

ވެރިކަންކުރާ ޕާޓީން ފާޅުގައި ރިޝްވަތު ބެހިޔަސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އޮތީ ހަނު އެވެ. މިއިން އެއްވެސް މައްސަލައެއް ތަހުގީގެއް ކުރާކަށް އެއްވެސް ބަޔަކު ނޫޅެ އެވެ.