މާލެ ބަނދަރު ތޮއްޖެހި ކޮންޓެއިނަރު ބަހައްޓާނެ ޖާގަ ނެތިގެން، ރާއްޖެއަށް ކޮންމެހެން ގެންނަން ޖެހޭ މުދާ ހުރި 4،200 ކޮންޓެއިނަރު ނުގެނެވި ސްރީލަންކާގެ ކޮލަމްބޯ ޕޯޓުގައި ތާށިވެފައި ހުންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ލަންކާގައި އެ ކޮންޓެއިނަރުތައް ތާށިވުމުން ރާއްޖެއަށް ގެންނަ ވަރަށް ގިނަ ކާބޯތަކެތި ވެސް ވަނީ ގެނެވޭނެ ގޮތެއް ނެތިފަ އެވެ. މީގެ ތެރޭގައި ރިސޯޓްތަކަށް ގެންނަ ކާބޯތަކެއްޗާއި މާލޭގެ ބާޒާރަށް ގެންނަ ގިނަ އަދަދެއްގެ ކާބޯތަކެތި ހިމެނެ އެވެ. އަދި އެތަކެތި ނުގެނެވި ލަސްވުމުން ބައެއް ބާވަތްތައް މާކެޓުން މިހާރު ވަނީ ހުސްވެފަ އެވެ.

މި މައްސަލަ ދިމާވެފައިވަނިކޮށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ރިޝްވާން އިއްޔެ ރޭ ވަނީ އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ކޮލަމްބޯގައި ތާށިވެފައި ހުރި ކޮންޓެއިނަރުގެ ތެރެއިން ރާއްޖޭގެ މާކެޓަށް ދިމާވެދާނެ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން 80 ކޮންޓެއިނަރު އަވަސްކޮށް ދޭން އެދިފައިވާ ކަމަށެވެ. އަދި ރާއްޖެއާ ކޮލަމްބޯއާ ދެމެދު ދަތުރުތައް ކުރަމުން އައި ނަމަވެސް މިހާތަނަށް ތާށިވި 4،200 ކޮންޓެއިނަރުގެ ތެރޭގައި ވަކި ބާވަތެއްގެ މުދާ މަޑުޖެހިފައި ހުރުމުގެ ސަބަބުން ރާއްޖޭގެ މާކެޓަށް އޭގެ ސަބަބުން ދިމާވެދާނެ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، އެފަދަ މުދާ ރާއްޖެ ގެނައުމުގެ މަސައްކަތް އަވަސް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ހެނދުނު ވިދާޅުވި ދެ ޕްރޮޑަކްޓެއް އަވަސްކުރަން ބާޒާރުން އަޅުގަނޑުމެންނަށް ރެކުއެސްޓް ކޮށްފައި އެބައިނޭ. އެހެންވެ އެ ދެ ބާވަތް ވެސް އަޅުގަނޑުމެން މިދަނީ އަވަސްކުރަމުން. އޭގެ ތެރޭގައި އެސެންޝިއަލް އައިޓަމްސްގެ ތެރޭގައި ހިމެނޭ. މާނައަކީ 164 ބާވަތެއްގެ އައިޓަމްގެ ތެރޭގައި ހިމެނޭ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަސާސީ ބާވާތަތްކުގެ ތެރެއިން ދެ ބާވަތެއް އަވަސްކޮށްދިނުމަށް މާކެޓުން އެ މިނިސްޓްރީގައި އެދިފައި ވާތީ އެ ކަމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން ސަން ފްލާވާ ތެލާއި ކިރު ރާއްޖެއަށް ގެނައުން އަވަސް ކުރުމަށް ލަންކާގެ ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިފަހަކަށް އައިިސް މާލެ އަށް މުދާ ގެންނަ ބޯޓުތައް ހުސްކުރުމަށް ދެ ހަފުތާއަށް ވުރެ ގިނަ ހޭދަވާ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ. އަދި ކޮންޓެއިނަރުތައް ބޭލުން ލަސްވުމުގެ އިތުރުން ބަނދަރު ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ކަމަށް ވެސް އެ ވިޔަފާރިވެެރިން ބުނެ އެވެ.

"ހުރިހާ" އާ ވާހަކަދެއްކި ވިޔަފާރިވެރިއަކު ވިދާޅުވީ ރާއްޖޭގައި މިދިޔަ އަހަރު ފަހުކޮޅުން ވެސް ވަރަށް ގިނަ ރިސޯޓުތައް ހަދަން ބޭރުން މުދާ ގެންނަން ފަށާފައިވާ ކަމަށެވެ. އޭގެ ސަބަބުން މުދާ ބޭލުން ވަރަށް ބޮޑަށް ލަސްވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުދާ ބޭލުން ލަސްވަމުން ދަނިކޮށް ރޯދަމަސް އައީ. ރޯދަމަސް އައުމާއެކު އެމްޕީއެލްގެ މަސައްކަތު ގަޑި ކުރުކޮށް ހެދުމުން އިތުރަށް ޕޯޓު ކޮންޖެސްޓް ވަމުން ދިޔައީ،" އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މެލޭޝިއާ ސިންގަޕޫރުން ސީދާ މާލެއަށް ދަތުރުކުރުން ހުއްޓާލުމުން ކޮލަމްބޯ ޕޯޓުގައި ކޮންޓެއިނަރުތައް މަޑުމަޑުން ފުނިޖެހެން ފެށި ކަމަށެވެ. އަދި ކޮލަމްބޯ ޕޯޓުގައި ހުރި އެތައް ހާސް ކޮންޓެއިނަރެއް އަލުން ރާއްޖެއަށް ގެނެވޭތީ ކިހާ ދުވަހަކުން ކަމެއް ބުނަން ނޭނގޭ ކަމަށް ވެސް އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

"މާލޭ ބަނދަރުގެ ކަންތައްތައް ވަނީ ވަރަށް ބޮޑަށް ބޮއްސުންލާފައި އޮތުމުން ސީދާ ދަތުރުތައް ހުއްޓާލީ. މިތަނަށް ކޮންޓެއިނަރުތައް ބޭލިއަސް ބަހައްޓާނެ ޖާގައެއް ނެތް. މުޅި ތަން ވަނީ ތޮއްޖެހިފައި. އޭގެ ސަބަބުން ގެންނަ އެއްޗެއް ހުޅުވޭނެ ގޮތެއް ވެސް ނެތް،" ވިޔަފާރިވެރިއަކު ބުންޏެވެ. "އިންތިހާއަށް ސިޔާސީ މުވައްޒަފުން ގިނަ އެމްޕީއެލްގެ ހިންގުމުގެ ދޯހަޅިކަން ވަރަށް ބޮޑަށް އޮތް ތަނެއް މި ބަނދަރަކީ."

އެ ވިޔަފާރިވެރިޔާ ވިދާޅުވީ ކޮލަމްބޯ އާއި މާލެއާ ދެމެދު މުދާ އުފުލަން ބޭނުންކުރަނީ އެންމެ ތިން ބޯޓު ކަމަށެވެ. އެއާއެކު އިންތިހާއަށް ފްރެއިޓް ޗާޖަސް ބޮޑުކޮށްފައިވާ ކަމަށް އެ ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

"މިތަނަށް އައިސް މުދާ ނުބޭލިގެން އަނބުރާ ކޮލަމްބޯއަށް ބޯޓު އެބަދޭ. މި ދޭތެރެއިން ކެމްޕޭނެއް މުވައްޒަފުން ރިލީޒް ކުރުމުން ވެސް މުދާ ބޭލުން އެތައް ދުވަހެއް ލަސްވެގެން ހިނގައްޖެ،" އޭނާ ވިދާޅުވި އެވެ.