އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވަމުން ގެންދަވާ "ޒިންމާދާރުކަން ކުޑަ" ނުބައި އަމަލުތަކުގެ ސަބަބުން މުޅި ސަރަހައްދުގައި ރޯވެގެންދާނެ ކަމުގެ އިންޒާރު އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފް ދެއްވައިފި އެވެ.
އެކްސްގައި އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި ގާލީބާފް ވިދާޅުވީ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރުތަކަށް ޓްރަމްޕް ތަބާވަމުންދާތީ، އޭގެ ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ކޮންމެ އާއިލާއަކަށް ނަރަކައެއް ފަދަ ހާލަތެއް ކުރިމަތިވެ، މުޅި ސަރަހައްދު އަނދައިގެންދާނެ ކަމަށެވެ.
"މި ނުރައްކާތެރި ކުޅިވަރު ހުއްޓާލައި، އީރާނުގެ ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމް ކުރުމަކީ ޓްރަމްޕް އަށް އޮތް ހަމައެކަނި ހަގީގީ ހައްލު،" ގާލީބާފް ވިދާޅުވި އެވެ.
މި އިންޒާރު އީރާނުން ދީފައި މިވަނީ، ހޯމްރޫޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނަށް ދީފައިވާ މުހުލަތު އަންގާރަ ދުވަހުގެ ރެއަށް ހަމަވާނެ ކަމަށާއި، އެހެން ނޫންނަމަ އީރާނުގެ އިންފްރާސްޓްރަކްޗާއަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ވޯލް ސްޓްރީޓް ޖާނަލްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އަންގާރަ ދުވަހުގެ ރެއާ ހަމައަށް އީރާނުން ފިޔަވަޅެއް ނާޅައިފިނަމަ، އެ ގައުމުގެ އެއްވެސް އިންޖީނުގެއެއް ނުވަތަ ބްރިޖެއް ސަލާމަތުން ނުހުންނާނެ ކަމަށެވެ.
ޓްރަމްޕް ފަހުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި، އީރާނުގެ ނަން ސީދާ ބޭނުން ނުކުރެއްވި ނަމަވެސް، "އަންގާރަ ދުވަސް، އިރުމަތީ ގަޑިން ރޭގަނޑު 8:00!" މިހެން ލިޔުއްވާފައިވެ އެވެ. މީގެ ކުރިން ކުރެއްވި ޕޯސްޓެއްގައި ވެސް ޓްރަމްޕް ވަނީ ކަނޑުއޮޅި ނުހުޅުވައިފިނަމަ އީރާނުގެ އިންފްރާސްޓްރަކްޗާއަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަނީ ނުހަނު ބޮޑަށް ނުތަނަވަސްވެފަ އެވެ. އީރާނުން ބުނަމުންދަނީ އެމެރިކާގެ މިފަދަ އަމަލުތަކަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.
ޕަރިނީތީގެ މުޅިން އާ ޓޯކް ޝޯއެއް!
އެމެރިކާއިން ބޭނުން ގޮތަށް ކަނޑުއޮޅި ނުހުޅުވާނަން: އީރާން
ރައްޔިތުން ސަރުކާރަށް ބޮޑުތަނުން "ނޫނެކޭ" ބުނެފި