ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް، ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓް އަޅަން ކަމަށް ބުނެ "ހިޔާލީ" އެމްއޯޔޫއެއްގައި ސޮއިކޮށް، ބިންގާ އެޅުމުގެ ރަސްމިއްޔާތެއް ބާއްވައިފި އެވެ.
ހޮނިހިރު ދުވަހު އޮންނަ އިންތިހާބުގެ ކެމްޕޭން ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި، ރޭ ބޭއްވި މި ރަސްމިއްޔާތުގައި ސަރުކާރުން ވަނީ ކުޅުދުއްފުށީގައި 2،000 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ ބިންގާ އަޅާފަ އެވެ. މި މަޝްރޫއުގެ އެމްއޯޔޫގައި ރެއިންބޯ ކުންފުންޏާއެކު ސޮއިކޮށްފައިވާއިރު، މި އެމްއޯޔޫގައި ވާގޮތުން އެއް މަސްދުވަހުގެ ތެރޭގައި މަޝްރޫއު ނުފަށާނަ އެމްއޯޔޫ ބާތިލުވެ އެވެ.
"ހުރިހާ" އަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއަށް ބޭނުންވާ ފައިނޭންސް މިހާތަނަށް ހަމަޖެހިފައި ނުވެ އެވެ. މިއީ ހަމައެކަނި އިންތިޚާބާ ދިމާކޮށް ދައްކާލި "ހިޔާލީ" މަޝްރޫއެއްގެ ގޮތުގައި އެ ސިޓީގެ ގިނަ ބަޔަކު ސިފަ ކުރެ އެވެ.
މި މަޝްރޫއާ ގުޅިގެން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވާފަ އެވެ.
މޭޔަރު ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ އެއްވެސް ކޮންސެޕްޓެއް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސިޓީ ކައުންސިލާ ހިއްސާކޮށްފައެއް ނުވެ އެވެ. މީގެ އިތުރުން، މި ރަސްމިއްޔާތަށް އެޗްޑީސީން މޭޔަރަށް ދިން ދައުވަތު ގަބޫލުކުރައްވާފައި ވަނިކޮށް، ފަހުން ކުއްލި ގޮތަކަށް އެ ދައުވަތު އަނބުރާ ގެންގޮސްފައިވާ ކަމަށް ވެސް އާތިފް ފާހަގަކުރެއްވި އެވެ.
އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން މިފަދަ އަމަލުތައް ހިންގަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ. އެގޮތުން، އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުދާނެ ފަދަ، އަދި ބަޖެޓެއް ނެތް "ހިޔާލީ" މަޝްރޫއުތައް އިންތިހާބުގެ ފަހު ދުވަސްކޮޅާ ދިމާކޮށް އިފްތިތާހު ކުރަމުންދާކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.
ހީނާ ރާއްޖޭގައި ތަފާތު ކަމެއް ދަސްކޮށްފި
ކެމްޕޭނަށް ދިޔުމުން ޑެޕިޔުޓީ މިނިސްޓަރުކަމުން ވަކިކޮށްފި
ވަޒީފާގައި ގިނައިރު އިށީނދެ އިންނަން ޖެހޭތަ؟