މާދަމާ އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓާ ގުޅިގެން ކެމްޕޭންކުރުމުގެ ވަގުތު މިއަދު ހަވީރު ހައެއް ޖެހުމާއެކު ހަމަވެއްޖެ އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން ވޯޓު ލާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު ހައެއް ޖެހުމާއެކު ކެމްޕޭން ކުރުމުގެ ވަގުތު ހަމަވާނެ އެވެ. އެހެންވެ މާދަމާ އޮންނަ އިންތިހާބުގެ ކެމްޕޭން ވަގުތު މިހާރު ވަނީ ހަމަވެފަ އެވެ.
އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ތާއީދު ހޯދުމަށް ހުކުރު ދުވަހުގެ 6:00 އިން ފެށިގެން ވޯޓުލުމުގެ އެންމެހާ ކަންކަން ނިމެންދެން ކެމްޕޭން ކުރުމަކީ، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން މަނާކަމެކެވެ. އެހެންކަމުން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ތާއީދު ހޯދުމަށް، ކެމްޕޭންގެ ހަރަކާތްތައް މަނާވާނެ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
މި އިންތިޚާބުގައި ވޯޓުލުމަށް 588 ތަނެއްގައި ވޯޓުފޮށި ބަހައްޓާނެ އެވެ. އަދި މިއިން ކޮންމެ ވޯޓުލާ ސްޓޭޝަނެއްގައި ވެސް ތިން ވޯޓަށް ވަކިވަކި ވޯޓު ފޮށި ބެހެއްޓިފައި ހުންނާނެ ކަމަށް އީސީން ބުނެ އެވެ.
މާލެއާއި އަތޮޅުތައް ހިމެނޭހެން ވޯޓުލުމުގެ ކަންކަން 347 މަރުކަޒެއްގައި ބަހައްޓާ 588 ސްޓޭޝަންގައި ކުރިއަށްދާނެ އެވެ. އަދި ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ހުރިހާ ތަކެތި މިހާރު ވަނީ، މަރުކަޒުތައް ހިމެނޭ ރަށްތަކަށް ފޮނުވާފަ އެވެ. އޭގެ ތެރޭގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތެރިވާ ހުރިހާ އޮފިޝަލުންނަށް ބޭނުންވާ ސާމާނާއި ވޯޓުފޮށިތަކުގެ އިތުރުން ވޯޓު ކަރުދާސް ހިމެނެ އެވެ.
މާލޭގައި ޓެންޓު ޖަހައިގެން ވޯޓުލުން ކުރިއަށްގެންދާ މަރުކަޒުތަކަކީ މާލޭގެ ހެންވޭރު ސްޓޭޑިއަމް އަދި މާފަންނު ސްޓޭޑިއަމެވެ. އެންމެ ގިނަ ވޯޓު ފޮށި ހެންވޭރު ދަނޑުގައި ބަހައްޓާއިރު، އެތަނުގައި 30 ވޯޓު ފޮށި ބަހައްޓަ އެވެ.
މި އިންތިހާބުގައި މާލެ ސަރަހައްދުގައި އެކަނި 241 ވޯޓުފޮށި ބަހައްޓާނެ އެވެ. މާލެއާއި ހުޅުމާލެ އާއި ވިލިމާލޭގެ 26 ސްކޫލެއްގައި ފޮށިތައް ބަހައްޓާއިރު، އެންމެ ގިނަ ފޮށި ބަހައްޓަނީ އަމީނިއްޔާ ސްކޫލުގަ އެވެ. އެއީ، 15 ވޯޓު ފޮއްޓެވެ.
މިފަހަރުގެ އިންތިހާބުގައި އަތޮޅުތަކުގައި 322 ވޯޓު ފޮށި ބަހައްޓާނެ އެވެ. އަދި 21 ރިސޯޓާއި، 5 ޖަލެއްގައި ވެސް ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އަތޮޅުތަކުގައި ބަހައްޓާ ފޮށިތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ފޮށި ބަހައްޓަނީ، އައްޑޫގަ އެވެ. އެ އަތޮޅުގައި 29 ފޮށި ބަހައްޓަ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ޚިޔާލު ހޯދުމުގެ ވޯޓަށް ވެސް ކޮންމެ ސްޓޭޝަނެއްގައި ވަކިން ވޯޓު ފޮށި ބަހައްޓާފައި ހުންނާނެ އެވެ. އެ އިންތިހާބަކާ ގުޅޭ ވޯޓު ކަރުދާހެއް ލާން ޖެހޭ ފޮށީގެ އިރުޝާދު މަރުކަޒުގައި ހަރަކާތްތެރިވާ އީސީގެ އޮފިޝަލުން ދޭނެ އެވެ.
އިލެކްޝަންސް އިން ބުނިގޮތުގައި މި ފަހަރުގެ އިންތިޚާބުތަކަށް މުޅި ޖުމުލަ 888,845 ވޯޓު ކަރުދާސް ޗާޕު ކޮށްފައިވެ އެވެ. އަދި ކޮންމެ އިންތިޚާބަކަށް ޗާޕު ކޮށްފައި ވަނީ ވަކި ކަރުދާހެކެވެ. އެހެންކަމުން ވޯޓުލާ ކޮންމެ މީހަކަށް 3 ކަރުދާސް ލިބޭނެ އެވެ.
ވޯޓުލާން ޖެހޭ ފޮއްޓާއި މަރުކަޒު ޔަގީން ކުރުމަށް، VR (space) ID card number ޖެހުމަށްފަހު 1414 އަށް މެސެޖްކޮށްގެން ބަލައިލެވޭނެ އެވެ. އަދި ވޯޓު ލުމަށް ބޭނުން ކުރެވޭނީ އައިޑީ ކާޑާއި ޕާސްޕޯޓާއި ޕާސްޕޯޓް ކާޑާއި ލައިސަންސްގެ އަސްލު އެކަންޏެވެ. އީފާސް ބޭނުމެއް ނުކުރެވޭނެ އެވެ.
ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ، ފޮށި ބަންދުކުރާތާ 1 ގަޑިއިރު ފަހުންނެވެ.
އީސީން ބުނިގޮތުގައި ވޯޓު ގުނުމުގައި ފުރަތަމަ ގުނާނީ ކައުންސިލަށް އިންތިހާބު ކުރާ މެންބަރުންގެ ފޮށިތަކެވެ. އަދި އެއަށްފަހު ގުނާނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވޯޓުގެ ފޮށިތަކެވެ. އަދި ޚިޔާލު ހޯދުމުގެ އާއްމު ވޯޓުގެ ނަތީޖާ ގުނާނީ އެންމެ ފަހުންނެވެ.
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ޖޫން މަހުގެ ނިޔަލަށް ނިންމަނީ
ޒޭންގެ އާ އަލްބަމްގައި ނުސްރަތުއަށް ހާއްސަ ލަވައެއް!
ދަރިންގެ ފަރާތުން މިކަންކަން ފާހަގަވާނަމަ ފަރުވާކުޑަ ނުކުރާތި!